ބޭނުމީ އެއާޕޯޓް ތަރައްގީކުރަން ނަމަވެސް ގެއްލުންނުވާ އެއްބަސްވުމެއްގެ ދަށުން ދޫކޮށްލަފާނަން: ގާސިމް

ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް: ކާޑެއްދޫ އެއާޕޯޓް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ވިލާ އެއާއިން ބޭނުންވަނީ އެ ކުންފުނިން ހިންގަމުން އަންނަ ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާނަމަ، ދެ ފަރާތަށް ވެސް ގެއްލުންނުވާ ފަދަ އެއްބަސްވުމެއްގެ ދަށުން އެއާޕޯޓް ދޫކުށްލަން ތައްޔާރުކަމަށް ވިލާ އެއާގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއާޕޯޓުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ، އިގުތިސާދީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ. އޭނާ ވަނީ، އެ އެއާޕޯޓުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށާއި ވިލާ އެއާއިން އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވެ، ވީރާނާވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ވިލާ އެއާ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެ ކޮމިޓީގައި ގާސިމް ވިދާޅުވީ ދައުލަތުން ވެސް އެއާޕޯޓުތައް ހިންގަނީ ވަރަށް ބޮޑު ޚަރަދުތައްކޮށްގެން ކަމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ފިޔަވައި ހުރިހާ ތަނަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވާ ކަމަށެވެ. ހަމަ އެގޮތަށް ކާޑެއްދޫ އެއާޕޯޓު ވެސް ހިންގަނީ ވަރަށް ބޮޑު ގެއްލުމާ ކުރިމަތިލަމުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހަގީގަތަކީ ވަރަށް ކުޑަ އެއްޗެއް ލިބެނީ، ލިބޭ އެއްޗަކުން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިވެސް ނުލިބޭ އަދި ލިބޭ އެއްޗެއް ވެސް އޮންނަނީ ޕެންޑިންގައި ނުލިބި. އެހެންވުމުގެ ސަބަބުން ކޮންމެ މަހަކު ވެސް ގާތްގަނޑަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ޚަރަދުކުރަން ޖެހޭ،" ގާސިމް ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓް: ވިލާ އެއާއިން އެ އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވާ ކަމަށް ބުނެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފައި -- ފޮޓޯ: ހޮލިޑިފައި

އެހެންނަމަވެސް، އެ އެއާޕޯޓުގެ ޖެނެރޭޓަރުތަކުގައި މައްސަލަ ޖެހުމުން ދެ ފަހަރެއްގެ މަތިން ބަދަލުކޮށްފައިވާ ކަމާއި ރަންވޭ މަރާމާތު ކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް ވާހަކަ ދައްކައި، ދެ ފަރާތުގެ މެދުގައި ރަނގަޅު ގުޅުމެއް ބާއްވަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް ވިދާޅުވި އަޅުގަނޑު ކައިރީގައި އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައި ދެއްވުމުގައި މަސައްކަތްކުރެއްވުން އެދިވަޑައިގަންނަވާ ކަމަށް ދެ ފަހަރެއްގެ މަތިން. ދެން އަޅުގަނޑު ދެންނެވިން އާދޭހޭ އަޅުގަނޑުމެން އެ މަސައްކަތް ކުރާ ގޮތަށޭ ތިބީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮވިޑް-19ގެ ވަބާއަށް ފަހު އަދިވެސް ކުންފުނީގެ މާލީ ހާލަތު އޮތް ގޮތުންނާއި ދުނިޔޭގެ މަޝްރަހަށް އައިސްފައި އޮތް ބަދަލުތަކުގެ ސަބަބުންނާއި ގައުމުގެ ކްރެޑިޓް ރޭޓިން އޮތް ހާލަތުން، މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި ވަރަށް ގިނަ ދަތިތައް ދިމާވާ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ބައެއް މަސައްކަތްތައް ފަސްވަމުން ދަނީ އެ މައްސަލަތަކުގެ ސަބަބުން ކަމަށް އެ މަނިކުފާނު ކިޔައިދެއްވިއެވެ. ނަމަވެސް ވިލާ އެއާއިން ބޭނުންވަނީ ކާޑެއްދޫ އެއާޕޯޓު ހިންގުމާއި ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާން ކަމަށާއި އެގޮތުން ރަންވޭ ބޮޑުކުރުމާއި އިތުރު މަރާމާތުތައް ކުރަން ރާވާފައި އޮތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އިންޓެންޝަން އޮތީ އެކަން ކުރާ ގޮތަށް. އެކަމަކު ސަރުކާރުން ވަކި ގޮތެއް ބޭނުންވެގެން މިވެނިހެން އެވެނިހެން ވިދާޅުވާން ވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ އެ ފަރާތަކަށް ރީޒަނަބަލް ގޮތަކަށް ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ވެސް ގެއްލުމެއް ނެތް ގޮތަކަށް ކަމަށްވިއްޔާ، އެ ތަން އަޅުގަނޑުމެން ދޫވެސް ކޮށްލާ ގޮތަށް މީނީ. އަޅުގަނޑުމެންގެ ޖަދަލު ކުރުމެއް ވެސް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ވިލާ އެއާގެ އިސް ބޭފުޅުން އިގުތިސާދީ ކޮމިޓީގައި: ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވި ފަހުން ޚިދުމަތުގެ ފެންވަރު ދަށްވާ ކަމަށް ބުނެ މައްސަލައެއް ވަނީ ކޮމިޓީއަށް ހުށަހަޅައިފައި -- ފޮޓޯ/ މަޖިލިސް

މީގެ އިތުރުން އެއާޕޯޓެއްގައި އަބަދުވެސް ތަރައްގީ ކުރަން ޖެހޭނެ ކަންތައްތަކެއް ހުރާނެ ކަމަށާއި އެކަން ގަބޫލުކުރައްވާ ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު ތަނެއް ތަރައްގީކުރަން ވާނީ އެ މަސައްކަތް ކުރެވޭނެ ދެމެހެއްޓެނިވި ގޮތްތަކެއް ބަލައިގެން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރުން އިރުއިރުކޮޅުން އަޅުގަނޑުމެން އަތުން އަތުލާފައި، އިރުއިރުކޮޅުން ގޯނާ ކުރަންޏާ ކިހިނެއްތޯ އެކަން ކުރާނީ މިހާރު ވެސް، ކުރީގައި ނުކުރެވުނީ އެހެންވެ، ކުރީގައި ވެސް އިންވެސްޓަރުން އައިސް ހުރިހާ ކަމެއް ނިންމާފައި އޮއްވައި ސަރުކާރުން އަތުލައި، ދަމައިގަތީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"މާފުކުރައްވާ ދަމައިގަތީއޭ ދެންނެވުނީމަ އެކަމަކު ސިފައިން އަރައިފައި އަޅުގަނޑުމެން ބޭލުވީ އެހެންވެ އަޅުގަނޑުމެން ފައިބައިގެން އައީ އެއްވެސް އެއްޗެއް ނުގެންދަން."

އެ މައްސަލައިގައި ކުންފުންޏަށް އެއްވެސް ބަދަލެއް ނުލިބޭ ކަމަށާއި، އެ ބަދަލު ހޯދަން ކޯޓަށް ދެވެން އޮތް ނަމަވެސް ވިލާ އެއާއިން ނިންމީ، އަލުން އެއާޕޯޓް ހަވާލުކުރުމުން މަސައްކަތްތައް ކުރިއަށްގެންދާން ކަމަށް ގާސިމް ވިދާޅުވިއެވެ.

ކާޑެއްދޫ އެއާޕޯޓް އެންމެ ފުރަތަމަ ވިލާ އެއާއާ ހަވާލުކުރީ ނޮވެމްބަރު 6، 2013ގައެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަނަވަރީ 18، 2017ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ. އެއަށްފަހު އަލުން އެ އެއާޕޯޓް ވިލާއަށް ދޭން އެއްބަސްވުން ހެދީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2022ގައެވެ.

comment ކޮމެންޓް