ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއާ ހަވާލުކުރިހާ އަވަހަކަށް ބަނދަރުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެ އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.
ހުކުމް ކުރިތާ އަށް މަސް ވެގެން ދިޔައިރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން މިހާތަނަށް ވިލާ އެއާއާ އެ އެއާޕޯޓް ހަވާލު ކޮށްފައެއް ނުވެއެވެ. ޓްރާންސްޕޯޓް މިނިސްޓަރަކީ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ސަރަހައްދީ އެއާޕޯޓު ހުންނަ ކާޑެއްދޫގެ މައި ޖެޓީ އިއްޔެ ވެއްޓި އެ ރަށަށް އަރައިފޭބުމުގައި ދަތިތަކާ ކުރިމަތިލާން މިހާރު ވަނީ ޖެހިފައެވެ. ޖެޓީ ހަލާކުވާން މެދުވެރިވީ ބަނދަރުގެ ފާރުގެ ދަށުން މޫދަށް ވެލިގަނޑު ދަމައިގަންނާތީއެވެ.
އެކަމާ ގުޅޭގޮތުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ނާޝިދު މިއަދު "ސަން"އަށް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓްގެ ހާލަތު މިދިޔަ އަހަރު ފަހުކޮޅު އެ ކުންފުނީގެ ވެރިން ބެއްލެވި ކަމަށާއި ވިސްނުން ހުރީ އެ ރަށުގައި އާ ބަނދަރެއް ހެދުމަށް ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް ކުރެވެން އަންނަނީ އެ ކުންފުންޏާ އެ އެއާޕޯޓް ރަސްމީކޮށް ހަވާލު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަވާލު ކުރާ ހިސާބުން އެކަންކަން [ބަނދަރު ހެދުން] ހައްލު ކުރަން ފަށާނެ. ކުންފުނީގެ ޓޮޕް ލެވަލްއިން ސައިޓް އިންސްޕެކްޝަން ހަދާފައިވަނީ،" ނާޝިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާއެކު އެއްބަސްވެފައިވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނަން ހަވާލު ކުރާ ހިސާބުން،"
ނާޝިދު ވިދާޅުވީ އެގްރިމެންޓް ހެދުމަށްޓަކައި އެކުންފުނިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުން ވަރަށް އަވަހަށް އެގްރިމެންޓް ހަދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކު ފޮލޯއަޕް ހަދަމުން ދަނީ. އުއްމީދު ކުރަނީ ވީހާވެސް އަވަހަށް އެއާޕޯޓް ހަވާލު ކުރާނެ ކަމަށް،" ނާޝިދު ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓްގެ ގޮތުގައި ފާހަގަވެފައިވާ ކާޑެއްދޫ އެއާޕޯޓަށް އަރާފައިބާ މައި ޖެޓީ ވެއްޓިފައިވާއިރު އެކަމަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް އިއްޔެ އެމްޓީސީސީން ވަނީ ފަށައިފައެވެ.
ކާޑެއްދޫގެ ބަނދަރު އަލުން މަރާމާތުކުރުމަށް ބޭނުންވާ ދިރާސާ އެއް ހެދުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ސުޕްރީމް ކޯޓުގައި އޮތް ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ނިންމުމާ އެކު މަރާމާތުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ.