ވިލާ އެއާގެ އާ ވެބްސައިޓް ލޯންޗް ކޮށްފިއެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ. މި ވެބްސައިޓް ލޯންޗު ކުރީ ވިލާ އެއާއަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ގާލާ ޑިނާ ގައެވެ.
ވިލާ އެއާއިން ލޯންޗުކުރި ވެބްސައިޓުން ދަތުރުވެރިންނަށް މުހިންމު ގިނަ މައުލޫމާތުތަކެއް ފަސޭހައިން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މި ވެބްސައިޓް މެދުވެރިކޮށް ވިލާ އެއާގެ ފްލައިޓާއި ލޯންޗުން ފަސިންޖަރުންނަށް ދަތުރު ބުކް ކުރެވޭނެއެވެ. އަދި ދަތުރުކުރާއިރު ބޭނުން ވާނެ ޓްރެވަލް ޑޮކިއުމެންޓާ ގުޅޭ މައުލޫމާތާއި ފްލައިޓް ޝެޑިއުލް ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.
ވިލާ އެއާ އަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ގާލާ ޑިނާގައި ވަނީ މުވައްޒަފުންގެ މަސައްކަތްތައް ފާހަގަކޮށް ހަނދާނީ ފިލާ ދީފައެވެ. ވިލާ އެއާގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި، ވިލާ އެއާ އުފެދު ދުވަހުން ފެށިގެން މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ވިލާ އެއާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުނަށް ވަނީ ހަދިޔާ ދީފައެވެ.
ވިލާ އެއާއިން ބޭއްވި ގާލާ ޑިނާގައި އދ. މާމިގިލި އަދި ބ. ދަރަވަންދޫގައި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
އެ ހަފުލާގައި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަޝީދު ވަނީ ކުންފުނިން ރާވާފައިވާ ޕްލޭންތައް މުވައްޒަފުންނާ ހިއްސާ ކޮށްފައެވެ. އަދި ފާއިތުވި ދުވަސްތަކުގައި ކުރިމަތިވި ދަތިތަކުން އަރައިގަނެ ކުންފުނި ތަރައްގީވެ ކުރިއަރާފައިވާ މިންވަރު ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ވިލާ އެއާއިން ބޭއްވި ގާލާ ޑިނާގައި މުވައްޒަފުންގެ މެދުގައި ހޮވުނު ނަސީބުވެރި އަށް މީހަކަށް ވަނީ ރިސޯޓެއްގައި ދެ ރޭ ހުރުމުގެ ފުރުސަތު ދީފައެވެ.