ތަހުޒީބު ދުލުކުރީގައި

ހުޅުމާލޭގެ މަގެއްގެ އެއްފަރާތުގައި ކުނިފުންޏެއް — ސަން ފޮޓޯ/ ފަޔާޒު މޫސާ

ދާދި ފަހުން ދުވަހަކު ރައްޓެއްސަކާ ބައްދަލުކޮށްލަން ހުޅުމާލެއަށް ޖައްސައިލީމެވެ. އޭނާ ދިރިއުޅޭ އެޕާޓްމަންޓާ ހަމައަށް ގޮސްފައި ގުޅާލުމުން ނިކުމެއްޖެއެވެ. އެރީ އަޅުގަނޑުގެ ސައިކަލުގެ ފަހަތަށެވެ. ދުއްވާލިތަނާ ބުނެފިއެވެ. ނިކަން ބަލައިލަބަލާށެވެ! އޭނާ އިޝާރާތްކުރީ މަގުގެ އެއް ފަރާތުގައި އޮތް ހުސްޖާގައަށެވެ. އެ ދިމާއަށް އަޅުގަނޑު ބަލައިލީމެވެ. ފެނުނީ ހިތާނުވާ ފަދަ މަންޒަރެކެވެ. ފުންޏަކަށް ޖަހާފައި ހުރި ކުނިބުންޏަށް ވާ ފަދަ ސާމާނުތަކެކެވެ. އޭގެތެރޭގައި ހަލާކުވެފައި ހުރި ފަރުނީޗަރުގެ ބޮޑެތި އެތިގަނޑުގަނޑާއި ހަލާކުވެފައި ހުރި ޕްލާސްޓިކް ގޮނޑިއާއި ކަރުދާސް ފޮށިގަނޑުގަނޑާއި އަދި ވެސް މި ކަހަލަ އެއްޗެހިތަކެވެ. އެ ތަކެތި އެ ތަނުގައި އެހެން ހުރެހުރެ، ވީރާނާވަމުން ދާ ކަމުގެ އަލާމާތްތައް ފެންނާން ހުއްޓެވެ. މިއީ ކޮންކަމެއް ހޭ އަހައިލުމުން އޭނާ ބުނީ، އެ ތަނުން އެޕާޓްމަންޓަކުން، މީގެ ދުވަސްކޮޅެއް ކުރީން ނެރެފައި ހުރި އެއްޗެހިތަކެއް ކަމަށެވެ. އުކާލަން ނެރުނު ގޮތަށް، އެހެން ހުރެ ވީރާނާވަމުން ދަނީ ކަމަށެވެ.

ތަންކޮޅަކަށް ގޮސްފައި، އަނެއްކާ ވެސް ހަމަ އެ ކަހަލަ އެހެން ކުނިފުންޏެއް އޭނާ ދައްކާލިއެވެ. ހަމަ އެ ކަހަލަ އެގޮތްމިގޮތުގެ ސާމާނެވެ. އެ ފަދަ ތިންވަނަ ކުނިފުންޏެއް ވެސް އޭނާ ދެއްކިއެވެ. މިހިރީ މީސްމީހުންގެ ކަންކަން ހުންނަ ގޮތޭ ބުނަމުންނެވެ. ގޭގައި ހުންނަ އެއްޗެހި އުކާލާންވީމާ ނެރެ، މަގުގެ އެއް ފަރާތުގައި ބަހައްޓަނީއެވެ. އަމިއްލަ ޒިންމާއެއް ނެތެވެ. މިއިން ކަމެއް ބަލާނޭ މީހަކު، ފިޔަވަޅެއް އަޅާނޭ ފަރާތެއް އަމުދުން ހުރީއެއް ނޫނެވެ. ދެން ވާނީ މިހެން ނޫން ހެއްޔެވެ؟ އޭނާ ވާހަކަ ނިންމާލީ، މި ކަހަލަ ކިތަންމެ ތަނެއް ވެސް އަދިވެސް ދައްކަފާނަމޭ ބުނަމުންނެވެ.

މި ނާތަހުޒީބު، ދަށް ފެންވަރުގެ މަންޒަރުތައް ފެނިފައި ހިތަށް އެރިއެވެ. މި ފަދަ ތަރައްޤީ ޒަމާނެއްގައި ވެސް ބައެއް ދިވެހިންގެ ޢަމަލުތައް ހުންނަ ގޮތް ދެކިބަލާށެވެ. ނޭފަތް ސާފުކޮށްލާފައި، ކޮލުގައި ފުހެލީމާ އެ ވީ ކޯޗަކަށް ހެއްޔެވެ؟ އާއެކެވެ. ނޭފަތް އެހެރީ ސާފުވެފައެވެ. ދެން ކޮންމެ ގޮތެއް ވިޔަސް ވަރިހަމަތާއެވެ. ނޫނެކެވެ. އެ ގޮތެއް ކަމަކުނުދާނެއެވެ. އެ ފަދަ ބޮޑު ވަރިހަމައަކުން ފުއްދައިލެވޭ ފަދަ ކަމަކަށް މި ފަދަ ކަންކަން ހަދައިގެން ނުވާނެއެވެ. ތިމާ ދިރިއުޅޭ ތަނުގައި އުފެދޭ ކުނިބުނި ނެރެ، މަގުމައްޗަށް އަޅައިލުމުން، އެތަކެތި ނައްތާލެވުނުކަމަކަށް ނުވާނެއެވެ. އެ މަސައްކަތް ނިމުނު ކަމަކަށް ވެސް ނުވާނެއެވެ. ނިމުނުކަމަށްވާނީ، އެ ތަކެތި ގެންދަން ޚާއްޞަކޮށްފައި ހުރި ތަނަކަށް ގެންދެވުނީމައެވެ. އެހެންނޫންނަމަ ކިތަންމެ ރީތި ހެދުމެއް އަޅައިގެން، ކިތަންމެ ވަސް މީރު ސެންޓެއް ޖަހައިގެން، ކިތަންމެ އަގު ބޮޑު ފޯނެއް ހިފައިގެން، ކިތަންމެ ޒަމާނީ ކާރަކަށް އެރިޔަސް، ތިބާގެ ކިބައިގައި، ތަހުޒީބޭ މި ކިޔާ ސިފައިގެ ކަންފުޅެއް ވެސް ހުރި ކަމަކަށް ނުބެލެވޭނެއެވެ.

ހުޅުމާލެއަކީ ވަރަށް ރީއްޗަށް ޕްލޭންކޮށްގެން، ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ ރަށެއްކަން، ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ. މިއީ ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު ޒިޔާރަތްކުރާ ނަމުނާ ރަށެކެވެ. އެހެންކަމުން މި ކަހަލަ ނާތަހުޒީބު ޢަމަލުތައް މި ރަށުން ފެންނަ ނަމަ، އެ ހުތުރު ބަދުނާމު ލިބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟ ދެކުނު އޭޝިޔާގައި ދިރިއުޅޭ، އެންމެ ތަހުޒީބު އާބާދީ ކަމަށް އަމިއްލައަށް ދުލުކުރީގައި ލިޔެގެން މި އުޅޭ، އަޅުގަނޑުމެން ދިވެހިންނަށް ނޫން ކޮން ބަޔަކަށް ހެއްޔެވެ؟ އެހެންކަމުން މި ހުތުރުން ސަލާމަތްވުމަށް ޓަކައި ވެސް، މި ފަދަ މުޑުދާރު އަމަލުތަކާ ދުރުހެލިވާން އެބަ ޖެހެއެވެ.

ކޮންމެ ކަމަކީ ދަނޑިމާރު އަޅައިގެން އިސްލާޙުކުރާން ޖެހޭ ކަމަކަށް ވެއްޖެ ނަމަ، ކަންކަން އިސްލާޙެއް ނުވާނެއެވެ. ދާނީ ގޯހުން ގޯހަށެވެ. ކޮންމެ މީހަކު ވެސް، އަމިއްލަ ވިސްނުމާއި ފުކުރު އިސްކޮށް، ކަންކަން އިސްލާހުކުރާ މީހަކަށް ވެގެން ނޫނީ، ކަމެއް ރަނގަޅަށް ދާކަމަކަށް ނުފެންނާނެއެވެ. ގިނަ ފަހަރު އަޅުގަނޑުމެން ކުރާ ކަންކަމުގެ މިސްރާބު އޮޅި، ފަރު މައްޗަށް ބީހި، ރަޅާތަޅައި ފުނޑުފުނޑުވެދާން ދިމާވާ ސަބަބަކީ މިއެވެ. އޭނާ ވެސް ކަންކުރަނީ މިހެންނެވެ. ތިމަންނާއަށް ނުކުރެވޭންވީ ކީއްވެގެން ހެއްޔެވެ؟ މި ވިސްނުމުގައި ހިނގައިގެންފި ނަމަ، އެ ހިނގައިގަނެވެނީ، ގޯސްމަގުން ދަތުރަށް ފަށައިގެން އުޅޭ މީހެއްގެ ފިޔަވަޅުމަތިންނެވެ. ދެން ވާނީ ކިހިނެއް ތޯއެވެ؟ އެ މީހާ އެޅި ކޮންމެ ކަތި ފިޔަވަޅަކަށް ތިމާއަށް ވެސް އެޅޭނީ ކަތި ފިޔަވަޅެކެވެ. އަނެއްކާ ތިންވަނަ މީހާ، މި ދެ މީހުންނާ ތަބާވާންވީއެވެ. ނަތީޖާއަކަށް ވާނީ މުޅި މުޖުތަމަޢު ގޯސް މަގު ޚިޔާރުކުރުން ނޫން ތޯއެވެ؟

މިއީ މި ފަދަ ކަންކަން ވެގެންވާނޭ ގޮތެއް ނޫނެވެ. ކޮންމެ މީހަކީ ވެސް އަމިއްލަ ޒިންމާއެއް އޮތް މީހެއްކަން ހަނދާން ބަހައްޓާށެވެ! ތިބާގެ ޒިންމާއަކީ ތިބާގެ ވަށައިގެން އޮތް ތިން ފޫޓަށް ބެލުމެއް ނޫނެވެ. އެއަށްވުރެ ދުރަށް ބަލައި، ފިކުރު ހިންގާ މީހަކަށް ނުވެއްޖެ ނަމަ، އެތައް ކަމެއް ބޮއްސުންލާނެއެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް ވާންވީ، މުޖުތަމަޢު އިސްލާޙުކުރާ މީހަކަށެވެ. އެއްވެސް މީހަކު ގޯސްކޮށް ކަމެއް ކުރާތަން ފެނިއްޖެ ނަމަ، އެ ކަން މަނާކުރާ މީހަކަށެވެ. ކަމުގެ ރަނގަޅު ގޮތް، އަމަލާއި ބަހުން ދައްކާ މީހަކަށެވެ. ސީދާގޮތުންނާއި ނުސީދާ ގޮތުން ވެސް، ރަނގަޅު މެސެޖު ދޭ މީހަކަށެވެ. އޭރުން މުޖުތަމަޢުގެ ކަންކަން ހުންނާނީ ހަމަ މަގުގައެވެ. ތިބާއާއި އަނެކާ ހިތްއެދޭ ގޮތަށެވެ. ތަހުޒީބުގެ ލަފުޒު އޮންނާނީ ހަމައެކަނި ދުލުކުރީގައެއް ނޫނެވެ. އަމަލާ ވެސް ގުޅިފައެވެ.

comment ކޮމެންޓް