މަރަށް މަރު ހިފާކަށް ބޭނުމެއް ނޫން، ބޭނުންވަނީ މަރުގެ ދިޔަ: ޔާމީން ރަޝީދުގެ މަންމަ

ޔާމީން ރަޝީދުގެ މަންމަ މަރިޔަމް ޝަފީގާ -- ފޮޓޯ/ ރާއްޖެ އެމްވީ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލުމުގެ ކުށް ސާބިތުވި ދެ މީހުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުންނުވާ ކަމަށާއި ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް އޭނާގެ މަންމަ މަރިޔަމް ޝަފީގާ ބުނެފިއެވެ.

ޔާމީން ރަޝީދު މަރާލުމުގެ ކުށް ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކްގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅައިފައެވެ.

ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަރިޔަމް ޝަފީގާ ބުނީ މަރުގެ ދިޔަ ބޭނުންވަނީ އޭނަގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމަށްޓަކައި ކަމަށެވެ.

"ދުނިޔޭގައި ހުރިއިރު، އިންސާނަކަށް ވީތީ ދިރިހުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ދަރިފުޅު ދެކުނު. ވީމާ ގިސޯސް ހިފަން ބޭނުމެއް ނޫން،" މަރިޔަމް ޝަފީގާ ބުންޏެވެ.

ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި މިހާރު ނަގައިދެނީ އެއް މިލިއަން ރުފިޔާއެވެ.

ޔާމީން ރަޝީދުގެ މަންމަ މަރުގެ ދިޔަ ބޭނުންވިޔަސް އޭނާގެ ބައްޕަ ހުސައިން ރަޝީދު ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ މިއަދު ބުންޏެވެ.

އޭނާ ބުނީ ގާތިލުންނަށް މައާފު ދެވެން ނެތް ކަމަށާއި ސަބަބަކީ އެކަން ކުރީ ދުރާލައި ރާވައިގެން ކަމުގައިވާތީ ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މ. ތާއިފް، އިސްމާއިލް ރަޝީދަކީ އޭނާ މަރާލި ވަގުތު ގެކައިރީ ހުރި ކަމަށް ތުހުމަތުކުރާ މީހާއެވެ.

ދެން އެ މައްސަލާގައި ދައުވާ ކުރީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ.

އޭނާގެ ގައިގެ 30 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވެއެވެ.

comment ކޮމެންޓް