މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (ބުރު އަހަނދު)ގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ރިލްވާނާއި ޔާމީންގެ މަރާ ގުޅިގެން، އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ގާޒީ ކުރެއްވި ހުކުމްގައިވަނީ އަހަނދު ވަކި އިންތިޒާމެއްގެ ތެރެއިން އެހީތެރިވުމުގެ ގޮތުން ވަކި ކަންތައްތަކެއް ކުރިކަމަށް ސާބިތުވާ މިންވަރަށް އެކަށީގެންވާ ހެކި ނެތްކަމަށެވެ.
އަދި އޭނާ ކުރި ކަމަށް ބުނާ ބައެއް ކަންކަމާ ގުޅޭ ހެކި ހުރި ނަމަވެސް އެއީ އެހީތެރިވުމުގެ ގޮތުން ނުވަތަ އިންތިޒާމްކުރުމުގެ ގޮތުން ކުރި ކަމެއްކަން ބެލޭނެ މިންވަރަށް ވެސް ހެކި ނެތްކަމަށް ހުކުމުގައިވެއެވެ.
އެހެންވެ އަހަނދުގެ މައްޗަށް ކުރާ ދައުވާތަކުގެ ކުށުގެ އެލެމެންޓްސްތައް އޮތްކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތުމުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 115ވަނަ މާއްދާގައިވާ ގޮތަށް ދައުވާ ފޯމު ބާތިލްކޮށް މައްސަލަ ކޯޓުންވަނީ ބޭރުކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން 26 ގައި ހައްޔަރު ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އަހަނދުގެ އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
އަހަރެއް ވާން ތިން ދުވަހަށް ވެފައިވަނިކޮށް މި އަހަރުގެ ޖޫން މަހުގެ 23 ދުވަހު އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާ އެކުގައެވެ.
މި މައްސަލައިގައި ދެން ދައުވާކޮށްފައިވާ މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ) ވެސް ޖުލައި މަހުގެ 12ވަނަ ދުވަހު ބަންދުންވަނީ ދޫކޮށްލައިފައެވެ.