އީސޫއާއި މުއާގެ މައްސަލަ ބޭރުކޮށް، ޓެގު ނައްޓަން އަންގައިފި

އަޙްމަދު އިސްމާއީލް، އަޙްމަދު މުއާޒް އަދި އިސްމާއީލް އަބްދުއްރަހީމް އާދަމް --ނޫސ

ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި އަހްމަދު މުއާޒު (ގަޓު މުއާ)ގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، ދެ މީހުންގެ ފައިގައި އެޅުވި ޓެގު ނައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަންގައިފިއެވެ.

ދެ މަރުގެ މައްސަލައިގައި ތުހުމަތުވާ އިސޫއާއި މުއާ ބަންދުން ދޫކޮށްލީ ފައިގައި ޓެގު އަޅުވައިފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ މަދަނީ މިންގަނޑުން ބަލާއިރު، އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިލައިފައެވެ.

އެހެންވެ، މުއާއާއި އިސޫގެ ފައިގައި އެޅުވި ޓެގު ނައްޓަން ވެސް ކޯޓުން ވަނީ އަންގައިފައެވެ.

ރިލްވާނާއި ޔާމީންގެ މަރުގައި މައްސަލައިގައި އިސޫއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ރިލްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރު އިސޫ އޭނާއަށް ފާރަލައި، މަރައިލުމުގައި އެހީތެރިވެދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި، ޔާމީންގެ ބްލޮގާ އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ވެސް ތުހުމަތު ކުރިއެވެ.

އަހަނދަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވި ކަމުގެ ދައުވާއެވެ.

ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގު ކުރަން ކުރީގެ އެމްޑީޕީ ސަރުކާރުން އެކުލަވައިލި މަރު ކޮމިޝަނުން ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ ތަހުގީގުކޮށް ބަލާފައި، ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފައެވެ. އެއީ، އަސޫއާއި މުއާގެ އިތުރުން، އަހުމަދު އިސްމާއިލް (އަހަނދު)އެވެ.

ކުރިން އަހަނދުގެ މައްސަލައިގައި ވެސް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައި، އަހަނދުގެ ފައިގައި އޭރު އެޅުވި ޓެގު ވެސް ނައްޓަން އަމުރުކޮށްފައެވެ.

އެހެންވެ، ކުރީ ސަރުކާރުން ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދައުވާ ކުރި ތިން މީހުން ވެސް މިހާރު ވަނީ މިނިވަންވެފައެވެ.

އޭގެ ކުރިން، އެ މައްސަލައިގައި މުހައްމަދު ނޫރައްދީން އަދި އަހުމަދު އާލިފް ރައޫފްގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. އެކަމަކު، އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައެއް ނުވެއެވެ.

އެ ބޮޑު ދެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

comment ކޮމެންޓް