އިސޫ އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަންކޮށްފި

އިސްމާއިލް އަބްދުއްރަހީމް (އިސޫ): އޭނާ ވަނީ އާބަންކޯގެ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންސް ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފައި -- ފޮޓޯ/ އިސްމާއިލް އަބްދުއްރަހީމް، އެކްސް

ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާބަންކޯގެ ޑެޕިއުޓީ ޑިރެކްޓަރަކަށް އައްޔަންކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ އިސޫ އައްޔަންކޮށްފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮޕަރޭޝަންސް ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމަށެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ރިލްވާން ރަހީނުކޮށް މަރާލުމަށް ޓަކައި 2014 ވަނަ އަހަރު އިސޫ އޭނާއަށް ފާރަލައި، މަރައިލުމުގައި އެހީތެރިވެދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި، ޔާމީންގެ ބްލޮގާއި އެކި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިސްލާމްދީނަށް ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ވަނަ އަހަރު އޭނާއަށް ފާރަލައި އެހީތެރިވެދީފައިވާ ކަމަށް ވެސް އިސޫގެ މައްޗަށް ތުހުމަތު ކުރިއެވެ.

ރިލްވާނާއި ޔާމީންގެ މަރުގެ މައްސަލަ ހިމެނޭ ގޮތަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގު ކުރަން ކުރީގެ އެމްޑީޕީ ސަރުކާރުން އެކުލަވައިލި މަރު ކޮމިޝަނުން އެ ދެ މައްސަލަ ތަހުގީގުކޮށް، ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވިއެވެ. އެއީ، އިސޫގެ އިތުރުން އަހްމަދު މުއާޒު (ގަޓު މުއާ) އާއި އަހުމަދު އިސްމާއިލް (އަހަނދު)ގެ މައްޗަށެވެ.

ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ 21ގައި ކްރިމިނަލް ކޯޓުން ވަނީ މަދަނީ މިންގަނޑުން ބަލާއިރު، އިސޫ އާއި މުއާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް ފޮނުވައިލައިފައެވެ.

އެހެންވެ، މީގެ ކުރިން ޓެގު އަޅުވާފައި ތިބި އިސޫއާއި މުއާޒުގެ ޓެގު ނައްޓަން ވެސް އޭރު ކޯޓުން ވަނީ އަންގައިފައެވެ.

ކުރިން އަހަނދުގެ މައްސަލައިގައި ވެސް ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލައި، އަހަނދުގެ ފައިގައި އެޅުވި ޓެގު ވެސް ނައްޓަން އަމުރުކޮށްފައެވެ.

comment ކޮމެންޓް