ހަނިމާދޫއަށް ހަތިޔާރު އެތެރެކުރި ކަމަށް ކުރާ ތުހުމަތަށް ސިފައިން ހަނު

ޑޯނިއާ އެއާކްރާފްޓް ދުއްވާ ސިފައިންގެ ޕައިލެޓް އަދި ޝަމާލް ---- ފޮޓޯ: އެމްއެންޑީއެފް

ކޮޗިން ފެރީން ހދ. ހަނިމާދުއަށް ހަތިޔާރު އެތެރެކުރިކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ދިވެހި ސިފައިން މިއަދު ބުނެފިއެވެ.

އިދިކޮޅުން އަންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ، ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަންކަން ކުރަމުން ދާ ކަމަށް ތުހުމަތު ކުރަމުންނެވެ. އެގޮތުން ހދ. ހަނިމާދޫގައި ވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

https://sun.mv/161158

އިދިކޮޅު ކޯލިޝަނުން މިފަހުން މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮޗިން ފެރީ ގާއިމުކުރުމުން ބޮޑުތިލަދުންމައްޗަށް އެތައް ފައިދާއެއް ކުރާނެކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވި ނަމަވެސް، ކަން ހިނގީ އެހެން ނޫން ކަމަށެވެ.

"ކޮޗިން ފެރީން ރައްޔިތުންނަށް ވީ މަންފާއެއް ނެތް. [އެއިން] އެތެރެކުރީ ހަނިމާދުއަށް ހަތިޔާރު، އިންޑިއާ ސިފައިން," ޝުޖާއު ވިދާޅުވިއެވެ.

https://sun.mv/161093

އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑު ތުހުމަތަކަށްވާއިރު އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް މި ނޫހުން އެތައް ފަހަރަކު ގުޅައި މެސެޖް ކުރި ނަމަވެސް އެންމެ ފަހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ފުޅާކޮށް ކުރިއަށް ގެންދާއިރު އޭގެ ތެރެއިން އިންޑިއާ ޓީޗަރުންނާ ބައެއް ރަށްރަށުން ދިމާކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ. ބައެއް ޓީޗަރުން ވަނީ ސަލާމަތްތެރިކަން ޔަގީން ކޮށްދިނުމަށް އެދިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

https://sun.mv/161125

އެކަމާ ގުޅިގެން އިދިކޮޅުން ބުނީ އިންޑިއާ ރައްޔިތުންނާ ދެކޮޅު ނޫން ކަމަށާއި ދެކޮޅީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ކަމަށެވެ. އަދި އިންޑިއާ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ކަމެއް ކުރަން ހިތްވަރު ނުދޭ ކަމަށް ބުންޏެވެ.

އިދިކޮޅުން ތުހުމަތު ކުރާގޮތުގައި އިންޑިއާ ރައްޔިތުންނާ ދިމާކުރުމަކީ ސަރުކާރުން ކުރާ ކަމެކެވެ. އެކަން ކުރަނީ އެގައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއަށް ހަތިޔާރާއެކު އެރުވުމަށް ކަމަށް އިދިކޮޅުން ބުނެއެވެ.

ދާދި ފަހުން ށ. ފުނަދޫ ސުކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައެއް ވެސް ވަނީ ހޫނުވެފައެވެ. އަދި ހދ. ހަނިމާދޫ މަގުތަކުގައި އެހެން ލިޔުނު މައްސަލައެއް ވެސް ފެންމަތިވިއެވެ.

comment ކޮމެންޓް