އިންޑިއާ ޓީޗަރުންނާ މަގުމަތިން ދިމާކުރާތީ އެ ޓީޗަރުން ރައްކާތެރިކަމަށް އެދެނީ

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

އިދިކޮޅު ސިޔާސީ ފަރާތްތަކުން "އިންޑިއާ އައުޓް" ކެމްޕެއިން ފުޅާކޮށް ކުރިއަށް ގެންދާއިރު ބައެއް ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނާ މަގުމަތިން ދިމާކޮށްގެން މައްސަލަ ހުށަހަޅަމުންދާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ރާއްޖޭގެ އެކި ސްކޫލްތަކުގައި ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ދަނީ މަސައްކަތް ކުރަމުންނެވެ. އާއްމުކޮށް އިންޑިއާ ޓީޗަރުން ގެންނަނީ ދިވެހީން ނުލިބޭ މާއްދާތައް ކިޔަވައި ދިނުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ މިފަހުން ވެސް ދެ ރަށަކުން ބަޔަކު އިންޑިއާގެ ޓީޗަރުންތަކަކާ މަގުމަތިން ދިމާކޮށް، "އިންޑިއާ އައުޓް" ގޮވި މައްސަލަ އެޑިއުކޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"އެ ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ބޭފުޅުން ސްކޫލްތަކުގައި ވެސް އެދެމުން އެބަދޭ. އެހެންވީމައި އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް މިއީ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ވަރަށް ބޮޑު މައްސަލައެއް މައްސަލައަކީ،" އަހުމަދު ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އެ ރަށްރަށުގައި ރައްކާތެރިކަން ނެތް ނަމަ އެ ބޭފުޅުން މަސައްކަތް ކުރައްވަން ރަށްރަށުގައި ނުތިއްބަވާނެ. އެއީ ވަރަށް ބޮޑު ގެއްލުމެއް."

އަހުމަދު ވިދާޅުވީ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން މިހާރު އެންމެ ބާރަށް ކުރިއަށް ގެންދަނީ ށ. އަތޮޅުގައެވެ. ޔާމީނާއި އިދިކޮޅު ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް މިހާރު ތިއްބެވީ އެ އަތޮޅުގައެވެ. އަދި ޔާމީން މިފަހުން ވަނީ ގޭގޭ ފާރުތަކުގައި އިންޑިއާ އައުޓް ލިޔުމަށް ގޮވާލައްވައިފައެވެ.

ށ. ފުނަދޫ ސްކޫލްގައި ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން މަސައްކަތް ކުރަމުން އަންނައިރު އެ ސްކޫލުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ޖެހި މައްސަލަ އެޑިއުކޭޝަނުން ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.

ށ. އަތޮޅުގައި މިވަގުތު ބައި އިލެކްޝަންގެ ކެމްޕެއިނެއް ކުރިއަށްދާއިރު އެ އަތޮޅު ރަށްރަށުގައި އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތައް ސްކޫލް ކުދިންނަށް ފެންނަހެން ކުރިއަށް ގެންދާތީ ކަންބޮޑުވާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

"ސްކޫލް ސަރަހައްދުތަކުގައި ބެނާތައް ހަރު ކުރުމާއި ސްކޫލް ފާރުތަކުގައި ލިޔުމާއި މިކަންތައްތައް މި ލެވަލްއަށް އަދި ފަހުން މިދިޔަ ދެ ދުވަހެއްގެ ތެރޭގައި މި ފާހަގަ ކުރެވެން ފެށީ. މިއީ ވަރަށް ދެރަކަމެއް. ދަރިވަރުންނަށް ފެންނަން ނުޖެހޭ ކަންކަން މި ހުންނަނީ،" އަހުމަދު ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ފަށާފައިވަނީ އެގައުމުގެ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ކަމަށާއި އެއީ ރާއްޖޭގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެއެވެ. އެހެންކަމުން ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވެސް އިންޑިއާ ސިފައިން ރާއްޖޭން ދިއުމަށް ގޮވާލައި ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.

comment ކޮމެންޓް