ކޮޗިން ފެރީން ހަނިމާދުއަށް ހަތިޔާރު އެތެރެކުރިކަމަށް ޕީޕީއެމް، ޕީއެންސީން ތުހުމަތުކޮށްފި

އިދިކޮޅު ޕްރޮގްރެޝިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮޗިން ފެރީން ހދ. ހަނިމާދުއަށް ހަތިޔާރު އެތެރެކުރިކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ތުހުމަތުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮޗިން ފެރީ ގާއިމުކުރުމުން ބޮޑުތިލަދުންމައްޗަށް އެތައް ފައިދާއެއް ކުރާނެކަމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވި ނަމަވެސް ކަން ހިނގީ އެހެން ނޫން ކަމަށެވެ.

"ކޮޗިން ފެރީއިން ރައްޔިތުންނަށް ވީ މަންފާއެއް ނެތް. [އެއިން] އެތެރެކުރީ ހަނިމާދުއަށް ހަތިޔާރު، އިންޑިއާ ސިފައިން," ޝުޖާއު ވިދާޅުވިއެވެ.

ހަމައެއާއެކު، "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫންކަމަށާއި އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނާ ބުނުން ރޭ އޭނާ ތަކުރާރުކުރެއްވިއެވެ.

އެ ކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ނުރައްކާ ވާކަމަށް ދެކެވޭ ވާހަކައަށް ވެސް ޝުޖާއު ވަނީ އެ ޖަލްސާގައި ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އިންޑިއާގެ ޑޮކްޓަރުންނާއި މުދައްރިސުން ރާއްޖޭގައި މަސައްކަތް ކުރުމުގައި މައްސަލައެއް ނެތްކަމަށާއި، ނަމަވެސް، އެ މަސައްކަތްތަކަށް ދިވެހިން އުފެއްދުމަކީ އެ ޕާޓީގެ ސިޔާސަތުކަމަށެވެ.

"އެހެންވީމާ ދެން ވަކި ހިސާބަކުން އިންޑިއާ ސަރުކާރުން އަންގާނީ ދިވެހިރާއްޖެއަށް ޑޮކްޓަރުންނާއި ޓީޗަރުން ފޮނުވޭކަށް ނެތޭ. އަޅުގަނޑުމެން ﷲގެ ހެޔޮ ރަހްމަތްފުޅުން ޑޮކްޓަރުންނާއި ޓީޗަރުން އުފައްދާނީ ދެން މި ގައުމުގަ. އެއީ ރައީސް ޔާމީންގެ ސިޔާސަތަކީ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ކުރެއްވި ތުހުމަތާ ގުޅިގެން އެމްއެންޑީއެފްއިން އަދި ވަކި އެއްޗެއް ބުނެފައެއްނުވެއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވިދާޅުވީ އެކެއް ފެބްރުއަރީ 2018ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ވެސް އިންޑިއާ ސަރުކާރު އަޑީގައި އޮވެގެން ނެރުނު އަމުރެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ އެހެން ޖަޒީރާ ގައުމުތަކުގައި ވެސް އިންޑިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ވާކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަދި މި އިންޑިއާ ކަނޑުގެ ތެރޭގަ، ހާއްސަކޮށް އިންޑިއާއިން ބޭނުންވާ ސްޓްރެޓެޖިކް ލޮކޭޝަންތަކުގަ، އޭގެތެރޭގަ ސީޝެލްސް، މޮރިޝަސް ތަންތާނގަ އިންޑިއާގެ ނުފޫޒު އަދި މިލިޓަރީ ބޭސްތަކެއް ހެދުމުގެ މަސައްކަތްތަކެއް ވަނީ ކުރެވިފަ،" ތޯރިގު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ހިންގަމުން އަންނަ އިންޑިއާ އައުޓް ކެމްޕޭން ވަނީ މިފަހަކަށް އައިސް ވަރަށް ވަރުގަދަކޮށްފައެވެ. ދާދި ފަހުން ށ. ފުނަދޫ ސުކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައެއް ވެސް ވަނީ ހޫނުވެފައެވެ. އަދި ހދ. ހަނިމާދޫ މަގުތަކުގައި އެހެން ލިޔުނު މައްސަލައެއް ވެސް ފެންމަތިވިއެވެ.

އިދިކޮޅު ފަރާތްތަކުން މި އަމަލުތަކުގެ ތުހުމަތު އަޅުވަނީ ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބޮލުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކެއްވެސް އެ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.

comment ކޮމެންޓް