މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެނުނީ ވަރަށް ގާތްކޮށް ހިނގާލައިފައި އައި ދެމަފިރިންނެވެ. ކެފޭގެ މޭޒެއްގެ ދޮށުގައި ޖައްސާލިއެވެ. އެކަކު އަނެކަކާ ދިމާއަށް ބަލައިލި ގޮތާއި ހިނިތުންވެލި ގޮތުން ވެސް، އެ ދެމެދުގައި އޮތް ލޯބި ހާމަވިއެވެ. ވޭޓަރު އައުމުން އޯޑަރުދިނީ ކޮފީއަކަށެވެ. އެއާއެކު ފިރިހެން މީހާ, ޖީބުން ކެމަލް ހާޑް ފޮށްޓެއް ނަގައި، ސިގިރެޓެއް ރޯކޮށްލިއެވެ. ސިގިރެޓުން އަރަންފެށި ދުމާއި ސިގިރެޓް ދަމާލައިފައި ދޫކޮށްލާ ދުންތައް، އެއްވެސް ހުރަހެއް ނެތި، ލޯބިވާ އަނބިމީހާގެ ނޭފަތާއި އަނގައިގެ ތެރެއިން ވަދެ، ފުއްޕާމެއަށް ހަމަލާދޭން ފެށިއެވެ. އެއިން ސަލާމަތްވެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ބުރުގާއިން ނޭފަތް ހިމާޔަތްކުރިއެވެ. ފިރިމީހާއަށް މި މަންޒަރު ނުފެންނަ ފަދައެވެ.

ހިތްހަމަޖައްސާލުމަށް ޓަކައި ތިބާ ތިޔަ ފެށި އަމަލުން ގެއްލުންވަނީ، ހަމައެކަނި ތިބާއަކަށް ނޫނެވެ. ތިބާގެ ލޯބިވާ އަނބިމީހާ ވެސް އެ ދަނީ، ދުންފަތުގެ ޝިކާރައަކަށް ވަމުންނެވެ. ސިއްޙީ މާހިރުން ވިދާޅުވާގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރާ އިރު، އެ މާހައުލުގައި ތިބޭ އެހެން މީހުންނަށް ލިބޭ ގެއްލުން، އެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭ ގެއްލުމަށްވުރެ މާ ބޮޑެވެ. ސަބަބަކީ ސިގިރެޓް ބޯ މީހާގެ ހަށިގަނޑަށް ދުންތައް ވަދެގެންދަނީ ފިލްޓަރު ވެގެންނެވެ. އެހެންނަމަވެސް ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ދުންތައް ވަންނާނީ، އެ ފަދަ ފުރޭނުމެއް ނެތި، ހުރިއްޔާ ހުރި ވިހަކާއެކުގައެވެ. އެހެންކަމުން ތިބާގެ އުފަލަށް ޓަކައި ސިގިރެޓެއް ރޯކޮށްލާއިރު، އަނެކާއާމެދު ވިސްނައިލުމަކީ މުހިންމު ކަމެކެވެ.

ތިބާގެ ތިޔަ ޢަމަލަކީ މިއަދު ރާއްޖޭގައި ވަރަށް އާންމުވެފައިވާ ނޭދެވޭ އަމަލެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ނިސްބަތް އެންމެ މަތީ ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ބޮޑެތި މީހުންގެ %38 މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. ސްކޫލް ކުދިންގެ %11.2 ކުދިން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ގިނަ މީހުން މި އަމަލު ކުރަނީ، ނަފުސާނީ ހިތްހަމަޖެހުން ހޯދުމަށެވެ. އެހެންނަމަވެސް މިއީ އެ ފަދަ ހިތްހަމަޖެހުމަކަށް މަގުފަހިކޮށްދޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، ހިތް ނުތަނަވަސްވެ، އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ބަލިތަކަށް މަގުފަހިވަނީއެވެ. އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކާގޮތުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވުރެ، އިސްތިއުމާލު ކުރާ މީހުން ޑިޕްރެޝަނަށް ދާ މިންވަރު ދެ ގުނަ އިތުރެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމުން ޞިއްޙީ ބޮޑެތި ގެއްލުންތައް ތިބާއަށް ލިބެމުންދާނޭކަން ހަނދާނުގައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ލިބިދާނެ އެންމެ ބޮޑު އެއް ގެއްލުމަކީ, ކެންސަރުގެ ބަލީގެ ޝިކާރައަކަށް ތިބާ ވުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކެންސަރުޖެހޭ މީހުންގެ ތެރެއިން %90 މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. މީގެއިތުރުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ހިތުގެ ބަލިތަކާއި ގޮހޮރު ފާރުވުމާއި ދަތްދައް ހަލާކުވުން ފަދަ އެތައްއެތައް ބައްޔަކާ ކުރިމަތިލާން ޖެހެއެވެ. ލިބޭ ދަރިންނަށް ވެސް ޞިއްޙީ އެތައް މައްސަލަތަކަކާ ކުރިމަތިވެއެވެ. ސަބަބަކީ ދުންފަތުގައި ހިމެނޭ ތާރާއި ނިކޮޓިން ފަދަ ވިހަ މާއްދާތަކެވެ. ދެމަފިރިން އެކުގައި ތިބެ, މި ކަންކަމާމެދު ވިސްނައިލާނެ ނަމައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ދީނީ ގޮތުން ބަލާއިރު ކިހައި ވަރެއްގެ ކަމެއްކަން ތިބާ ދެނަހުރީމު ހެއްޔެވެ؟ މި ޢަމަލާ ދުރުހެލިވުމަށް ދީނީ ޢިލްމުވެރިންގެ ތަޤުރީރުތަކުގައި ކެނޑިނޭޅީ އިރުޝާދު ދެއްވާ އަޑު އަހަމު ނޫން ހެއްޔެވެ؟ މި ކަމުގެ ހުކުމާމެދު އިލްމުވެރިން ބަހުސްކުރައްވާފައިވެއެވެ. ވަރަށް ގިނަ އިލްމުވެރިން, މިއީ ހަރާމްކަމެއް ކަމުގައި ވިދާޅުވެއެވެ. އޭގެތެރޭގައި، ސަޢުދީ ޢަރަބިއްޔާގެ ޢިލްމްވެރިންގެ މަޖިލީހާއި މިޞްރުގެ ދާރުލް އިފްތާއާއި އަލް އަޒްހަރު ޔުނިވަރސިޓީގެ ފަތުވާ ކޮމިޓީ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާބިތަތުލް ޢާލަމިލް އިސްލާމީގެ އިސްލާމީ ފިޤުހު ކައުންސިލުން ވެސް މިއީ ޙަރާމް ކަމެއް ކަމުގައި ފަތުވާ ދެއްވައެވެ. އެހެނީ ގެއްލުން ދިނުމަކީ އަދި ގެއްލުން ލިބިގަތުމަކީ ވެސް، އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ.

މި ވާހަކަ މި ގޮތަށް ދެއްކުމުން މިހާރު ތިބާ ރޯކޮށްފައި ތިޔަ އޮތް ސިގިރެޓް އެއްލައިލަފާނެއެވެ. އެހެންނަމަވެސް ދެން ނަގާނީ އީ ސިގިރެޓެއް ކަންނޭނގެއެވެ. އޭގައި އަނގަ ޖަހައި، ނޭވާގެ ކޮޅަށް ދަމާލާފައި ދޫކޮށްލާ އޮލަ ދުންތަކުން މުޅި މާހައުލު ތަޣައްޔަރުކޮށްލަފާނެއެވެ. އެނގޭ ހެއްޔެވެ؟ އީ ސިގިރެޓް ބޭނުންކުރުމަކީ، ނުވަތަ ވޭޕްކުރުމަކީ، މިހާރު ތިޔަ ބޯ ސިގިރެޓަށްވުރެ އަދި މާ ނުރައްކާތެރި އެއްޗެކެވެ. އެމެރިކާގެ ސީޑީސީއިން ގޮވާލައިފައިވަނީ، ވޭޕްކުރާ މީހުންނަށް ފުއްޕާމޭގެ ނުރައްކާތެރި ބައްޔެއް ޖެހެމުން ދާ ކަމަށެވެ. އަދި ވޭޕްކުރުމާ ގުޅިގެން، އެތައް ބަޔަކު މަރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ވޭޕްކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. މި ވާހަކަތައް އަޑުއަހަނީ، މި ޢަމަލުކުރާ މީހުންގެ ތެރެއިން ކިތައް މީހުން ބާވައެވެ؟

އެހެން ނަހަދާށެވެ! އަޑު އަހާށެވެ! މި ކަންކަމާމެދު މިހާރަށްވުރެ ފުންކޮށް ވިސްނައިލާން އެބަ ޖެހެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ، ހިތްހަމަޖެހުން ލިބޭ ކަމެއްކަމަށް ހީ ވިޔަސް، އެއީ ކުރެވޭ ބޮޑު ކުށް ހީއެއްކަމުގައި ދެކޭށެވެ! އެއީ އަނދައިގެންދާ ފައިސާތަކެކެވެ. ޖިސްމަށާއި ނަފުސަށް ދެވޭ ބޮޑު އަނިޔާއެކެވެ. އެހެންކަމުން މި އަމަލާ ދުރުހެލިވުމަށް ކޮންމެ ދިވެއްސަކު ވެސް ޢަޒުމުކަނޑައަޅާށެވެ! އަމިއްލަ ނަފުސަށާއި އާއިލާގެ ރައްކާތެރިކަމަށް ޓަކައި، މި ޖިހާދާ ކުރިމަތިލައި، ކާމިޔާބު ހޯދޭތޯ ގަދައަޅައި މަސައްކަތް ފަށާށެވެ! އޭރުން ތިބާގެ ސަބަބުން، ތިބާގެ ލޯބިވާ އަނބިމީހާއާއި ދަރިންކޮޅުގެ ސިއްޙަތަށް ލިބޭ އަނިޔާގެ ސިލްސިލާއަށް ނިމުން އަންނާނެއެވެ.

comment ކޮމެންޓް