ބައިނަލްއަގުވާމީ މުޖުތަމައުން ކަޝްމީރުގެ ރައްޔިތުންނަށް ވީ ވައުދު ފުއްދަން ޕާކިސްތާނުގެ ސަފީރު ގޮވައިލައްވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް އަތުހަރު މުޚުތާރު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

ކަޝްމީރުގެ ރައްޔިތުންނަށް އެ ސަރަހައްދާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދައި ދިނުމަށް ބައިނަލްގުވާމީ މުޖުތަމައުން ވެފައިވާ ވައުދު ފުއްދުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް އަތުހަރު މުޚުތާރު ގޮވައިލައްވައިފިއެވެ.

ޕާކިސްތާނުގެ ސަފީރު އެގޮތަށް ވިދާޅުވީ، ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ދިނުމަށް ގޮވާލައި ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ފާހަގަ ކުރާ "ރައިޓް ޓު ސެލްްފް-ޑިޓާމިނޭޝަން ޑޭ"ގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ގައުމީ ލަވަ އާއި އެގައުމުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފަޅީގެ ގައުމީ ލަވަ ޖެހިއެވެ.

އެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ޖައްމޫ އެންޑް ކަޝްމީރުގެ މައްސަލައިގައި ގޮތެއް ނިންމާނީ ޑިމޮކްރެޓިކް އަދި މިނިވަން ވޯޓަކުންކަން އދ.އިން ނިންމިތާ މިހާރު 73 އަހަރު ވެފައިވާ ކަމަށެވެ. އެގޮތުން ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދައިދިނުމާ ބެހޭ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ޖެނުއަރީ ފަހެއް، 1949ގައި ފާސްކުރިކަން ސަފީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ސަފީރު ވަނީ، އަމިއްލައަށް ގޮތް ނިންމުމުގެ ހައްގަކީ އދ އުފެއްދުމަށް ގައުމުތަކުން ސޮއިކުރި ފުރަތަމަ މުއާހަދާ އާއި އިންސާނީ ހައްގުތަކާ ބެހޭ ހުރިހާ ލިޔެކިޔުންތަކުގައިވެސް ބަޔާންކޮށްފައިވާ އަސާސީ ހައްގެއް ކަމަށް ވިދާޅުވެފައެވެ.

"އިންޑިއާއިން ގަވާއިދާ ހިލާފަށް ހިފާފައިވާ ޖައްމޫ އެންޑް ކަޝްމީރުގައި، އެ ސަރަހައްދުގެ ރައްޔިތުންނަށް އެގައުމުން ބާރު ފޯރުވައި، އެ ހައްގުން މީހުން މަހުރޫމު ކުރުމަކީ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ކަމެއް،" ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު -- ފޮޓޯ/ ޕާކިސްތާން ހައި ކޮމިޝަން

އެހެންކަމުން ސަފީރު ވަނީ ކަޝްމީރުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައި ދިނުމަށް އދ އާއި މުޅި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލައްވައިފައެވެ.

އެ ހަފްލާގައި ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، ޒުލްގަރުނައިން އަހުމަދު ވެސް ވާހަކަ ދެއްކެވިއެވެ. އަދި ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާގެ އިން ކަނޑައެޅުމުގެ ތެރެއިން ނުނިމި އޮތް މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

އަހުމަދު ވިދާޅުވީ ކަޝްމީރުގެ ރައްޔިތުންނަށް އދ އާއި ބޭރުގެ މުޖުތަމައުން ވީ ވައުދުތައް ހަގީގަތަކަށް ވާންދެން އެމީހުން އިންތިޒާރު ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

"ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތިބި ކަޝްމީރުގެ ރައްޔިތުން ރައިޓް ޓު ސެލްފް ޑިޓާމިނޭޝަން ޑޭ ފާހަގަ ކުރަނީ، އިންޑިއާއިން ގަވާއިދާ ހިލާފަށް ހިފާފައިވާ ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ ދުނިޔެއިން ވީ ވައުދު އަދިވެސް ނުފުއްދޭކަން ހަނދާން ކޮށްދޭން،" އަހުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރުތަކާ އެއްގޮތަށް، ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ހޯދައި ދެވެންދެން ޕާކިސްތާނުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވެދެވެން އޮތް އެހީއެއް ވަމުން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް