ޕަކިސްތާނު ހައިކޮމިޝަނުގައި ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކޮށްފި

ކެޕްޝަން.. ޕަކިސްތާނު ހައިކޮމިޝަނުގައި ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ހައިކޮމިޝަން

ހުޅުމާލޭގައި ހުންނަ ޕާކިސްތާނު ހައިކޮމިޝަނުގައި ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް އިއްޔެ ފާހަގަކޮށްފިއެވެ.

މި ހަފުލާގައިވަނީ ޖައްމޫ އަދި ކަޝްމީރުގައި އަމިއްލަ ނިންމުމުގެ ހައްގަށް ކުރާ އިންސާފުވެރި ހަނގުރާމައިގައި ކަޝްމީރުގެ އަޚުންނާއެކު އެއްބަވައިވަންތަކަން ދެމެހެއްޓުމަށް، ދިވެހީންނާއެކު ބައްދަލުވުމެއް ބާއްވައިފައެވެ.

އިންޑިއާއިން ވެރިކަން ކުރާ ޖައްމޫ އަދި ކަޝްމީރަކީ އަމިއްލަ ސަރުކާރެއް އޮންނަ ސްޓޭޓެއްގެ ބަދަލުގައި އިންޑިއާގެ މައި ސަރުކާރުގެ ބާރު ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަށް ހެދީ 2019ގައެވެ. އެއީ އެ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި އިންޑިއާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކާއެކު، ޖައްމޫ އަދި ކަޝްމީރަށް ދީފައި އޮތް ޚާއްސަ އިމްތިޔާޒުތައް އުވައިލުމުންނެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ފައިސަލް ރަސޫލް ލަދުހީ -- ފޮޓޯ/ ހައިކޮމިޝަން

މި ކަމާ ގުޅިގެން އޭރު ދުނިޔޭގެ އެތައް ގައުމަކުން ކަންބޮޑުވުން ފާޅުކުރަމުންދިޔައެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ހައިކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) ފައިސަލް ރަސޫލް ލަދުހީ ވިދާޅުވީ، ޖައްމޫ އަދި ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާނު ސާރުކާރުގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު ތަނބުގެ ގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

މި ބައްދަލުވުމުގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން، ހައި ކޮމިޝަނަރު ޔަގީންކޮށްދެއްވީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކަމާބެހޭ ގަރާރުތަކުގައި ބަޔާންކޮށްފައިވާ ފަދައިން، ކަޝްމީރުގެ ރައްޔިތުންނަށް އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގު ލިބެންދެން، ޕާކިސްތާނުން އެ މީހުންނަށް ދެމުންދާ އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

ޕާކިސްތާނުގެ ބާނީ، މުހައްމަދު އަލީ ޖިނާހް ކަޝްމީރު ސިފަކުރައްވާފައިވަނީ އެ ގައުމުގެ ކަރުގެ ލޭނާރުގެ ގޮތުގައިކަން ފާހަގަ ކުރައްވައި، ހައިކޮމިޝަނަރުވަނީ މިއީ އެ ގައުމުގެ ޒުވާނުން ހަނދާންކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.

އަމިއްލަ ނިންމުމުގެ ހައްގަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގައި ވެސް ލިބިދީފައި އޮންނަ އަސާސީ ހައްގެކެވެ. ކޮންމެ އަހަރަކު، އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކުރާ ޤަރާރެއްގައި މީހުންނަށް އެމީހުންގެ މުސްތަގުބަލު ނިންމުމުގެ ޤާނޫނީ ހައްގު ލިބިދީފައި އޮންނަ ކަމަށް ފާހަގަކުރި ނަމަވެސް، ހިތާމައަކީ 78 އަހަރު ފާއިތުވެގެން ދިޔައިރު ވެސް، ކަޝްމީރުގެ ރައްޔިތުންނަށް މި ހައްގު ބޭނުންކުރުމުގެ ފުރުސަތު ނުލިބުން ކަމަށް ހައިކޮމިޝަނަރު ވިދާޅުވިއެވެ.

ޖައްމޫ އަދި ކަޝްމީރުގެ މައްސަލައަކީ އދ. ގައި އެންމެ ގިނަ ދުވަސްވަންދެން އެޖެންޑާ ކުރެވިފައިވާ، އެހެން ނަމަވެސް ހައްލުނުވެ އޮތް މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ.

ކެޕްޝަން.. ޕަކިސްތާނު ހައިކޮމިޝަނުގައި ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ/ ހައިކޮމިޝަން

އިންޑިއާގެ ބާރުތަކުގެ އަތްދަށުން އެތައް ހާސް ކަޝްމީރުގެ ރައްޔިތުން ގުރުބާންވެ، އަދަދުކުރަން ނޭނގޭހާ ގިނަ އަނިޔާތަކާ އެ މީހުން ކުރިމަތިލާން ޖެހިފައިވާކަން ހައިކޮމިޝަނަރު ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޖައްމޫއާ ކަޝްމީރުގެ ހާލަތު އިތުރަށް ގޯސްވެގެންދިޔަ ނަމަވެސް، ޕާކިސްތާނާއި ކަޝްމީރުގެ ރައްޔިތުން ވަނީ އެ ފިޔަވަޅުތައް ބަލައިނުގަނެ ދޫކޮށްލައިފައެވެ.

މި ބައްދަލުވުމުގައިވަނީ ޖައްމޫ އަދި ކަޝްމީރަށް އިންސާނީ ހައްގުތަކާ ދެކޮޅަށް ކުރާ އަނިޔާތަކާބެހޭ ވީޑިއޯއެއް ވެސް ދައްކައިފައެވެ.

މި ބައްދަލުވުން ނިމުމުގެ ކުރިން، އިންޑިއާގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުގެ ޝަހީދުންނަށާއި ޖައްމޫ އަދި ކަޝްމީރުގެ މިނިވަންކަމަށް ޚާއްސަ ދުއާއެއް ކުރިއެވެ.

comment ކޮމެންޓް