އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރެއްވި ނަޒާކީ ޒަކީ ޕީޕީއެމާ ގުޅިވަޑައިގެންފި

ނަޒާކީ ޒަކީގެ މެމްބަރޝިޕް ފޯމާ، ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ -- ފޮޓޯ/ ޕީޕީއެމް

ރާއްޖޭގެ ސިޔާސީ އަދި ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ކުރީގެ ޗެއާމަން، އަހުމަދު ޒަކީ (ނަޒާކީ ޒަކީ) ޕީޕީއެމާ ގުޅިވަޑައިގެންފިއެވެ.

ޒަކީ ޕީޕީއެމް އަށް ސޮއި ކުރައްވާފައިވަނީ މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިންނެވެ.

ޒަކީގެ މެންބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ.

އެމްޑީޕީގައި މީގެ ކުރީން ޒަކީ ވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޒަކީ ވަނީ މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

އެމްޕީއެލްގެ ޗެއާމަން ކަމަށް، ޒަކީ ހަމަޖެއްސީ 17 ފެބްރުއަރީ 2019 ގައެވެ. ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

އެމްޕީއެމްގެ ޗެއާމަންކަމުން ޒަކީ އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުގައެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިވަނީ އެމްޕީއެލް ތެރޭގައި ހިނގާދިޔަ 8 މިލިއަން ރުފިޔާގެ ބޮޑު ވައްކަމުގެ މައްސަލައެއް ސޯޝަލް މީޑިއާގައި ފަޅާއަރުވާލެއްވުމަށްފަހުގައެވެ.

އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަށް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައި ވަނީ ތެޔޮ ވިއްކުމުގެ ތެރެއިން ކަމަށެވެ. އަދި އެކަމުގައި ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑް ކުރަން މަސައްކަތް ކުރުމުން އެކަމަށް ކުންފުނީގެ ބޯޑުގެ ތާއީދެއް ނުލިބުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްތިއުފާ ދެއްވުމަށްފަހު، ޒަކީ ސަން އަށް ވިދާޅުވެފައިވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އެމްޕީއެލްގެ ބޯޑުން ތާއީދު ނުލިބި މަގާމުގެ ޒިންމާ އަދާކުރެވޭނެ ކަމަށް ނުފެންނާތީ ކަމަށެވެ.

comment ކޮމެންޓް