10 މިލިއަން ޑޮލަރުން ފަރު މަރާމާތަށް ހަރަދު ކުރާނެކަމުގެ އުއްމީދުގައި

ރަސްފަރި ފަރަށް އުރުނު ބޯޓު ފުންކުރުމުގެ ތެރެއިން ----

ރާއްޖޭގެ ފަރުތަކަށް އުޅަނދުތައް އަރައިގެން ކުރާ ޖޫރިމަނާގެ ފައިސާއިން ފަރުތައް މަރާމާތު ކުރުމަށް މިހާތަނަށް ހަރަދު ކޮށްފައި ނުވި ނަމަވެސް، ކ. ރަސްފަރީ ފަރަށް އެރި ބޯޓުން ޖޫރިމަނާގެ ގޮތުގައި ދެއްކި ފައިސާއިން އެ ފަރު މަރާމާތު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.

ދިގުމިނުގައި 190 މީޓަރު ހުންނަ ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. އެކަމުގެ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އެމްއެމްއޭއަށް އިއްޔެ ވަނީ ދައްކައިފައެވެ.

https://sun.mv/159727

އޭގެ ތެރޭގައި ހިމެނެނީ ޖޫރިމަނާ ފައިސާގެ އިތުރުން ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ އެ ލިބުނު ފައިސާ ބޭނުން ކުރާނެ ވަކި ގޮތެއް އަދި އެ އޮތޯރިޓީއަށް ނާންގާ ކަމަށާއި ނަމަވެސް އެ ފައިސާއިން އެ ފަރު މަރާމާތަށް ހަރަދު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"އެ ފަރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރީ. ވަރަށް އުއްމީދު ކުރަން މިފަހަރު ފައިސާ ލިބޭނެ ކަމަށް މަރާމާތަށް،" ނައީމް ވިދާޅުވިއެވެ.

އެ ފަރު މަރާމާތު ކުރުމަށް ހޭދަވާނެ ވަރެއް އަދި ދަންނަވަން ނޭންގޭ ކަމަށާއި އެކަން ބެލުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.

ޕެނަމާގެ ބަލްކް ކެރިއާ ބޯޓު ފަރަށް އަރާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން، އެފްރިކާ ބައްރަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާފަދަ އެއްވެސް އެއްޗެއް ކަނޑަށް އެޅިފައި ނުވާކަންވެސް ޓްރާންސްޕޯޓް އޮތޯރިޓީން އޭރު ބުންޏެވެ.

ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ. ރަސްފަރީއާއި އެރަށުގެ ވަށައިގެންވާ ފަރަކީ ސެޕްޓެމްބަރު 27، 1995އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. އެ ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާއާއި މަޑިޔާއި މިޔަރުގެ އިތުރުން ވެލާ ފެންނަ ސަރަހައްދެކެވެ.

comment ކޮމެންޓް