ހިމާޔަތްކުރެވިފައިވާ ށ. ފަރުކޮޅުން ވެލިނަގާ މައްސަލަ ބޮޑުވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ.
ފަރުކޮޅަކީ ފުނަދޫގެ އިހުތިޞާސުގެ ތެރޭގައިވާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެވަނަ ގަރާރުގައެވެ. އެގޮތަށް އެކަން ފާސްކުރެއްވި ނަމަވެސް ފަރުކޮޅަކީ ހިމާޔަތް ކޮށްފައިވާ ރަށެކެވެ.
ނަމަވެސް މި ފަހުން ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި، ފަކީރާއިން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ވެލި އެކި މީހުން ނަގާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.
އެއާއެކު ށ. އަތޮޅު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފަރުކޮޅަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
އެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރަމުންދާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންކަމަށް އެ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެކި މީހުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ މައްސަލަ ބަލަމުންދާކަމަށް އެ އޭޖެންސީއިން އަންގާފައި ވާކަމަށެވެ.
އެ މައްސަލައާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ކައުންސިލުން އެ އިއުލާނުކުރީ އާންމުންގެ ޝަކުވާ އެކަމުގައި ވަރަށް ބޮޑުވެފައިވަނިކޮށް ކަމަށެވެ. އަދި އީޕީއޭއިން ވެސް އެންގީ އެއީ ހިމާޔަތްކުރެވިފައިވާ ތަނެއްކަމާއި އެތަނުން ވެލިނެގުން މަނާވާނެކަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އާންމުން ވެސް ވެލި ނަގަނީ ޒަރޫރީ ބޭނުންތަކަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އީޕީއޭއިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުން ވެލިނެގުމަކީ އެ ސަރަހައްދު ހިމާޔަތްކުރުމަށް ކޮށްފައިވާ އިއުލާނުގައި، ކުރުން މަނާކަމުގައި ބަޔާންކޮށްފައިވާ ކަމެއްގެ އިތުރުން ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައި ވެސް މަނާކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އެ ސަރަހައްދު ހިމާޔަތްކުރުމުގެ މަގްސަދު ހާސިލްކުރުމަށް އެޅިގެންދާ ހުރަހަކަށް ވެސް ވެލި ނެގުން ވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.