ކ. ރަސްފަރީ ފަރަށް އެރި ބޯޓުން ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އެމްއެމްއޭއަށް ދައްކައިފިއެވެ.
ދިގުމިނުގައި 190 މީޓަރު ހުންނަ ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު ރަސްފަރީ ފަރަށް އުރުނީ މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
ބޯޓު ފުންކޮށް ފަރަށް ލިބުނު ގެއްލުން ބަލައި އެންވައިރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ކުރި ޖޫރިމަނާއާ މެދު ހިތް ހަމަ ނުޖެހި, ބޯޓުގެ ވެރިފަރާތުން އެ މައްސަލަ އިސްތިއުނާފްކުރިއެވެ. ނަމަވެސް އެންވައިރުމެންޓް މިނިސްޓްރީން ވަނީ އީޕީއޭގެ ނިންމުމަށް ތާއިދުކޮށްފައެވެ.
އެއާ އެކު ބޯޓުގެ ވެރިފަރާތުން ވަނީ 10 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖޫރިމަނާ ފައިސާގެ އިތުރުން ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށެވެ.
މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރެވެ.
ތިމާވެއްޓަށް ލިބޭ އެފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލްކަން, އީޕީއޭގައި އިތުރުކުރުމުގެ ގޮތުން އެ ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޓުގެ ވެރިފަރާތުން އެއްބަސްވެފައިވާ ކަމަށް އެންވައިރުމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރާއި ބޯޓުގެ ވެރިފަރާތާ އެކު އެއްބަސްވެވުނުގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ.
ޕެނަމާގެ ބަލްކް ކެރިއާ ބޯޓު ފަރަށް އަރާފައިވަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން، އެފްރިކާ ބައްރަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާފަދަ އެއްވެސް އެއްޗެއް ކަނޑަށް އެޅިފައި ނުވާކަންވެސް ޓްރާންސްޕޯޓް އޮތޯރިޓީން އޭރު ބުންޏެވެ.
ރަސްފަރީ އަކީ ޓެލެކޮމިއުނިކޭޝަންސްގެ މަސައްކަތް ކުރާ ރަށެކެވެ. ރަސްފަރީއާއި އެރަށުގެ ވަށައިގެންވާ ފަރަކީ ސެޕްޓެމްބަރު 27، 1995އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. އެ ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާއާއި މަޑިޔާއި މިޔަރުގެ އިތުރުން ވެލާ ފެންނަ ސަރަހައްދެކެވެ.