ގަޑިއިރެއް ތެރޭ ފެނުނީ ތަންފީޒު ނުވާ އެތައް ކަމެއް

ޓްރެފިކް ޕޮލިހަކު މާލޭގެ މަގެއްގައި ޑިއުޓީ ކުރަނީ -- ސަން ފައިލް ފޮޓޯ

ގެއިން ނުކުތީ ބާޒާރު ކޮށްލައި ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. ބާޒާރަށް ދިޔަ މަގުމަތިން ފޯނަކަށް ޖަވާބު ދިނުމަށް ޒިކުރާ މިސްކިތް ކައިރި ސައިކަލް މަޑުކޮށްލީމެވެ. އޭރު އެ ސަރަހައްދުގެ ގަވައިދާ ހިލާފަށް ޕާކް ކޮށްފައި ހުރި ސައިކަލް ތަކުގައި ފުލުހުން ދިޔައީ ސްޓިކާ ޖަހަމުންނެވެ. ރަނގަޅެވެ. ގަވައިދާ ހިލާފު ވާނަމަ ފިޔަވަޅު އަޅަންވީއެވެ. ނަމަވެސް ހިތާމައަކީ ވަކި ކަމަކަށް އިސްކަން ދޭތީއެވެ. އެ ސަރަހައްދުގައި ތިބޭ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ވެސް ފުލުހުންނަށް ފެންނަ ނަމައޭ ހިތަށް އެރިއެވެ. އަދި އެ މައްސަލައިގައި ސްޓިކާއެއް ޖަހާލާނަމަ ކިހާ ރަނގަޅުތާއެވެ.

ފޯނަށް ޖަވާބު ދިނުމަށް ފަހު އަނެއްކާ ވެސް ސައިކަލް ދުއްވާލީމެވެ. ދެން މަޑުކޮށްލީ ފެންފުޅިއެއް ގަތުމަށް ކަންމަތީ ފިހާރައެއް ކައިރިއަށެވެ. އެތަނަށް ވަތްއިރު ސޭޓަކަށް އިނީ ބިދޭސީއެކެވެ. ފިހާރަތަކުގެ ސޭޓުންނަށް ބިދޭސީން ތިބުން މަނާ ކޮށްފައި ވީނަމަވެސް ވިޔަފާރިތައް ހިންގަމުން އެދަނީ ބިދޭސީން ބޭނުން ކޮށްގެންނެވެ. ހަމައެކަނި ސޭޓް ކަމެއް ނޫނެވެ. އެތަންތަނުގެ ހަގީގީ ވެރިންނަކީ ވެސް އެ ބިދޭސީންނެވެ. މަހަކު މަދު ލާރިކޮޅެއް ދޭގޮތަށް ދިވެއްސެއްގެ ނަންމަތީ ރަޖިސްޓްރީ ކޮށްފައިވާ އެ ވިޔަފާރިތަކުގެ ބޮޑު ނަފާއަކާއި ބާރެއް އޮންނަނީ ބިދޭސީންނަށެވެ.

ބިދޭސީއަކު ދޯނީގައި ނިދާފައި --- ސަން ފައިލް ފޮޓޯ

އެވަރުން އަދި ބިދޭސީންގެ ބައި ނިމުނީއެއް ނޫނެވެ. ދަތުރުވެރިންގެ މާރުކޭޓަށް ވަތްއިރު އެތަނުގައި ވެސް ބިދޭސީންނެވެ. އެ މާރުކޭޓްގައި ބިދޭސީން ރަސްކަން ކުރަނިކޮށް މިފަހުން އެކަން ހުއްޓުވައި އެތަނުގައި ބިދޭސީންތައް ފޮނުވައިލިއެވެ. ނަމަވެސް އަނެއްކާވެސް އެ މާރުކޭޓަށް ބިދޭސީން މިވަނީ ގަދަވެގެންފައެވެ. ދަނޑުތައް ބިދޭސީން ކޮންޓްރޯލް ކުރާއިރު އެ ތަކެތި މާލެ ގެންނަ ބޯޓް ތަކުގައި ވެސް ބިދޭސީނެވެ. އެ ވިއްކަން މާރުކޭޓްގައި ވެސް ބިދޭސީންނެވެ. ދެން އެ ވިޔަފާރީގައި ދިވެހިންނަށް އޮންނާނެ ފުރުސަތު ވިސްނާލަށްވާށެވެ.

ދަތުރުވެރިންގެ މާރުކޭޓުން ނުކުމެ މަސް މާރުކޭޓާ ކައިރި ކޮށްލިއިރު އެތަނުގައި ވެސް ބިދޭސީން މަދެއް ނޫނެވެ. ފަޅުވެރިއެއްގެ ގޮތުގައި މަސް ބާނަން ދިއުމަކީ ރާއްޖޭގައި ބިދޭސީންނަށް ހުއްދަ މަސައްކަތެއް ނޫނެވެ. ނަމަވެސް އާއްމު ކަމެކެވެ. ފައިސާ ލިބޭ ހުރިހާ ކަމެއްގައިހެން އިސްކޮށް ބިދޭސީންނެވެ.

ބިދޭސީންގެ މައްސަލައަށް އެކަނި ބެލިޔަސް ރާއްޖޭގައި މުހިންމު ގާނޫނުތައް ތަންފީޒު ނުވާ ކަމުގެ ހެކި ފެންނާނެއެވެ. ގާނޫނު ބުނާގޮތުން ރާއްޖެ އައިސް މަސައްކަތް ކުރެވޭނީ ވަކި ހުއްދަތަކަކާއި އިޖުރާތްތަކެއް ފުރިހަމަ ކޮށްގެންނެވެ. ނަމަވެސް ލައްކައަކަށް ވުރެން ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެކަން ހުއްޓުވޭތަނެއް ނާންނައިރު ގާނޫނާ ހިލާފަށް ގައުމުގެ އިގުތިސާދުން ބިދޭސީން ރަސްކަން ކުރަނީއެވެ. ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް ވިޔަފާރިކޮށް އޭގެން ނަފާ ހޯދައިގެން އެ ފައިސާ މި ގައުމުން ބޭރު ކުރާއިރު އަޅާ އެކަށީގެންވާ ފިޔަވަޅެއް ނެތެވެ.

މަސްތުވެގެން މިނިވަންކަން މަތީ

މަސް މާރުކޭޓުން ނުކުމެ ސައިކަލަށް އަރަން ޕާކިން ޒޯނަށް ދިޔައިރު އަނެއްކާ ވެސް ދިމާވީ ސްޓިކާ ޖަހަން ތިބި ފުލުހުންތަކަކާއެވެ. ޝައުގުވެރިކަމާއެކު ފަހަރަކު އުޅަނދެއް ޖޫރިމަނާ ކުރަމުން ދެ ފުލުހަކު ދިޔައެވެ. ހިތާމައަކީ އެކަމުގައި ތިބި ފުލުހުންނަށް އެ ސަރަހައްދުން ދިޔަ ދެ މީހަކު ފާހަގަ ނުވިކަމެވެ. އެ މީހުން ހިނގަމުން ދިޔަގޮތާއި އަމަލުތައް ހުރިގޮތުން އެ ތިބީ މަސްތުވެފައިކަން ފުރިހަމަ ބުއްދިއެއްގައި ހުރި ކޮންމެ މީހަކަށް އެނގޭނެއެވެ.

މިއީ އަނެއް މައްސަލައެވެ. މާލޭ މަގުތަކުގައި މަސްތުވެ، ބިއްޖެހިފައި ތިބޭ މީހުން އިތުރުވާން ފަށައިފިއެވެ. ސަލާން ޖަހައިގެންނާއި އެކިއެކި މަސައްކަތް ކޮށްގެން ލިބޭ ފައިސާއިން މަސްތުވެގެން މާލެ ތެރޭގައި ފާޅުގައި އުޅެނީއެވެ. ހިތްފަސޭހަ މައިދާންތަކާއި މިސްކިތްތައް އެ މީހުންގެ ގެތަކަށް ހަދައިފިއެވެ. މަސްތުވެގެން މަގުތަކުގައި ފާޅުގައި އުޅޭއިރު އެއީ ކުށެއް ނޫނޭ ހީވާ ފަދައެވެ.

މާލޭގައި މީހަކު މަސްތުވެގެން: މަސްތުވެ މަގުތަކުގައި އުޅޭ މީހުން ގިނަ -- ސަން ފައިލް ފޮޓޯ

ޓޫރިސްޓު ބޭނުންތަކަށް ރާއްޖެ އެތެރެ ކުރާ ބަނގުރާ ފިޔަވައި އެހެން މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ބޮޑު ކުށެކެވެ. އަދި އެތަކެތި ބޭނުންކޮށްގެން ރަށު ތެރޭގައި އުޅުމަކީ ވެސް ކުށެކެވެ. ނަމަވެސް މިކަން އާއްމުވީވީނުން އެއީ ކުށަކަށް ނުވާ ހިސާބަށް ކަން މިވަނީ ގޮސްފައެވެ. މަސްތުވެގެން އުޅުން އާއްމެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރި ނަމަވެސް ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭތަނެއް ނުފެނެއެވެ.

ދުންފަތުގެ ގާނޫނު ވެސް ހަމައެކަނި ލިޔުމުގައި

ގެއިން ނުކުމެލި ސަބަބުތަކުގެ ތެރޭގައި ކޮފީއެއް ބޯލުން ވެސް ހިމެނޭތީ ކެފޭއަކާ ކައިރި ކޮށްލީމެވެ. އެ ކެފޭއަށް ވަނުމަށް ޕޭވްމަންޓަށް އެރުމާއެކު އެރީ ކޮއްޓެވެ. ގެއެއްގެ ދޮރާށި ކައިރި ހުރި މީހަކު ވޭޕްކޮށްފައި މޫނު މައްޗަށް ދޫކޮށްލި ދުންތަކުގެ ސަބަބުންނެވެ. އެކަމާ ހިތްހަމަ ނުޖެހި ހުރެ ކެފޭއަށް ވަތްއިރު އެތަނުގެ ހާލަތު ވެސް ރަނގަޅެއް ނޫނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާރު ލިޔުން ހަރުކޮށްފައި ހުއްޓަސް އެއަށް ބެލުމެއް ނެތި ސިނގިރޭޓް ބޮއެ ނަގަނީއެވެ. އެވަރުން އަދި ނިމުނީއެއް ނޫނެވެ. ސޭޓަށް ގޮވާލައި ވަކި ބްރޭންޑެއް ބުނުމުން ވަކި ސިނގިރޭޓް ގެނެސް ދީގެން ވެސް ވިއްކަނީއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދު ބުނާގޮތުން ވަކި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ. ގަވާއިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކްކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ދުންފަތުގެ އެހެން ބާވަތްތަކުގައި މަދުވެގެން 30 ގްރާމް ހިމެނެން ޖެހެ އެވެ. މި މިންގަނޑާ ހިލާފަށް ދުންފަތް ވިއްކާ ކޮންމެ ވިޔަފާރިއަކަށް އޮތީ ޖޫރިމަނާތަކާ ކުރިމަތިލުމެވެ. ނަމަވެސް އެކަން ތަންފީޒެއް ނުވެއެވެ. ކެފޭތަކާއި ފިހާރަތަކުގައި ވެސް ވަކި ސިނގިރޭޓް ވިއްކުން އާންމެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަންތަން ކަން އަންގައިދޭ ބޯޑް-- ސަން ފައިލް ފޮޓޯ

ދެން އޮތީ ޖެހުނުތާކު ބޭނުން ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ މައްސަލައެވެ. "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމު"ގެ ގަވާއިދު ބުނާގޮތުން ވަކި ތަންތަނުގައި ނޫނީ ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެއެވެ. މުހިންމު އެގަވާއިދުގައި ބުނާގޮތުން މީހުން ވަދެ ނުކުމެވާ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތައް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެކެވެ. ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގައި ވެސް ސިނގިރޭޓް ބުއިން މަނަލެވެ.

ހަމައެހެންމެ އެ ގަވާއިދު ބުނާގޮތުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދޭން ނަމަ އެތަންތަން ވަކިކުރަން ޖެހެ އެވެ. އަދި އެތަންތަނަކީ ދުންފަތުގެ އިސްތިއުމާލް ކުރެވޭ ތަންތަން ކަން އެނގޭނެހެން ލިޔުން ބަހައްޓަން ޖެހެ އެވެ.

އެ ގަވާއިދުގެ ދަށުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ލިޔުން ނުބަހައްޓާ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދޭނަމަ ފުރަތަމަ ފަހަރަށް އެ ތަނެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެ އަމަލު ކޮށްފި ނަމަ 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ނަމަވެސް މި ކަންކަން ތަންފީޒު ކުރެވެނީ މަދު ފަހަރެއްގައެވެ.

ސިނގިރޭޓް ދުމުގެ ސަބަބުން މާ ގިނައިރު ކެފޭގެ ތެރޭގައި އިނދެވޭ ގޮތެއް ނުވިއެވެ. އަވަހަށް ނުކުމެލީ ގެއަށް ދެވޭތޯއެވެ. ސައިކަލް ދުއްވާފައި ދަނިކޮށް ގަލޮޅު މަދަރުސާ ކައިރިން ޓްރެފިކްގައި ޖެހުނެވެ. އެއާއެކު ސަލާމަތެއް ނެތެވެ. ބަރުގޮނުގެ އަޑުން މުޅި ސަރަހައްދުން ގުގުމަން ފަށައިފިއެވެ. ޓްރެފިކްގައި ޖެހިގެން އިން ވަގުތު ކޮޅު ދެން ފާހަގަވީ އަނެއްކާވެސް އާއްމު މައްސަލައެކެވެ. ޖެހިގެން އިން ސައިކަލުގައި ތިބި ދެ ޒުވާނުން ވާހަކަ ދައްކަމުން ދިޔަ ހުތުރު ބަހެވެ. އަޑު އަހާލަން ނުކެރޭހާ ހުތުރެވެ.

އާއްމު އިޖުތިމާއީ އެތައް ކަމެއް

އާއްމު އިޖުތިމާއީ މިންގަނޑުތަކާ ބެހޭ ގާނޫނު ބުނާގޮތުން ހަޑިހުތުރު ބަހުން ވާހަކަ ދައްކައި އުޅުމަކީ ގާނޫނީ ކުށެކެވެ. ނަމަވެސް އެކަން މުޖުތަމައުގައި އާއްމު ވެފައިވާ މިންވަރަށް ބަލާއިރު މިއީ ވެސް ހުއްދަ ކަމެކޭ ހީވާ ކަހަލަ އެވެ. ކުޑަކުދިންނާއި އާއިލާ މީހުންނާއެކު މަގުތަކަށް ނުކުންނަން ލަދު ގަންނަ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ.

ފެނުނު ކަންކަން ގިނަވުމުން އަވަހަށް ގެއަށް ވަނީއެވެ. މިއީ ބޭރުގައި ހޭދަ ކުރި ގަޑިއެއްހާއިރުގެ ތެރޭގައި ފެނުނު މަންޒަރުތަކާއި އިވުޑު އަޑުތަކެވެ. މައްސަލަތަކަށް ގާނޫނުތައް ހަދާފައި އެބަހުއްޓެވެ. އެކަމަކު ތަންފީޒެއް ނުވެއެވެ. މައްސަލަތަކާ ހަމައަށް ގާނޫނުގެ ދިގު އަތެއް ނުފޯރައެވެ.

comment ކޮމެންޓް