ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ކޮންޓެއިނަރު ބޯޓު ރާއްޖެ ގެނެސްފި

އެމްއެސްއެސް އިން ރާއްޖެ ގެނައި ކޮންޓެއިނަރ ބޯޓު ----

ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ކޮންޓެއިނަރު ބޯޓެއް ރާއްޖެ ގެނެސްފިއެވެ.

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން އިން ގަނެފައިވާ ބޯޓް ރާއްޖެ ގެނެސްފައިވަނީ މިއަދުއެވެ.

މިއީ ރާއްޖޭގައި ބޯޓް ދަތުރުކުރުމުގެ ދާއިރާ ވަޅުޖެހިފައިވަނިކޮށް އެސްޓީއޯއިން އިސްވެ 2020 ވަނަ އަހަރު އުފެއްދި ޝިޕިން ކުންފުނިން ގަނެގެން ގެނައި ފުރަތަމަ ބޯޓެވެ.

އެމްއެސްއެސް އިން ރާއްޖެ ގެނައި ކޮންޓެއިނަރ ބޯޓު ----

އެކުންފުނިން ޗާޓަރުކޮށްގެން ގެނައި ފުރަތަމަ ބޯޓް ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުއެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި ލަންކާއަށް ގެންގޮސް ބޯޓްގެ ބްރޭންޑިން މަސައްކަތްތައް ނިންމުމަށްފަހު މި ބޯޓު ބޭނުންކުރާނީ ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރުމަށެވެ. އަދި މި ބޯޓުގެ ކުރޫގެ 99 އިންސައްތައަކީ ދިވެހިންނެވެ. އެސްޓީއޯއިންވަނީ އޮކްޓޯބަރުމަހުގެ ތެރޭގައި ބޯޓުގެ ވަޒީފާތަކަށް ދިވެހިން ހޯދުމަށް އިއުލާނުކޮށްފައެވެ.

އެމްއެސްއެސްއިން މިފަހަރު ގެނެސްފައިވަނީ 680 ކޮންޓެއިނަރުގެ ބޯޓެކެވެ.

އެމްއެސްއެސް އުފެއްދީއްސުރެ ލަންކާއާ މާލެއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކެނޑުމެއްނެތި އެ ކުންފުނިން ކުރަމުންގެންދެއެވެ.

comment ކޮމެންޓް