އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ގައުމުތަކަށް ދައުވަތު ދީގެން އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު އިރުޝާދު ދެއްވާފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވިގެން އައި އެންމެ ފާހަގަކޮށްލެވޭ ބައިނަލް އަގުވާމީ ކުޅިވަރު މުބާރާތެވެ. ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖެއިން ބައިނަލް އަގުވާމީ މުބާރާތްތަތައް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށް ހޯސްޓް ކުރަން ފަށާފައިވާ އިރު، ސާފް މުބާރާތާ އެކު ރާއްޖެއަށް މިކަން ވެދާނެ ކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރަން ފަށައިފައެވެ.
ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް ރޭ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އިން 3-0 އިން ނޭޕާލް ބަލިކޮށް އަށް ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ވިދާޅުވީ، ފުޓްބޯޅައިގެ އިތުރުން މިހާރުވެސް ރާއްޖޭގައި އިންޓަނޭޝަނަލް މުބާރާތްތަކެއް ބާއްވާފައިވާކަމަށާއި އަދި މިއަންނަ އަހަރުވެސް ގިނަ މުބާރާތްތަކެއް ބޭއްވޭނެކަމަށެވެ.
އެގޮތުން އޭޝިއަން ބޮޑީ ބިލްޑިން، އޭޝިއަން ސާރފިން އަދި ބެޑްމިންޓަންގެވެސް އިންޓަރނޭޝަނަލް މުބާރާތަކުގެ އިތުރުންވެސް ގިނަ ބައިނަލަގްވާމީ މުބާރާތްތަކެއް މިއަންނަ އަހަރު ބޭއްވިގެންދާނެކަމަށް މިނިސްޓަރ މަހުލޫފް ވިފާޅުވިއެވެ.
"ރައީސް ވަނީ އަޅުގަނޑާ ބައްސާމާ ދެ މީހުންނަށް ރާއްޖޭގައި އިންވިޓޭޝަނަލް މުބާރާތެއް ކޮންމެ އަހަރަކު ބޭއްވުމަށް އިންސްޓްރަކްޝަން (ލަފާ) ދެއްވާފައި. އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން އަޅުގަނޑާއި ބައްސާމް އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާނަން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އަންނަ މަހު އަށް ވަނަ ދުވަހު ލަންކާގައި ފަށާ ފޯ ނޭޝަންސް މުބާރާތަށް ދާއިރު، ރާއްޖޭގައި މި އޮތް ފުޓްބޯޅައިގެ މި ފޯރި ނުކެނޑި ގައުމީ ޓީމާ އެކު ވަރަށް ބާރަށް ކަންކަން ކުރިއަށް ގެންދަން އެބަޖެހޭ ކަމަށެވެ.