އިންސާފުން މަހްރޫމުވެފައިވާ އެންމެހާ ރައްޔިތުންނަށް އިންސާފު ލިބޭނެކަމުގެ އުންމީދު ގުޅިފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ ކަމަށް އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ކުރާނެކަމުގެ ވައުދުވާ ޕާޓީއެއްކަމަށެވެ. އަދި ވެރިކަމަށް އަންނަނީ އިންސާފު ހޯދައިދޭނެކަމުގެ އަޑު އުފުލައިގެންކަމަށް އޭނާ ވިދާޅުވިއެވެ.
"މިފަދަ ބޭއިންސާފުވެރިކަމުގެ ކަންކަން ތަޖުރިބާ ކޮށްގެން އެ ކަންކަމަށް ހައްލެއް ގެނެސްދިނުމުގެ ވައުދުވެގެން އަޅުގަނޑުމެން އައިސް ތިބޭތީވެ އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ. ރާއްޖޭގެ ރައްޔިތުން އަދި ހާއްސަކޮށް ބޭއިންސާފުން ހިތޭ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްވޭ އަބަދުވެސް އަޅުގަނޑުމެންނާއެކު،" ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި، އެމްޑީޕީގެ މަޖިލީހެއް އޮތް އިރު ބޭނުން ހިފޭ ރަނގަޅު ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަލުތަކުގައި މީހުން ވާނުވާގައި ބަންދުކުރުމުގެ މައްސަލައަކީ ރާއްޖޭގައި އަބަދުވެސް ކުރަމުން އަންނަ ކަމެއްކަމަށް ވައްޑޭ ވިދާޅުވިއެވެ. އަދި އެގޮތަށް ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިންމުމަށް މަސައްކަތްކުރުމަށް ވެސް އޭނާ ގޮވާލިއެވެ.
ހާދިސާއެއް ހިނގުމަކީ ވެދާނެ ކަމެއްކަމަށާއި ނަމަވެސް ދައުލަތުން އެކަމުގައި އިހުމާލެއް ނުވާނެހެން މަސައްކަތްކުރުން މުހިންމުކަމަށް ވިދާޅުވިއެވެ. އެއާއެކު ދައުލަތުގެ މުއައްސަސާތަކުން ގުޅިގެން މި މައްސަަލަ ހައްލުކުރުމަށް ވެސް ވައްޑޭ ގޮވައިލެއްވިއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ޖަލުތަކުގައި ގައިދީންނާމެދު އަމަލުކުރެވެމުން އަންނަ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކާފައެވެ. އަދި ޖަލުތަކުގައި އިސްލާހުކުރަންވީ ކަންކަމާމެދު ވެސް ވަނީ ބަހުސްކޮށްފައެވެ.