ގަޑިއަށް ކިޔޫއަަށް އެރި މީހުންނަށް ވެސް ޓިކެޓު ނުލިބުނު

ޓިކެޓް ހޯދަން އެއްވެފައި ތބި މީހުން -- ސަން ފޮޓޯ/ އަހުމަދު އައިމަން

އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ވާދަ ކުރާ މެޗަށް ޓިކެޓް ގަތުމަށް ހެނދުނު 09:30ގައި ކިޔޫއަށް އެރި ގިނަ ބަޔަކަށް ވެސް އެ މެޗުގެ ޓިކެޓު ނުލިބި ގިނަ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

މި މެޗަށް ވިއްކާ ޓިކެޓު މިހާރު ވިކި ހުސްވެފައިވާއިރު، ޓިކެޓު ހޯދުމަށް ކިޔޫ ހަދައިގެން ތިބި އެތައް ބަޔަކު އަންނަނީ ޓިކެޓު ނުލިބުމުން ނުރުހުން ފާޅުކުރަމުންނެވެ.

https://sun.mv/157874

ޓިކެޓު ގަތުމަށް ކިޔޫ ހަދަން ފެށޭނީ މިއަދު ހެނދުނު 09:30 ފެށިގެންކަމަށް ޔޫތު މިނިސްޓްރީން ރޭ ބުނެފައިވީ ނަމަވެސް އޭގެ ކުރިން ވެސް ޓިކެޓު ހޯދުމަށް ކިޔުވަނީ ހަދާފައެވެ. އަދި ޓިކެޓު ވިއްކަން ފެށިއިރު އެންމެ ފުރަތަމަ ޓިކެޓު ވިއްކަން ފަށައިފައިވަނީ ވެސް އެ މީހުންނަށެވެ.

ހަތަރު ވަރަކަށް ގަޑިއިރު ތެރޭގައި ޓިކެޓު ވިކި ހުސްވެފައިވާއިރު، ގަޑިއަށް ކިޔޫއަށް އެރި މީހުންގެ ތެރެއިން ގިނަ މީހުންނަށް ޓިކެޓު ނުލިބޭކަމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފައެވެ.

"އަޅުގަނޑު މީ އެންމެ އެ ގަޑީގައި ފުރަތަަމަ ކިއުއަށް އެރި އެކަކު. އޭގެކުރިން ވެސް ކިއު ހަދައިގެން ތިބި. އެކަމު މިނިސްޓްރީން ބުނެފައި އޮތީ ނުހެދޭނޭ އޭގެ ކުރިން. އެކަމު އެ މީހުންނަށް އެންމެ ފުރަތަމަ ދޭން ފެށީ،" ޓިކެޓު ނަގަން ދިޔަ މީހަކު ބުންޏެވެ.

އެތަނުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ވަނީ އެގޮތަށް މިނިސްޓްރީން އަންގައިފައި ވަނިކޮށް، އޭގެ ކުރިން އަމިއްލައަށް ކިޔޫ ހަދައިގެން ޓިކެޓު ގަތުމަކީ ހަމަހަމަ ގޮތެއް ނޫން ކަމަށް ބުނެފައެވެ.

ކުރީ މެޗުގައި ދިމާވި ޓިކެޓް ވިއްކުމުގެ މައްސަލައާއެކު އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، ޓިކެޓް ގަތުމުގައި އުނދަގޫ ގޮތްތަކެއް ހުރިކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ވަނީ މިފަހަރުގެ ޓިކެޓް ވިއްކުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ޓިކެޓް ކައުންޓަރުތައް ގިނަކޮށް، ސޯޝަލް ސެންޓަރަށް ޓިކެޓް ވިއްކުން ބަދަލުކޮށްފައިވާ އިރު، އެއްފަހަރާ ގިނަ ބަޔަކަށް ޓިކެޓް ގަތުމުގެ އިންތިޒާމް ހަމަޖައްސައިފައިވެއެވެ. ނަމަވެސް އާންމުން އަންނަނީ ޓިކެޓު މައްސަލައިގައި ވެރިންގެ މައްސަލަ އޮތްކަމުގެ ތުހުމަތުކުރަމުންނެވެ.

comment ކޮމެންޓް