ސާފް ޗެމްޕިއަންޝިޕުގައި މާދަމާ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗަށް ވިއްކާ 3000 ޓިކެޓުގެ ތެރެއިން ބާކީ އިނީ 400 އެއްހާ ޓިކެޓު ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޓިކެޓު ވިއްކުމުގެ ކަންކަމާ ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާތަނަށް ޓިކެޓްގެ ބޮޑުބައި ވިކިފައިވާ ކަމަށާއި، ބާކީ ނުވިކި އުޅެނީ 400 އެއްހާ ޓިކެޓު ކަމަށެވެ.
އެހެން ކަމަށްވާނަމަ 200 އެއްހާ މީހުން ގޮސްގެން ޓިކެޓް ވިކި ހުސްވާނެއެވެ. މީހަކަށް ދެ ޓިކެޓުގެ މަގުން ޓިކެޓް ވިއްކާއިރު، ބާކީ ޓިކެޓުތައް ވަރަށް އަވަހަށް ހުސްވާނެ ކަމަށް ބެލެވޭ ކަމަށް ޔޫތު މިނިސްޓްރީ އޮފިޝަލް ވިދާޅުވިއެވެ.
މިއަދުގެ ޓިކެޓް ވިއްކުން ފަށައިފައިވަނީ 10:00ގައެވެ. ޔޫތު މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި ސޯޝަލް ސެންޓަރު ތެރޭގައި ކިޔޫ ހެދޭނީ 9:30ގެ ފަހުންނެވެ. އެހެން ނަމަވެސް ރޭ 11:30އިން ސުރެ ޓިކެޓް ކިޔޫ ވަނީ ސޯޝަލް ސެންޓަރު ބޭރުގައި ހަދަން ފަށައިފައެވެ.
ކުރީ މެޗުގައި ދިމާވި ޓިކެޓް ވިއްކުމުގެ މައްސަލައާ އެކު އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އިރު، ޓިކެޓް ގަތުމުގައި އުނދަގޫ ގޮތްތަކެއް ހުރިކަން ފާހަގަކޮށް ޔޫތު މިނިސްޓްރީން ވަނީ މިފަހަރުގެ ޓިކެޓް ވިއްކުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓިކެޓް ކައުންޓަރުތައް ގިނަކޮށް، ސޯޝަލް ސެންޓަރަށް ޓިކެޓް ވިއްކުން ބަދަލުކޮށްފައިވާ އިރު، އެއްފަހަރާ ގިނަ ބަޔަކަށް ޓިކެޓް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
ބާކީ 400 އެއްހާ ޓިކެޓު ނުވިކި ހުރި ނަމަވެސް އަދިވެސް ގިނަބަޔަކު ވަނީ ސޯޝަލް ސެންޓަރު ސަރަހައްދުގައި ޓިކެޓު ހޯދުމަށް ކިޔޫ ހަދައިފައެވެ. ޓިކެޓް މަދުކަން އިނގުމާ އެކު އެއް ބަޔަކު ކިޔޫއިން ފައިބައިގެން ގޮސްފައިވާ އިރު، ކިޔޫގައި މިވަގުތު ތިބި މީހުންނަށް ވެސް ޓިކެޓް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.