އިންޑިއާ ކޮންޓްރޯލް ކުރާ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެއް ކަމަށްވާ ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިން މިހާރު ގެންދަނީ އަސްކަރީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ދަށުން އިންޑިއާ ފުލުހުން އިއްޔެ ވަނީ އެސަރަހައްދުން 500 މީހަކު ހައްޔަރުކޮށްފައިވާއިރު އިންޑިއާ ސަރުކާރު ބުނާގޮތުން "ދަ ރެސިސްޓެންސް ފްރަންޓް" ނަމަކަށް ކިޔާ މުސްލިމް ޖަމާއަތަކުން ގެންދަނީ ކަޝްމީރު އިންޑިއާގެ ފުލް ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް އެގައުމުން ކުރާ މަސައްކަތަށް ހުރަސްއެޅުމަށްޓަކައި ޓެރަރިޒަމް ގެ ނުރައްކާތެރި ހަރަކާތްތަކެއް ސިއްރިޔާތުގައި ހިންގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުންނެވެ.
އިންޑިއާގެ ފުލުހުން ބުނާގޮތުން 500 މީހުން ހައްޔަރުކުރީ ހަތިޔާރުއެޅި ބަޔަކު މިދިޔަ ހަފްތާގައި ބަޑިން ހަމަލާދީ ސިކުންގެ ތިން މީހަކާއި ހިންދޫން ގެ މީހަކާއެކު ޖުމްލަ ހަތަރު މީހުން މަރާލުމާ ގުޅިގެންނެވެ. ފާއިތުވި ހަފްތާގައި އިންޑިއާ ގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ހިންގި އޮޕަރޭޝަން އިންޑިއާ ސަރުކާރުން ސިފަކޮށްފައިވަނީ އަމަންއަމާންކަން ގާއިމް ކުރުމުގެ އޮޕަރޭޝަނެއްގެ ގޮތުގައެވެ.
އިންޑިއާ ފުލުހުން ގެ ބަޔާނެއް ބުނާގޮތުން މި ހަތަރު މީހުން މެރުމުގެ ފަހަތުގައިވަނީ ކަޝްމީރުގައި އިންޑިއާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ "ދަ ރެސިސްޓެންސް ފްރަންޓް" ގެ ހަނގުރާމަވެރިންނެވެ.
އިންޑިއާއާ ދެކޮޅަށް ހަރަކާތްތެރިވާ "ދަ ރެސިސްޓެންސް ފްރަންޓް" އަކީ ކޮން ޖަމާއަތެއް؟
"ދަ ރެސިސްޓެންސް ފްރަންޓް" އަކީ އިންޑިޔާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ޒަމާނުއްސުރެ ދީފައިވާ ތާރީޚީ ޚާއްސަ އިމްތިޔާޒްތައް އުވާލައި އެސަރަހައްދަކީ އިންޑިއާގެ މައި ސަރުކާރުގެ ފުލް ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔުނިޔަން ޓެރަޓަރީ އަކަށް ހެދުމަށް 2019 ވަނައަހަރު އިންޑިއާގެ މިހާރުގެ ސަރުކާރުން ނިންމި ހަރުކަށި ނިންމުންތަކާ ދެކޮޅަށް ހަރަކާތްތެރިވާ މުސްލިމް ރެސިސްޓެންސް ޖަމާއަތެކެވެ.
އެޖަމާއަތުގެ ހަމަލާތައް އަމާޒުކުރަނީ ކަޝްމީރު އިންޑިއާގެ ފުލް ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް އިންޑިއާ ސަރުކާރުން 2019 ވަނައަހަރު ނިންމި ނިންމުން ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށެވެ. 2019 ގެ ކުރިން ޖައްމޫ ކަޝްމީރަކީ އިންޑިއާ ސަރުކާރުގެ ފުލް ކޮންޓްެރޯލް ނެތް އަމިއްލަ ސަރުކާރެއް އޮންނަ އަދި ލާމަރުކަޒީގޮތުން އިންޑިއާގެ އެހެން ސްޓޭޓްތަކަށް ނުލިބޭ ވަރަށް ޚާއްސަ ބާރުތަކަކާއި އިމްތިޔާޒްތަކެއް އިންޑިއާގެ ގާނޫނު އަސާސީގައި ލިބިދީފައިވާ ސަރަހައްދެކެވެ.
މި އިމްތިޔާޒު ތަކުގެ ދަށުން ޖަންމޫ ކަޝްމީރުގައި މުސްލިމުންގެ އަޣްލަބިއްޔަތު ނަގާލުމަށް އެއްވެސް ކަމެއް ކުރުމުގެ ބާރު އިންޑިއާ ސަރުކާރަކަށް ނޯވެއެވެ. މީގެތެރޭގައި މުސްލިމް ނޫން ދީންތަކުގެ މީހުން ކަޝްމީރުގައި ވަޒަންވެރި ނުކުރުން ހިމެނެއެވެ.
ނަމަވެސް އިންޑިއާގެ ޕާލަމެންޓް ގެ އަޣްލަބިއްޔަތު ލިބިފައިވާ މިހާރުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ސަރުކާރުން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޕާލަމެންޓް މެދުވެރިކޮށް ގާނޫނު އަސާސީއަށް ބަދަލުގެނަސް އިންޑިއާގެ މައި ސަރުކާރުގެ ބާރު ސީދާ ގޮތެއްގައި ހިނގާ ޔުނިއަން ދެ ޓެރިޓަރީގެ ގޮތުގައި ޖަންމޫ އާއި ކަޝްމީރު ހަދާފައެވެ.
އިންޑިއާގެ ދަށުގައި ކަޝްމީރު އޮތުމަށް އެއްބަސްވި ތާރީޚީ އެއްބަސްވުމާ އިންޑިއާ ވަނީ ޚިލާފުވެފައި
މިއީ އިންޑިއާގެ ދަށުގައި ކަޝްމީރު އޮތުމަށް 1949 ވަނަ އަހަރު ކަޝްމީރުގެ ލީޑަރުން އިންޑިއާ ސަރުކާރާއެކު އެއްބަސްވެފައިވާ ތާރީޚީ އެއްބަސްވުމާ މުޅިން ޚިލާފު ކަމެކެވެ. މިއެއްބަސްވުމާ ޚިލާފު ވެއްޖެނަމަ އިންޑިއާގެ ދަށުގައި ކަޝްމީރު އޮތުމުގެ ގާނޫނީ ހައިސިއްޔަތު އިންޑިއާއަށް ގެއްލޭނެކަމަށް ބައިނަލްއަގްވާމީ ގާނޫނީ މާހިރުންނާއި ކަޝްމީރުގެ ލީޑަރުންވެސް ވިދާޅުވެއެވެ.
1949 ވަނައަހަރު އެއްބަސްވި މި އެއްބަސްވުމާ ޚިލާފަށް 2019 ވަނައަހަރު އިންޑިއާ ގެ މިހާރުގެ ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރުމަށް ހަރަކާތްތެރިވާ އިންޑިއާގެ އެޖެންޓުންގެ ތެރޭގައި ހިންދޫންނާއި ސިކުންގެ އިތުރުން މުސްލިމުންގެ ބައެއް ޚާއިނުންވެސް ހިމެނޭކަމަށް "ދަ ރެސިސްޓެންސް ފްރަންޓް" އިން ބުނެއެވެ.
އިންޑިޔާގެ ގާނޫނު އަސާސީގައި ޖަންމޫ ކަޝްމީރަށް ދީފައިވާ ޚާއްސަ އިމްތިޔާޒްތައް އުވާލުމަށް އިންޑިއާގެ މިހާރުގެ ސަރުކާރުން 2019 ވަނައަހަރު ނިންމި ނިންމުން ތަންފީޒުކުރުމަށް މަސައްކަތްކުރާ 28 މީހަކު މިއަހަރުތެރޭގައިވަނީ ބަޑިޖަހައި މަރާލާފައެވެ. މި 28 މީހުންގެ ތެރޭގައި ގިނައީ އިންޑިއާ ސަރުކާރަށް ވާގިވެރިވާ މުސްލިމުންނާއި ހިންދޫންނާ އަދި ސިކުން ނެއެވެ.
"ދަ ރެސިސްޓެންސް ފްރަންޓް" ބުނާގޮތުން އެ ޖަމާއަތުން ހަމަލާދީ މަރަނީ ކަޝްމީރު ގައި އިންޑިޔާ ސަރުކާރަށް ވާގިވެރިވާ އެޖެންޓުންނެވެ. އެ މީހުން މެރުމުގައި ވަކި ދީނެއްގެ މީހަކަށް ނުބަލާކަމަށާ ބަލަނީ އެމީހުންގެ އަމަލުތަކަށް ކަމަށްވެސް "ދަ ރެސިސްޓެންސް ފްރަންޓް" އިން ބުނެއެވެ.
އިންޑިއާ ސަރުކާރުންވަނީ "ދަ ރެސިސްޓެންސް ފްރަންޓް" ޖަމާއަތަކީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކެކޭ އެއްގޮތަށް މުސްލިމް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށްފައެވެ. ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ މުސްލިމް ޖަމާއަތްތަކާމެދުވެސް އިންޑިއާ ދެކެނީ ޓެރަރިސްޓް ޖަމާއަތްތަކެއްގެ ގޮތުގައެވެ.
ޖަންމޫ ކަޝްމީރަކީ އިނގިރޭސީން ސިޔާސީ ބޭނުމެއްގައި ވަކިގޮތަކަށް ހަމަނުޖައްސައި ބޭއްވި މުސްލިމް ސަރަހައްދެއް
ޖަންމޫ ކަޝްމީރަކީ 1947 ގައި އިނގިރޭސީންގެ އަތްދަށުން އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުނު އިނގިރޭސީން ވަކިގޮތަކަށް ހަމަނުޖައްސައި ބޭއްވި މުސްލިމުންގެ 80 އިންސައްތަ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެކެވެ. އިންޑިއާގައި މިހާރު ވެރިކަންކުރާ ހިންދޫންގެ ހަރުކަށި ސަރުކާރުގެ ބޭނުމަކީ ޖަންމޫ ކަޝްމީރުގައި ހިންދޫން ވަޒަންވެރި ކުރުވައިގެން އެސަރަހައްދުގެ މުސްލިމުންގެ އަޣްލަބިއްޔަތު ނަގާލުން ކަމަށް "ދަ ރެސިސްޓެންސް ފްރަންޓް" އިން ބުނެއެވެ.
ކަޝްމީރުގައި މުސްލިމުންގެ އަޣްލަބިއްޔަތު ނައްތާލުމަށް އިންޑިއާ ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް
"ދަ ރެސިސްޓެންސް ފްރަންޓް" ޖަމާއަތުން ދޭ ޙަމަލާތަކުގެ ސަބަބުން ކަޝްމީރުގައި ހިންދޫން ވަޒަންވެރި ކުރުވުމަށް އިންޑިއާ ސަރުކާރުން ކުރާ މަސައްކަތްތަކަށްވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. އެއީ އެޖަމާއަތުގެ ބަޑީގެ ހަމަލާތައް ހިންދޫ ވަޒަންވެރިންނަށް އަމާޒުކުރާތީއެވެ. އިންޑިއާ ބުނާގޮތުން "ދަ ރެސިސްޓެންސް ފްރަންޓް" ގެ ހަނގުރާމަވެރިން ދޭ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ޖަންމޫ ކަޝްމީރުގެ އާންމުންގެ ހިތްތަކުގައިވަނީ ބިރުވެރިކަން އުފެދިފައެެވެ.
ނަމަވެސް އެޖަމާއަތް ބުނާގޮތުން އެޖަމާއަތުގެ ހަމަލާތަކުގެ ސަބަބުން ބިރުވެރިކަން ކުރިމަތިވާނީ އިންޑިއާގެ އެޖެންޓުންނާއި އިންޑިއާއިން ކަޝްމީރުގައި މުސްލިމުންގެ އަޣްލަބިއްޔަތު ނަގާލުމުގެ އިސްތިއުމާރީ ރޭވުމުގެ ދަށުން ވަޒަންވެރި ކުރުވާ މުސްލިމް ނޫން ދީންތަކުގެ މީހުންނަށެވެ.
"ދަ ރެސިސްޓެންސް ފްރަންޓް" ގެ ހަރަކާތްތަކުގެ ސަބަބުން ހިންދޫންގެ މެދުގައި ބިރުވެރިކަން އުފެދި ކަޝްމީރުގައި ވަޒަންވެރިވުމަށް އިންޑިއާ ސަރުކާރުން އެހީތެރިވާ ހިންދޫ ބައެއް އާއިލާތައް ކަޝްމީރު ދޫކޮށް ދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.