މީގެ 36 އަހަރު ކުރީގެ ހަނދާންތަކުގެ ތެރެއަށް ކާނަލް ރިޓަޔާޑް އަހްމަދު ނަސީމް ވަނީ މިއަދު ވެސް އެ މަންޒަރުތައް "ކުލަ ތަސްވީރެއް"ގެ ގޮތުގައި ފެންނަ ފަދައިން އެހާ ފަރިތަ ކަމާ އެކުގައެެވެ. އޭނާއަކީ އޭރު އާދައިގެ ކޯޕްރަލެކެވެ. ސިފައިންގޭ ދެ ނަންބަރު ދަންފަޅީގެ ޑިއުޓީ އަދައިކުރަން މުޅި ދުވަހު، ދަންވަންދެން އުޅުމަށް ފަހު، ގެއަށް އައިސް އޭނާ އޮތީ ގޭގައި ނިދާށެވެ.
ނަމަވެސް، ފަތިހުގެ އަރާމު ތަންމަތިން ކުއްލިއަކަށް އޭނާއަށް ލޯ ހުޅުވައިލެވުނީ ބަޑި ޖަހާ އަޑުފަށްގަނޑަށެވެ. އެ އަޑަށް އަވަސް އަރުވައިލައިގެން މަގުމައްޗަށް ނިކުތްއިރު މީހުން އެއްވެފައި ތިިއްބެވެ. ހިމޭނުން އޮތް މާލެ ހޭލައްވައިލައި އެންމެން ވެސް ތިބީ ކަންބޮޑުވެ، ހާސްކަމެއްގެ ތެރޭގައެވެ. ވެގެން މި އުޅޭ ކަމެއްގެ ކުޑަ ވެސް ހިލަމެއް ނެތެވެ.
"އެ މީހުން ވެސް ވަރަށް ކަންބޮޑުވެ ވާހަކަދައްކަމުން ދަނީ. އަޅުގަނޑަށް ބަޑިޖަހާ އަޑު އިވުނީމާ އެނގިއްޖެ މިއީ ރަނގަޅުކަމެއް ނޫންކަން. އެއީ، ސިފައިންގޭގައި އެއިރު ކަންތައްތައް މި ހުންނަ ގޮތުން ސިފައިން ގޭގައި ތަމުރީނު ދިނުމަށް އުޅޭނީ ވަރަށް މަދު އަދަދެއްގެ މުދައްރިބުން. އޭގެ ތެރެއިން ސީނިއާ އިންސްޓްރަކްޓަރަކަށް އަޅުގަނޑު ވެސް އުޅުނީ،"
ބަޑީގެ އަޑުއިވުމުން އޭނާއަށް ގޯހެއްގެ ހިލަންކުރުވީ، އެއިރަކީ އެހާ މަދު މުދައްރިބުންތަކެއް ތިބި އިރަކަށްވެފައި، އަސްލު ވަޒަން ބޭނުންކޮށްގެން ތަމުރީނެއް ހިންގާނަމަ އެ ހުރިހާ މުދައްރިބުންގެ ހާޒިރުގައި ސަލާމަތީ ފިޔަވަޅު އަޅައިގެން ހަރަކާތްތައް ކުރިއަށް ގެންދާނެތީއާއި އެ ހަރަކާތާ ގުޅޭ އެއްވެސް ކަމެއް އޭނާއަށް އެނގިފައި ނުވުމުންނެވެ.
"އެހެންވީމާ އެއާ ޚިލާފަށް ދެން ބަޑިޖަހާ އަޑުއިވުނީމާ އެއީ ރަނގަޅު ނޫން ކަމެއްކަން ގަބޫލުކުރެވިއްޖެ ހަމަ ޔަގީނުން ވެސް،" ނަސީމް ކިޔައިދިނެވެ.
ނަސީމަކީ ސިފައިންގޭގައި ހަތިޔާރާއި ބަޑިބޭހާއި ގޮވާތަކެތީގެ ކަންކަން ދަންނަ މީހަކަށް ވެސް ވުމާއެކު، އެ އަޑުފައްގަނޑު އިވުމުން އޭނާގެ އަމިއްލަ ނަފުސު އޭނާއަށް މަޖުބޫރުކުރީ ހުރި ތަނަކުން ސިފައިންގެއަށް ދިއުމަށެވެ. އަވަސްއަވަސްކޮށް، ގެއިން ނުކުމެ، ސައިކަލަށް އަރައި އަލިކިލެގެފާނު މަަގަށް އަޅައި ސިފައިންގެ މައިމަރުކަޒާ ދިމާއަށް ދަތުރު ފަށައިފިއެވެ.
"މުންނާރު ދޮށުން ސިފައިންގޭ ބަނޑޭރި ހިނގުމަށް އެ ތަނަށް ސައިކަލު ވަދެގެން ދިޔައިރު ބުރުކައިރި ހުރި މީހަކު އަޅުގަނޑާ ދިމާއަށް ބަޑިޖަހަމުން ދިޔަ. އެއީ އަޅުގަނޑާ ދިމާލަކަށް ނޫން، އެތަނުން ހުރަސްކުރި އެހެން ކޮންމެ މީހަކާ ދިމާއަށް ވެސް ބަޑި ޖަހަމުން ދަނީ. އެހެންނަމަވެސް އަޅުގަނޑު ގަޔަކަށް ވަޒަނެއް ނާރަ،"
ދުޝްމަނުން އޭނާއަށް އަމާޒުކުރި ފުރަތަމަ ހަމަލާއިން ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ. ނަމަވެސް، ސިފައިންގެ ކައިރިން އޭރު ހުރި ހުރަވީ ބިލްޑިންގެ ހުޅަނގު އުތުރު ކަންމައްޗާ ދެވުނު ތަނުން އަނެއްކާ ވެސް ހަމަ އެ މީހާ ފަހަތުން އަރައި، ނަސީމަށް އަމާޒުކޮށް އަނެއްކާ ވެސް ބަޑި ޖަހައިފިއެވެ.
އޭގެ ތެރެއިން ބައެއް ވަޒަން ހުރަވީ ބިލްޑިންގެ ފާރު ފޫއަޅުވައި، ވާތްފަރާތު މެޔަށް އަރައި ވާތުގެ މުލަށް ދަނޑިއަށް އަރައިފިއެވެ. ހަމައެއާއެކު އިތުރު ވަޒަނެއް ބަނޑަށް އަރައި ގާތްގަނޑަކަށް ހަތަރު އިންޗި ފުންކޮށް ފޫއަޅުވައިލައިފިއެވެ.
ނަސީމަށް ވިސްނުނު ގޮތުގައި އެ ވަގުތު ދެން އޭނާއަށް އެންމެ މުހިންމުވާނީ އެ ޒަޚަމްތަކުން އަމިއްލައަށް ސަލާމަތްވާން މަސައްކަތްކުރުމެވެ. އެހެންވެ، އެ ފުން ޒަޚަމުތަކާ އެކު ވެސް ހިތްވަރުކޮށްފައި ހުރަވީ ބިލްޑިންގެ ފާރުމަތީން ފުންމައިލައި، އެތެރެއިން، ހުކުރު މިސްކިތް ކުރިމަތީ ދޮރުން ބޭރަށް ނުކުތެވެ. މިސްކިތު ދާލައިގައި އިރުކޮޅަކު މަޑުކޮށްލުމަށް ފަހު މެދު ޒިޔާރާތްކައިރިއަށް މަޑުމަޑުން ގޮސް ސެންޓްރަލް ހޮސްޕިޓަލަށް ދާން ހިނގައިގަތެވެ.
ފުން ޒަޚަމްތަކުން އޮހެރުމުންދިޔަ ލެޔާއެކު މުޅި ފައިވާން އޮތީ ތަތްތެޅިފައެވެ. އެހެންވެ, އަޅާ ކޮންމެ ފިޔަވަޅަކާ އެކު އަޑު ކިޔާތީ މުލިއާގޭ އިރުމަތީ ފަރާތުގައި ހުންނަ ސެގަރުގެ ތެރެއަށް ފައިވާން އެއްލައިލާފައި ކުރިއަށް ހިނގައިގަތެވެ. ހޮސްޕިޓަލަށް ދެވުނުއިރު ލައިގެން ހުރި ފަޓުލޫނު ވެސް އޮތީ ލެއިން ތެމި ފޯވެފައެވެ.
ހޮސްޕިޓަލުގައި ތިބި އެންމެން ވެސް ތިބީ ހާސްވެ ކަންބޮޑުވެފައެވެ.
"ދެން އަޅުގަނޑު ގޮސް އެ ތަނުގައި ބަހައްޓާފައި ހުރި ސްޓްރެޗަރެއްގައި އަމިއްލައަށް އޮޝޯވެ އަޅުގަނޑު ބުނެފިން އަޅުގަނޑު ގަޔަށް ވަޒަން އަރައިގެންނޭ މި އައީ. އެހީވެ ދޭށޭ،"
އޮޕަރޭޝަން ތިއޭޓަރަށް ނަސީމް ވެއްދިތަނާ އިރުތަކެއްނުވެ މުޅި މާލެއިން ކަރަންޓު ކެނޑި ހޮސްޕިޓަލުން ވެސް ކަރަންޓު ކެނޑިއްޖެއެވެ. މިއީ އޭނާގެ ހިތްވަރު މުޅިން ދެރަކޮށްލި ކަމެކެވެ. ނަމަވެސް، އެ ދުވަހު އޭނާގެ ނަސީބަކަށްވީ ހޮސްޕިޓަލުގެ އިމަޖެންސީ ޖަނަރޭޓަރުން ކަރަންޓު ދެވެން ފެށުމެވެ.
"ދެން އަޅުގަނޑު ވަރަށް ހިތްވަރު ދެރަވި. އެއީ ކަރަންޓު ދިއުމަކީ ދެން އޮޕަރޭޝަން ކުރުމަށް ވެސް ހުރަސް އެޅޭނެ ދަތިކަމެއް. އެހެންނަމަވެސް، ﷲގެ ރަޙުމަތުން އެ ތަނުގައި ހުރި އިމަޖެންސީ ޖަނަރޭޓަރެއް ސްޓާޓްކޮށްގެން ކަރަންޓު ވެއްދީ އެ ތަނަށް. ދެން އަޅުގަނޑު އޮޕަރޭޓްކުރީ...ﷲގެ ރަހުމަތުން އަޅުގަނޑުގެ ފުރާނަ ސަލާމަތްވީ،"
ނަސީމް ކިޔައިދިން ގޮތުގައި އެ އޮޕަރޭޝަނަށް ފަހު އާއިލާއާ ބައްދަލުވީ އޭގެ އަނެއް ދުވަހުގެ އިރުއޮއްސެން ގާތްވެފައި ހުއްޓައެެވެ. އޭނާއަށް ހޮސްޕިޓަލުގައި 19 ދުވަހު އޮންނަން ޖެހުނެވެ. ކިރިޔާ ތެދުވެވެން ފެށުމާ އެކު އަމިއްލައަށް އެދިގެން، ޔުނިފޯމު އަޅައިގެން އަލުން ޑިއުޓީއަށް އޭނާ ނުކުތެވެ. އެހެންނަމަވެސް، އޭރު ވެސް ލޭ މަނާނުވާ ބައެއް ޒަޚަމުތަކުން ލޭ ފައިބަމުން އަންނާތީ، ޑިއުޓީތަކަށް ނުކުތީ މުޅި ބަނޑުގައާއި މޭމަތީ އިލާސްޓިކު ބޭންޑެއް އައްސައިގެން ޔުނިފޯމް އަޅައިގެންނެވެ.
ނޮވެމްބަރު ތިނެއް، 1988ގެ އުދުވާނަށް 36 އަހަރު ފުރިއްޖެއެވެ. މިއަދު އެ ދުވަހުގެ އެ ހާދިސާ ހިނގި ގޮތުގެ ވާހަކައާއި، ނަސްރު ހޯދުމަށް ކުރި މަސައްކަތަކީ ފްރޭމުކުރެވިފައިވާ ފޮޓޯގަނޑެކެވެ. އެ ފޮޓޯގަނޑުގެ އެކި ދިމަދިމާއަށް ބެލި ކަމުގައިވީ ނަމަވެސް ދެއްކެން އޮތީ ހަމަ އެއް ވާހަކައެވެ.
ނަވާރަ ދިވެހީންގެ ލެއިން މި ދިވެހި ބިން ފޯވި ހިތި ހަނދާނާއި، އެތައް ބަޔަކަށް ލިބުނު ޒަޚަމުތައް އަބަދަށް ދޫކޮށްފައިވާ ލަކުނުތަކުގެ ވާހަކައެވެ. ބާރުތަކުގެ ދަހިވެތިކަމުގައި ތިބި ދިވެހީންތަކެއްގެ ޝާމިލުވުމާ އެކު ޕްލޯޓް ޖަމާއަތުން މާލެ އެރި ވާހަކައެވެ. އެ އުދުވާނުން ގައުމު ސަލާމަތްކުރުމަށް ދިވެހި ސިފައިން ދެއްކި މަތިވެރި އަޒުމުގެ ވަހަކައެވެ.
ވަކީން ޚާއްސަކޮށް ޝަހީދު ހުސައިން އާދަމް ދެއްކެވި ހިތްވަރާއި، ފުރަތަމަ ރައްދު ހަމަލައާ އެކު ސިފައިންނަށް ތައްޔާރުވާން ލިބުނު ފުރުސަތަކީ އެ ދުވަހުގެ ކާމިޔާބީގެ މައިގަނޑު އެއް ސަބަބެވެ.
"އަޅުގަނޑުމެންނަކީ އޭރު ތަމުރީނުތައް ލިބިފައި ތިބި ވަރުން ވެސް އަޅުގަނޑުމެންގެ ތެދުވެރިކަމާއި އަމާނާތްތެރިކަން، ސިފައިންގެ މީހުންގެ ހުރި ވަރު ރަމުޒުކޮށްދޭ އެއް ކަމަކީ އެއްވެސް ފަސްޖެހުމެއް ނެތި އޭނާ [ހުސައިން އާދަމް] މީހަކަށް ގޮވައިލުމެއްނެތި މިހެންވަނީއޭ އެެހެންވަނީއޭ ވެސް ބުނުމެއް ނެތި އޭނައަށް އަންގާފައި އޮތް އިރުޝާދާ އެއްގޮތުގެ މަތީން ވާޖިބު އަދާކުރުމަށް ދިފާއުގައި އޭނާ ހަމަލާ ދިނީ،"
ހުރިހާ ދިވެހީން ވެސް ގަބޫލުކުރާ ގޮތުގައި އެ ދުވަހު ލިބުނު ނަސްރުގެ އަސްލަކީ ދިވެހި ސިފައިންގެ ހިތްވަރެވެ. މިއަދު މި ވާހަކަތައް ތަކުރާރުކުރަނީ އެ ދުވަހުން ދިން ފިލާވަޅުތަކާ އެކުގައެވެ.