ބަޑިޖަހަން ލިބުނު ތިންވަނަ ފަހަރު ކުރަންޖެހުނީ ހަނގުރާމަ

ޝަހީދު ހުސައިން އާދަމް --

މީގެ 36 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެންބަރު ތިންވަނަ ދުވަހުގެ ހެނދުނު ރާއްޖެއަށް އަލިވިލުނީ ބިރުވެރިކަމުގެ ގަދަ އަޑުފައްގަނޑުންނެވެ. ބަޑީގެ ހަމަލާތަކުން މުޅި ދުވަސް ބަނަކޮށްލިއިރު، އެއީ އެތައް ދިވެހީންނެއްގެ ލޭ ދިވެހި ބިމަށް އޮހޮރުވާލި ހިތާމަވެރި ދުވަހެކެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި އައި ދުޝްމަނުންގެ ކިބައިން ސަލަމަތްވުމަށް ދިފާއުގައި ހުސައިން އާދަމް ފުރަތަމަ ރައްދު ދިނެވެ. އެއީ، ސިފައިންގެ ޚިދުމަތުގައި އޭނާ ބަޑިޖެހި ތިންވަނަ ފަހަރެވެ. ނަމަވެސް، އެއީ ނުގުޑާ އަޒުމަކާ އެކު ފަހު ނޭވައާ ޖެހެންދެން ވެސް ގައުމު ހިމާޔަތްކުރުމުގައި ދެމިހުންނެވި ގައުމީ ބަޠަލެކެވެ.

މި ހަނދާންތައް ޖީލުން ޖީލަށް ފަނޑުވަމުން ދާއިރު ގައުމީ ބަޠަލުންގެ ޒިކުރާ އާކޮށް މި ވާހަކަތައް އެއް ޖީލުން އަނެއް ޖީލަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ތުއްޕުޅު ހަޔާތް

ހުސައިން އާދަމް އުފަންވެވަޑައިގަތީ ފެބްރުއަރީ 28، 1968ގައި ހދ. ކުޅުދުއްފުށީ މާވާގޭގައެވެ. ބައްޕާފުޅަކީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މާވާގޭ އާދަމް މުހައްމަދެވެ. މަންމާފުޅަކީ ކުޅުދުއްފުށީ މުދިމު އިބްރާހީމުގެ އާއިޝަތު ހަސަނެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން

ހުސައިން އާދަމް އުޅެ ބޮޑުފުޅުވީ ބައްޕާފުޅާއި މަންމާފުޅުގެ ލޯބި ލިބިވަޑައިގެން އެ ގޭގައެވެ. ތައުލީމު ހާސިލުކުރެއްވީ އުފަން ރަށް، ކުޅުދުއްފުށީގެ އަމީރު އަމީން ސްކޫލުންނެވެ. އެއީ ކިޔެވުމަށް މެދުމިނުގެ ދަރިވަރެކެވެ. ނަމަވެސް، އެ ސްކޫލުގައި ހިންގި ކެޑޭޓް ހަރަކާތުގައި ހުސައިން އާދަމް ފާހަގަކޮށްލެވުނެވެ. ސްކޫލު ދައުރުގައި ކުޅެއުޅުއްވި ކުޅިވަރުތަކުގެ ތެރެއިން ފެތުމާއި ދުވުމުގައި ވެސް އޭނާއަކީ ފާހަގަކޮށްލެވޭ ދަރިވަރެކެވެ.

ސްކޫލު ހަޔާތް ނިންމަވާލައްވައި، ސިފައިންގެ ޚިދުމަތަށް ވެންނެވުމުގެ ކުރިން ޝަހީދު ކޯޕްރަލް ހުސައިން އާދަމް ވަނީ ބޯޓު ދަތުރުކުރައްވަން ވަޑައިގެންނެވުމުގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ފާޅުކުރައްވައިފައެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތުން

ޝަހީދު ކޯޕްރަލް ހުސައިން އާދަމަކީ ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުން ސިފައިންގެ ޚިދުމަތަށް ހޮވުނު 12 ދަރިވަރުންގެ ތެރެއިން ދަރިވަރެކެވެ. އޭނާ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1984ވަނަ އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ. އޭރު އުމުރުފުޅުން އެންމެ 16 އަހަރެވެ.

އޭރު ސިފައިންގެ ޚިދުމަތުގެ ތަމުރީނު ދެމުން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް، ސްކޫލު ދައުރުގައި ކެޑޭޓް ހަރަކާތުގައި އުޅުއްވުމުގެ ސަބަބުން ހުސައިން އާދަމް ހެވިކަމާއި ސިފަވަންތަ ހަރަކާތްތަކަށް ފަރިތައެވެ.

ޝަހީދު ހުސައިން އާދަމް --

އެހެންވެ، 1986ވަނަ އަހަރު ސިފައިންގެ ތެރޭގައި ޓާސްކް ފޯހެއް އުފައްދަވަން ނެންގެވި ބޭފުޅުންގެ ތެރޭގައި ހުސައިން އާދަމް ހިމެނިވަޑައިގެންނެވިއެވެ. ޚާއްސަ ތަމުރީނެއް ފަރުމާކޮށް މާލެ އަތޮޅު ގިރިފުށީ ޓްރޭނިން ކޭމްޕުގައި ކުރިއަށް ގެންދިޔަ ތަމްރީނުގައި އޭނާ ބައިވެރިވެވަޑައިގަތެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތުމަށް ފަހު، ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފުރަތަމަ ޚިދުމަތްކުރެއްވީ ސިފައިންގެ ޑިއުޓީ ސެކްޝަންގައެވެ. އެއީ، ޑިއުޓީ މަރަންޖެހޭ ހުރިހާ ތަނެއްގައި ޑިއުޓީ މެރުމާއި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައި އޮތް ޔުނިޓެވެ. ތަމަޅައިން އެރުމުގެ ކުރިއަށް އޮތް އަހަރު 1987ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހާ ހަމައަށް އެ ސެކްޝަންގައި އޭނާ މަސައްކަތް ކުރެއްވިއެވެ.

ބަޑިހިއްޕަވައިގެން ޑިއުޓީ ކުރެއްވުމަކީ އުފަލެއް އަދި ފަޚުރެއްކަމުގައި ޙުސައިން އާދަމް ދެކެވަޑައިގެންނެވިއެވެ. ބަޑިޖެއްސެވުމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ގެންގުޅުއްވިއެވެ. ގިރިފުށީ ތަމުރީނުގައި ފުރަތަމަ ބަޑި ޖެއްސެވި ދުވަސްތައް ފޮތެއްގައި ލިޔުއްވާފައި ވެސް ވެއެވެ.

ފުރަތަމަ ބަޑި ޖެއްސެވުމުގެ ހަނދާންތައް

އެއީ، 1985ވަނަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ ދުވަހު ގިރިފުށީގައި ބަޑިޖައްސަވަން ހުސައިން އާދަމަށް ލިބިވަޑައިގެންނެވީ ހަ ވަޒަނެވެ. ޓާގެޓަށް ޖެއްސެވުނީ ހަތަރު ވަޒަނެކެވެ. އަނެއް ދެ ވަޒަން ދިޔައީ ބޭރަށެވެ.

އެ ތަޖުރިބައަށް ފަހު ހުސައިން އާދަމަށް ދެވަނަ ފަހަރަށް ބަޑިޖައްސަވަން ލިބިވަޑައިގެންނެވީ އޭގެ އެއް އަހަރު ފަހުން 1986ވަނަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ. ގިރިފުށީގައި އެ ދުވަހު ބަޑިޖައްސަވައިގެން ވެސް ޓާގެޓަށް ތިން ވަޒަން އެރިއެވެ.

ނޮވެމްބަރު 3، 1988: ލަންކާގެ ޕްލޮޓް ޖަމާއަތް ރާއްޖެ ގެނެސްގެން ހިންގި ބަޣާވާތް ނާކާމިޔާބުކޮށްލުމުގައި އުޅުނު ދިވެހި ސިފައިން އަމަން ބެލެހެއްޓުމުގައި --

ތިންވަނަ ފަހަރަށް ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިޖެއްސެވީ 1988ވަނަ އަހަރު ނޮވެންބަރު ތިންވަނަ ދުވަހު ދުޝްމަނުންނާ ދެކޮޅަށެވެ.

ނޮވެމްބަރު ތިނެއްގެ ހާދިސާ

ނޮވެންބަރު ތިނެއް 1988ވަނަ ދުވަހު ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއަކީ ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަހްމަދު ނާސިރާ ދެ މީހުން އިސްވެ ތިބެ ދިން ހަމަލާއެކެވެ. މި ހަމަލާ ދީފައިވާނީ، ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)އާ ގުޅިގެންނެވެ.

ހަމަލާ ދިނުމަށް ރާވައި، މި މީހުން މާލެ އައީ ކަނޑުމަގުން ދެ ބޯޓެއްގައެވެ. އެއީ، ޓީ 52 އާއި ސައުތުވެސްޓް 37އެވެ. މި ހަމަލާގައި ދުޝްމަނުންގެ ކޮމާންޑަރަށް ހުރީ ވަސަންތީ އޭ ކިޔާ ތަމަޅަ މީހެކެވެ. އެ މީހުންގެ މައިގަނޑު ރޭވުމަކީ ތިން ދިމާއަކުން ކުއްލިއަކަށް ސިފައިންގެ މައި މަރުކަޒަށް ޙަމަލާދީ އެ މީހުންގެ ބާރުގެ ދަށަށް ސިފައިންގެ މައި މަރުކަޒު ގެންދިއުމެވެ. ދެން، ސަރުކާރުގެ އިސްވެރިން ހިފައި ހައްޔަރުކޮށް ދިވެހިރާއްޖޭގެ ވެރިކަމުގެ މައްޗަށް ގަދަވެގަތުމެވެ.

ނޮވެމްބަރު 3، 1988: ޕްލޮޓު ޖަމާއަތް ރާއްޖެ ގެނެސް، ވެރިކަން ފުރޮޅާލަށް ބަޣާވާތް ކުރި ހާޖަރާގެ ލުތުފީ އަތުލައިގަނެ، ބިޑިއަޅުވައިގެން ތަހުގީގަށް ގެންދަނީ.

ނަމަވެސް، އެ ދުވަހުގެ ފަތިހުގެ ހިމޭންކަމުގައި 04:15 ހާއިރު ދުޝްމަނުން މާލެ އަރައި ގޮއްވާލި ބަޑީގެ ފުރަތަމަ ވަޒަނާ އެކު ދުޝްމަނުންނާ ދެކޮޅަށް ރައްދުގައި ހަމަލާ ދޭން ފެއްޓެވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމެވެ. އެއީ، ދުޝްމަނުން މާލެ ފޭބުމުގެ ތެރޭގައި އެއިން މީހެއްގެ އަތުން އޮޅުމަކުން ގޮވި ވަޒަނެކެވެ.

ސޯޓުބުރިތަކެއް ލައިގެން ބަޑިހިފައިގެން ސިފައިންގެއާ ދިމާއިން މެރިންޑްރައިވުން ދުވަމުންދިޔަ ދުޝްމަނުން ފެނުމާ އެކު އެއީ މި ޤައުމުގެ ދުޝްމަނުންކަން ހުސައިން އާދަމް އަމިއްލައަށް ނިންމެވީއެވެ. އެ ވަގުތު ހިއްޕަވައިގެން ހުންނެވި އޭކޭ 47ގެ ރައިފަލް ރެޑީކޮށް ދުޝްމަނުންނާ ދެކޮޅަށް ވަގުތުން ހަމަލާ ދެއްވަން ފެއްޓެވީއެވެ.

ފުރަތަމަ ބަޑި ޖެއްސެވީ އޮޓޮމެޓިކުގައި ކަމަށް ވިޔަސް ފަހުން ބަޑި ޖައްސަވަމުން ގެންދިޔައީ ރެގިއުލާގައި ވަރަށް ވިސްނުންތެރިކަމާ އެކު ދުޝްމަނުންގެ ހަރަކާތްތަކަށް ބައްލަވައިގެން ވަޒަނަކަށް ފަހު ވަޒަނެކެވެ.

ދުޝްމަނުންނާ ދެކޮޅަށް ފުރަތަމަ ހަމަލާ ދެއްވަން ފެއްޓެވި ވަގުތު އެތަން ދޫކުރައްވައި ސަލާމަތް ވެވަޑައިގަންނަވާނެ ފުރުސަތު ހުސައިން އާދަމަށް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް، ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަމުން ޝަހީދު ކޯޕްރަލް ހުސައިން އާދަމް ހަމަލާއިން ސަލާމަތްވެވަޑައިގަތުމަށް ވަދެވަޑައިގަތީ ސިފައިންގެ މައިގޭޓުގެ ބޭރުގައި ޑިއުޓީއަށް ތިބޭ ބޭކަލުން ވާރެއާ ހިޔާވުމަށް ހަދާފައި ހުރި ދެ ސެގަރުގެ ތެރެއިން ގޭޓުގެ ހުޅަނގު ފަރާތުގައި ހުރި ސެގަރުގެ އެތެރެއަށެވެ.

ނޮވެމްބަރު 3، 1988: ބާޣީންގެ މައްޗަށް ދިވެހި ސިފައިން ނަސްރު ހޯދިއިރު، 19 ދިވެހިން ވަނީ ޝަހީދުވެފައި.

އެ ތަނުގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަމުން ސިފައިންގެ މައިގޭޓުގެ އެތެރޭގައި ތިއްބެވި ސިފައިންނާ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ގެންދެވީ ވާހަކަފުޅުދައްކަވަމުންނެވެ. ސިފައިންގެއަށް ޙަމަލާދެމުން ދަނީ ސޯޓުބުރިތަކެއް ލައިގެން ތިބި ދުޝްމަނުންގެ ބަޔަކު ކަމާއި ދުޝްމަނުންނާ ދެކޮޅަށް ހަމަލާދެމުން ގެންދަވާ ވާހަކަ ވިދާޅުވިއެވެ.

އޭނާ ދެއްވަމުން ގެންދެވި ރައްދު ހަމަލާގެ ސަބަބުން ދުޝްމަނުންނަށް ސިފައިންގެ މައިގޭޓާ ދިމާއަށް ކުރިއަށް އަންނާނެ ފުރުސަތެއް ނުލިބުނެވެ. ފަހުން ދުޝްމަނުން ގޮސް ވަނީ މިހާރުގެ ޖުމްހޫރީ މައިދާނުގައި އޭރު ހުރި ދޮށިމޭނާ ބިލްޑިންގުގެ މަގުމަތީ ފާރުގެ އެތެރެއަށެވެ.

އެ ފާރުގެ އެތެރެއިން އައިސް އެ އިމާރާތުގެ ދެކުނު ފަރާތު މަގުމަތީ ފާރުގެ މަތީގައި ބަޑި އަޅުއަވައިގެން ތިބެ ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް ދުޝްމަނުން ހަމަލާދޭން ފެށިއެވެ. އޭރު ހުސައިން އާދަމާއި ދުޝްމަނުންނާ ދެމެދުގައި ހުރި ދުރުމިނަކީ ސިފައިންގެ ކުރިމަތިން އޮންނަ އަމީރު އަހުމަދު މަގުގެ ފުޅާ މިނެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމް، ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަންފެއްޓެވިތާ ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ހިނގި ފަހުން ދުޝްމަނުން ޖެހި ވަޒަނެއް އޭނާގެ އަތްޕުޅަށް އެރިއެވެ. އެ ވާހަކައާއި ފުރަތަމަ މެގަޒިން ހުސްވެގެން ދެވަނަ މެގަޒިން ބަޑިއަށް ލޯޑްކުރި ވާހަކަ ސިފައިންގެ ގޭޓުގެ އެތެރޭގައި ތިބި ބޭފުޅުންނަށް އިވޭވަރަށް ވިދާޅުވިއެވެ.

ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ވަސަންތީ ބަޑިޖަހައި މަރާލާފައި

ވަޒަނުގެ އެއް މެގަޒިން ހުސްވުމުން އިތުރަށް އޮތް ފަހު މެގަޒިން ޖެހުމަށް ފަހު އޭނާ އެދިވަޑައިގަންނަމުން ގެންދެވީ އިތުރު ވަޒަން ފޯރުކޮށްދެއްވުމަށެވެ. ނަމަވެސް، އޭރު ބަޑިގުދަނުން ގޭޓާ ހަމައަށް ވަޒަނެއް ނުލިބެއެވެ. ދުޝްމަނުން ސިފައިންގެ ގޭޓަށް ދެމުންދިޔަ ހަމަލާތައް ވަރުގަދަކަމުން ގޭޓު ހުޅުވޭކަށް ވެސް ނެތެވެ. ހުސައިން އާދަމް ކަވަރު ނަގައިގެން ހުންނެވި ސެގަރު ހުރީ ގޭޓުން ބޭރަށް ނިކުމެގެން ގޮސް ވަންނަ ގޮތަށް ކަމަށްވާތީ ގޭޓު ނުހުޅުވައި ވަޒަން ދެވޭނެ ގޮތެއް ވެސް ނެތެވެ.

ސިފައިންގެ ގޭޓުގެ އެތެރޭގައި ތިބި ސިފައިން އެކަން ހުސައިން އާދަމަށް އެންގިއެވެ. ވަޒަން ލިބޭނެ ގޮތެއް ނެތްކަމެވެ. ސިފައިންގެ ގޭޓުން އެތެރެއަށް ވަދެވަޑައިގެންނެވޭތޯ މަސައްކަތް ކުރެއްވުމަށް ސިފައިން އޭނާގެ ކިބައިން އެދުނެވެ.

ހުސައިން އާދަމް ސިފައިންގެއަށް ވަދެވަޑައިގެންނެވުމަށް ގޭޓު ހުޅުވައިދެއްވާނެ ކަމަށް އެތެރޭގައި ތިބި ސިފައިން ދެންނެވިއެވެ. ނަމަވެސް، ދުޝްމަނުން އެވަރަށް ހަމަލާ ދެމުން ގެންދަނިކޮށް އެތެރެއަށް ވަދެވެޑައިގަންނަވާވަރަށް އޭނާގެ އަތުގައި އެ ވަގުތު ވަޒަނެއް ނެތެވެ.

ތިނެއް ނޮވެމްބަރު އުދުވާނީ ހަމަލާއެއްގެ މަންޒަރެއް--

މި ނުތަނަވަސް ދަނޑިވަޅުގައި ދުޝްމަނުން ޖެހި ވަޒަނެއް ހުސައިން އާދަމްގެ ބަޑީގެ މެގެޒިނަށް އަރައި ބަޑި ހުއްޓެން ދިމާވިއެވެ. އެ ވަގުތު ދުޝްމަނުންނަށް ލިބުނު ފުރުސަތުގައި ވަރުގަދަ ހަމަލާތަކެއް ދީ ހުސައިން އަދަމް ޝަހީދުކޮށްލީއެވެ.

އެ ޙަމަލާތަކުގެ ސަބަބުން ވަޒަން އަރައި ހުސައިން އާދަމް ޝަހީދުވެވަޑައިގެން ސެގަރުގެ ތެރެއަށް ވެއްޓިވަޑައިގެންއިރު، ސިފައިންގެ ތެރޭގައި ތިބި ސިފައިން ވަނީ ބަޑިގުދަނުން ހަތިޔާރު ނަގައި، ތައްޔާރުވެގެން ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމަށް ނުކުމެފައެވެ. ފުލުސް އޮފީހުގެ މަތިންނާއި ބަނޑޭރިގޭ މަތިން ވެސް ދުޝްމަނުންނާ ދެކޮޅަށް އޭރު ހަމަލާދޭން ފެށިއްޖެއެވެ. އެ ހަމަލާތަކުގައި ދުޝްމަނުގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ވެސް އޭރު ވަނީ މަރައިލާފައެވެ.

ގައުމުގެ ދިފާއުގައި ފުރާނަ، އެއީ ގައުމީ ބަޠަލެއް

ސިފައިންގެ މައިގޭޓު ހިމާޔަތްކޮށްދެއްވުމުގެ އިތުރުން، ސިފައިންނަށް ހަތިޔާރާ އެކު ނުކުންނާނޭ ފުރުސަތު ހޯއްދަވައިދެއްވީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް ފުރާނައިން ޤުރުބާންވެވަޑައިގެންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ ދުޝްމަނުންނަށް ނާކާމިޔާބުވި މައިގަނޑު ސަބަބަކީ ހުސައިން އާދަމްގެ ހިތްވަރާއި ގައުމީ ލޯތްބެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމުގެ މި މަތިވެރި ޚިދުމަތުގެ އަގު ދައުލަތުން ވަޒަންކުރައްވައި، 1988 ވަނަ އަހަރުގެ ނޮވެންބަރު ހަތަރުވަނަ ދުވަހު ޕްރައިވެޓުގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވިއެވެ. ޝަރަފުގެ ނިޝާނުގެ ގޮތުގައި ހުރަވީ ރަން މެޑެއްޔާއި ޖިހާދުގެ ރަތް މެޑެލް އަދި ތިނެއް ނޮވެންބަރުގެ މެޑެލް ދެއްވިއެވެ.

ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަޔާތުން ކޮންމެ ޒުވާނެއް ވެސް އިބުރަތް ހާސިލުކުރަން ޖެހެއެވެ. މި ގައުމަށްޓަކައި ވެދެއްވި ގުރުބާނީގެ ވާހަކަ ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސްދޭން ޖެހެއެވެ. ކިޔައިދޭން ޖެހެއެވެ.

comment ކޮމެންޓް