ހަތަރު މަސް ފަހުން ރައީސް ނަޝީދު މާލެ ވަޑައިގެންފި

ރައީސް ނަޝީދު މާލެ ވަޑިގަތުމުން ރައީސް ސޯލިހު މަރުހަބާ ދަންނަވަނީ --- ފޮޓޯ: މަބްރޫކް

ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ދާދި ދެންމެ މާލެ ވަޑައިގެންފިއެވެ.

ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގައި ހުންނެވުމަށްފަހު، ރައީސް ނަޝީދު މާލެ ވަޑައިގެންފައިވަނީ މިއަދު މެންދުރު 14:50ގައެވެ.

އެމިރޭޓްސްގެ ފްލައިޓުން ފައިބައިވަޑައިގަތުމާއި އެކު ރައީސް ނަޝީދަށް މަރަހުބާ ދަންނަވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. ފައިބައި ވަޑައިގަތުމާއި އެކު ދެ ރައީސުން ވަނީ ކޮނޑާއި ކޮނޑު ޖައްސަވައި ސަލާމް ކުރައްވައިފައެވެ. އަދި އެކުގައި ހިންގަވާފައި ވީއައިޕީ ލޯންޖަށް ވަޑައިގަތެވެ.

ރައީސް ނަޝީދުއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: މަޖިލިސް

މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އެ މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންފައެވެ. އަދި ޖުލައި މަހުގެ 21 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ރައީސް ސޯލިހު، ރައީސް ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް

ގާތް ދެ އެކުވެރިންގެ ގޮތުގައި ފެނިފައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން ހީނަރުވެފައިވާކަން ރައީސް ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ. ސިޔާސީ ބައެއް ކަންކަމުގައި ހިޔާލުތަފާތުވުން ބޮޑުވެ، އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދަށް ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން، ފަހުން އިނގިރޭސިވިލާތުން ހިމާޔާތް ހޯއްދެވުމަށްފަހު އެގައުމުގައި ދިރިއުޅުއްވައި ވެރިކަން ބަދަލުވުމުން ރާއްޖެ ވަޑައިގަތުމުން ވެސް ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެންމެ ކުރީގައި ހުންނެވީ އޭރުގެ އިންތިހާބީ ރައީސް ސޯލިހުއެވެ. އަދި މިއަދު ވެސް އެމަނިކުފާނު ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް