ޕާކިސްތާނުގެ ނިއުކްލިޔާ ބޮމުގެ ބާނީ ޕްރޮފެސަރު އަބްދުލްގަދީރު ޚާން އަވަހާރަވެއްޖެ

ޕާކިސްތާނުގެ ނިއުކްލިޔާ ބޮމުގެ ބާނީ އަބްދުލްގަދީރު ޚާން

އިސްލާމް އާބާދު (އޮކްޓޯބަރު 10) : ޕާކިސްތާނުގެ ނިއުކްލިޔާ ބޮމުގެ ބާނީ އަދި އެގައުމުގެ އެންމެ އިސް ނިއުކްލިޔާ ސައެންޓިސްޓް ޕްރޮފެސަރު އަބްދުލްގަދީރު ޚާން އަވަހާރަވެއްޖެއެވެ.

ޕާކިސްތާނުގެ ރަސްމީ ޓީވީން ބުނިގޮތުގައި ގައުމީ ބަތަލެއްގެ ގޮތުގައި ސިފަކުރެވޭ އަބްދުލްގަދީރު ޚާން އަވަހާރާވީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ފަތިހުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ. ތަންކޮޅެއް ކުރިން އަބްދުލްގަދީރު ޚާން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށް ފަރުވާދިނުމަށްފަހު އެބަލިން ރަނގަނޅުވެގެން ދާދިފަހުންވަނީ އޭނާގެ ގެކޮޅަށް ބަދަލުކޮށްފައެވެ. އެންމެފަހުން އަބްދުލްގަދީރު ޚާން އަވަހާރަވީވެސް ފުއްޕާމޭއަށް ކުރިމަތިވި މައްސަލައަކަށް އަސްކަރީ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އަބްދުލް ގަދީރު ޚާން އަކީ އިސްލާމީ ގައުމުތަކުގެ ނިއުކްލިޔާ ސައެންސްވެރިންގެ ތެރޭގައި ހިމެނުނު އެންމެ ކާމިޔާބު ސައެންސްވެރިއާއެވެ. ޚާންގެ ލީޑަޝިޕްގެ ދަށުން ޕާކިސްތާނުން ނިއުކްލިޔާ ޕްރޮގްރާމެއް ފުރަތަމަ ފެށީ 1975 ވަނައަހަރުގައެވެ. ޕާކިސްތާނުން ނިއުކްލިޔާ ޕްރޮގްރާމް ފެށީ 1974 ވަނަ އަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހު އިންޑިއާއިން އެގައުމުގެ އެންމެ ފުރަތަމަ ނިއުކްލިޔާ ބޮން ތަޖްރިބާ ކުރުމާ ގުޅިގެންނެވެ.

ޚާން އިސްކޮށް ހުންނަވައިގެން 1975 ގައި ޕާކިސްތާން ސަރުކާރުން އެކުލަވާލި ނިއުކްލިޔާ ޕްރޮގްރާމުގެ ދަށުން ބިނާކުރި ނިއުކްލިޔާ ރިއެކްޓަރުގެ އެހީގައި ޕާކިސްތާނުގެ ސައެންސްވެރިން ނިއުކްލިޔަރ ބޮމެއް އުފެއްދުމުގައި އެންމެ ފުރަތަމަ ކާމިޔާބު ހޯދީ 1986 ވަނައަހަރުއެވެ. ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ފައިސާގެ ގޮތުން ލީބިޔާއާއި ސައޫދީ އަރަބިއާ އިން ބޮޑެތި އެހީތަކެއް ވެދީފައިވެއެވެ.

ޚާންގެ ޓީމުން އުފެއްދި ނިއުކްލިޔަރ ބޮން ޕާކިސްތާނުގެ ސިފައިންނާ ގުޅިގެން ސިއްރިޔާތުގައި އެންމެ ފުރަތަމަ ތަޖްރިބާކުރީ 1986 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ވަރަށް ކުޑަ ނިއުކްލިޔާ ބޮމެކެވެ. ނަމަވެސް އެބޮމުގެ ތަޖްރިބާ 100 އިންސައްތަ ކާމިޔާބެވެ. އެކަން ކުރީ ސިއްރިޔާތުގައި ކަމަށްވާތީ އެދުވަސްވަރު ޕާކިސްތާނުން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.

ނަމަވެސް 1998 ވަނައަހަރުގެ މޭމަހުގެ 11 ވަނަދުވަހު އިންޑިއާއިން ރަސްމީ ސިފައެއްގައި ނިއުކްލިޔާ ބޮމެއް ތަޖްރިބާކުރުމުން އޭގެ 17 ދުވަސްފަހުން 28 މޭ 1998 ގައި ޕާކިސްތާނުން ރަސްމީ ސިފައެއްގައި ނިއުކްލިޔާ 5 ބޮން ތަޖްރިބާކުރިއެވެ. މިއާއެކު އަބްދުލްގަދީރު ޚާން ވަނީ ޕާކިސްތާނުގައި ބަތަލެއްގެ ދަރަޖަ ލިބިވަޑައިގެންފައެވެ. އެއީ ޕާކިސްތާން ނިއުކްލިޔާ ބާރަކަށް ހެދުމުގެ މޭސްތިރިއަކީ އަދި އެކަމުގެ އިސް ފަރާތަކީ ޚާން ކަމަށްވާތީއެވެ. މިއާއެކު އިސްލާމީ ދުނިޔޭގައިވެސް ޚާންއަށް ވަރަށްބޮޑު އިހްތިރާމެއް ލިބިގެންދިޔައެވެ.

މީގެ އަހަރުތަކެއް ކުރިން އެމެރިކާވަނީ އިސްލާމީ ދެގައުމު ކަމަށްވާ އީރާނާއި ލީބިޔާއަށް ނިއުކްލިޔާ ޓެކްނޮލޮޖީގެ ވަރަށް ބޮޑެތި ސިއްރުތަކެއް ހިއްސާ ކުރެއްވި ކަމުގެ ތުހުމަތު ޚާންގެ މައްޗަށް ކޮށްފައެވެ. މީގެއިތުރުން އުތުރުކޮރެއާއަށް ވެސް ނިއުކްލިޔަރ ހަތިޔާރު އުފެއްދުނީ ޚާން އެގައުމުގެ ނިއުކްލިޔާ ސައެންސްވެރިންނާ ހިއްސާ ކުރެއްވި ވަރަށް ހައްސާސް މައުލޫމާތުތަކެއްގެ ސަބަބުންކަމަށް އެމެރިކާ ބުނެފައިވެއެވެ.

އީރާނުން ކުރިޔަށް ގެންދާ ނިއުކްލިޔާ ރީސާޗްތަކަށް ޚާން ހިއްސާކުރި ނިއުކްލިޔާ ސިއްރުތަކާއެކު އީރާނަކީވެސް ނިއުކްލިޔާ ގާބިލް ގައުމަކަށް ވެފައިވާކަމަށް އެމެރިކާ ގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު ތަޖްރިބާ ކޮށްފައި ނުވިނަމަވެސް އީރާނަކީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހުރިހާ ގާބުލްކަމެއް ލިބިފައިވާ ގައުމެއްކަމަށް އެމެރިކާ ބުނެފައިވެއެވެ.

ލީބިޔާއިންވަނީ އެމެރިކާގެ ބިރު ދެއްކުންތަކާއެކު އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ވަނީ ރޫޅާލާފައެވެ. އީރާނާއި ލީބިޔާއާއި އުތުރުކޮރެއާއަށް ނިއުކްލިޔާ ހައްސާސް މައުލޫމާތު ދިންކަމުގެ ތުހުމަތު އެމެރިކާއިން ޚާންގެ މައްޗަށް ކުރުމާއެކު އެމެރިކާގެ ބޮޑެތި ފިއްތުންތަކެއް އަމާޒުވުމުން ޕާކިސްތާން ސަރުކާރުން ކުޑަ ދުވަސްކޮޅަކަށް ޚާން ގޭގައިވެސް ބަންދުކުރިއެވެ. ނަމަވެސް ޕާކިސްތާން ރައްޔިތުން ގެ އިހްތިޖާޖްތަކާ ގުޅިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕާކިސްތާން ސަރުކާރުންވަނީ ޚާން ގޭ ބަންދުން މިނިވަންކޮށްފައެވެ.

މިކަމާ އެމެރިކާ ވަރަށް ބޮޑަށް ރުޅިއައެވެ. ފަހުން ޚާންވަނީ އީރާނާއި ލީބިޔާއާއި އުތުރުކޮރެއާއަށް ނިއުކްލިޔާ ހައްސާސް މައުލޫމާތު ސިއްރިޔާތުގައި ދެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އުމުރުފުޅުން 85 ގައި އަވަހާރަވި ޕްރޮފެސަރު އަބްދުލްގަދީރު ޚާން އަށް 2006 ވަނައަހަރު ޕްރޮސްޓޭޓް ކެންސަރުގެ އާލާސްކަންފުޅެއް ޖެހުނެވެ. ނަމަވެސް ޕާކިސްތާނުގެ އަސްކަރީ ހޮސްޕިޓަލަކުން ދިން ފަރުވާއާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި ޚާން އަށް އެބަލިން ޝިފާ ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު 2008 ވަނަ އަހަރުވެސ ނުރައްކާތެރި ވައިރަސް އެއް ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެތަށް ދުވަހެއް ވަންދެން ޚާންއަށް ފަރުވާ ދީފައިވެއެވެ.

comment ކޮމެންޓް