130 މަތިންދާބޯޓު ހިމެނޭ އިންޑިއާގެ ގައުމީ އެއާލައިންސް "އެއާއިންޑިއާ" ވިއްކާލައިފި

ނިއުދިއްލީ (އޮކްޓޯބަރު 9): އިންޑިޔާގެ ގައުމީ އެއާލައިން ކަމަށްވާ "އެއާއިންޑިޔާ ކުންފުނި" އެގައުމުގެ ޓާޓާ ކުންފުނިން ގަނެފިއެވެ.

އިންޑިއާގެ އިންވެސްޓްމަންޓާއި ޕަބްލިކް އެސެޓް މެނޭޖްމަންޓާބެހޭ އިދާރާ ބުނާގޮތުން އިންޑިއާގެ ބިޔަ ކުންފުންޏެއްކަމަށްވާ ޓާޓާ ސަންސް އިން "އެއާއިންޑިއާ" ގެ 100 ޕަސެންޓް ހިއްސާގަތީ 180 ބިލިއަން ރުޕީސް 2.4 ބިލިއަން އެމެރިކާ ޑޮލަރަށެވެ. މި ވިޔަފާރި ކުރިޔަށްދިޔައީ ބީލަމުގެ އުސޫލުން ޓާޓާކުންފުނިން ބީލަން ކާމިޔާބު ކޮށްގެންނެވެ.

"ޓާޓާ ސަންސް" އަކީ ޓާޓާ ކުންފުނީގައި ހިމެނޭ އެންބޮޑު ކުންފުންޏެވެ. ޓާޓާ ކުންފުންޏަކީ އިންޑިއާގައާއި އެނޫން އެތަށް ގައުމެއްގައި އެތަށް ބާވަތެއްގެ ވިޔަފާރިކުރާ ބިޔަ ކުންފުންޏެކެވެ. އިންޑިއާގެ އަމިއްލަ ދެ އެއާލައިން އެއްކަމަށްވާ "ވިސްޓާރާ" އާއި "އެއާއޭޝިއާ އިންޑިއާ" އަކީވެސް ޓާޓާ ސަންސް އިން ހިންގާ ދެ އެއާލައިންސް އެވެ.

ޓާޓާ ސަންސް ގެ މިހާރުގެ ސީީއީއޯ ނަޓަރާޖަން ޗަންދުރަ ސޭކަރަން

"އެއާ އިންޑިއާ" ގަތުމުގެ ބީލަމުގައި ޓާޓާ ސަންސް އާ ވާދަކުރީ "ސްޕައިސް ޖެޓް" ހިންގާ ކޮންސޯޓިއަމުންނެވެ. އެއީ ޓާޓާ ކުންފުންޏާ އަޅާބަލާއިރު ކުޑަ ކުންފުންޏެކެވެ.

އިންޑިޔާގެ ގައުމީ އެއާލައިން ކަމަށްވާ "އެއާއިންޑިޔާ" އަކީ މުޅިން ބަނގުރޫޓްގެ މާލީގޮތުން އިނދަޖެހިފައިވާ ކުންފުންޏެކެވެ. ދަރަނިތައް ބޮޑުކަމުން ވިއްކާލަން އުޅެގެންވެސް ނުވިކިފައިވާ ކުންފުންނެކެވެ. އެކުންފުނި ވިއްކާލަން އިންޑިއާ ސަރުކާރުން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. އިންޑިއާ ސަރުކާރު ބުނާގޮތުން "އެއާއިންޑިޔާ" ގައި 8.2 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނިވެސް އެބައޮތެވެ. މިދަރަންޏާއެކު ފާއިތުވި އަހަރުތަކުތަކުގައި އެއާއިންޑިއާ ހިންގަމުން ގެންދިޔައީ ދުވާލަކު ގާތްގަނޑަކަށް 220 މިލިއަން ރުޕީސް (3 މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުމަކާ އެކުގައިކަމަށް ވެއެވެ.

އިންޑިއާއަށް މިނިވަންކަން ނުލިބެނީސް 1932 ވަނައަހަރު "އެއާއިންޑިއާ" ފުރަތަމަ އުފެއްދީވެސް "ޓާޓާސަންސް" އިންނެވެ. އެކުންފުނީގެ ވަކި ވިޔަފާރިއެއްގެ ގޮތުގައި "އެއާއިންޑިއާ" އުފެއްދީ އިންޑިޔާގެ ފުރަތަމަ ކޮމާޝަލް ޕައިލެޓް ކަމަށްވާ ޖޭއާރްޑީ ޓާޓާ އެވެ.

ޓާޓާ ކުންފުނީގެ ފައުންޑަރު ޖޭއާރުޑީ ޓާޓާ

އެއަށްފަހު "އެއާ އިންޑިއާ" ގެ ހުރިހާ އެސެޓްތަކާއެކު އިންޑިއާގެ މައި ސަރުކާރުން އެއެއާލައިން ގަތީ 1953 ވަނަ އަހަރުގައެވެ. ޓާޓާ ކުންފުނި ނިސްބަތްވަނީވެސް ޖޭއާރްޑީ ޓާޓާ އަށެވެ. ޖޭއާރްޑީ ޓާޓާ އަކީ އިންޑިއާގެ ވަރުގަދަ ވިޔަފާރިވެރިއެކެވެ. އޭނާ އަވަހާރަ ވެފައިވަނީ 1993 ވަނަ އަހަރުއެވެ.

"އެއާ އިންޑިއާ" ކުންފުނީގައި ކުދި ބޯޓުތަކާއި ބޮޑު އަދި މެދު ސައިޒްގެ ބޯޓުތައް ހިމެނޭގޮތަށް 130 މަތިންދާބޯޓު އޮވެއެވެ. ނަމަވެސް މީގެތެރެއިން ގިނަ ބޯޓުތަކަކީ ބައު ބޯޓުތަކެވެ. "އެއާ އިންޑިއާ" ގައި ޕައިލެޓުންނާއި އިންޖިނޭރުންނާއި އިދާރީ މީހުންނާއި ވެރިން ހިމެނޭގޮތަށް 13،000 މުވައްޒަފުން ތިބެއެވެ. އެކުންފުނީގެ އެސެޓްތަކުގެ އަސްލު އަގު 450 ބިލިއަން އިންޑިއަން ރުޕީސް (6 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރާކަމަށްވެއެވެ. އެހެންކަމުން 2.4 ބިލިއަން އެމެރިކާ ޑޮލަރަށް އެކުންފުނި ގަތުމަކީ ޓާޓާ ކުންފުނިން ކުރި ކާމިޔާބު ވިޔަފާރިއެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުންވަނީ ސިފަކޮށްފައެވެ.

comment ކޮމެންޓް