ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ ތަހުގީގު ކުރަން އެމްއެމްސީން ގޮވާލައިފި

ސެޕްޓެމްބަރ 10، 2021: އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ބޭއްވި ހިންގާލުމުގެ ތެރެއިން، -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ކުށްވެރިކޮށްފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ އެ މުޒާހަރާ ފުލުހުން ރޫޅާލުމުގެ ތެރޭގައި، މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާ ލިބިފައިވާކަމުގެ ޝަކުވާ އެ ކައުންސިލަށް ނޫސްވެރިންނާއި މީޑިއާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސް އަޅާފައިވާ ކަމަށާއި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ ޝަކުވާ، ފޮޓޯއާއި ވީޑިއޯއާ އެކު ލިބިފައިވާ ކަން އެމްއެމްސީން ފާހަގަކުރިއެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރޭގައި ޕްރޮފެޝަނަލް ވާޖިބު އަދާ ކުރަމުންދާހާ ހިނދެއްގައި ހަމަ އެއްވެސް ފަރާތަކުން، ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމާއި ނޫސްވެރިންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލުމަށް މަސައްކަތްކުރުމަކީ، އެ ކައުންސިލުގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށް، އެމްއެމްސީން ވަނީ ފުލުހުންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ކައުންސިލުން ގޮވާލިއެވެ.

comment ކޮމެންޓް