ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕު ކުރަން މީގެ ކުރިން ނިންމި ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމު، ސައުދީ އަރަބިއާގައި ކޭމްޕު ކުރަން ނިންމައިފިއެވެ.
ލަންކާ ޓީމަށް ގަތަރުގައި ކޭމްޕު ކުރިއަށް ގެންދިއުމަށް ފުރުސަތު ނުލިބުނީ ލަންކާގެ ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެގައުމުގެ ކުޅުންތެރިންނަށް ވިސާ ހަމަނުޖެހުމުންނެވެ.
ގަތަރުގައި ލަންކާ އާއި ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަޝްވަރާކުރިއެވެ. ނަމަވެސް ލަންކާ ޓީމަށް ގަތަރަށް ދެވޭ ގޮތް ނުވުމުން މިމެޗު ނުކުޅެވޭނެއެވެ.
ކުރީގެ ނިއު ރޭޑިއަންޓުގެ ކޯޗު އަމީރް އެލެގިޗްގެ އިރުޝާދުގެ ދަށުން ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ ލަންކާ ގައުމީ ޓީމުގައި ޔޫރަޕުގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ތިން ކުޅުންތެރިންވެސް ހިމެނެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ ނިކުންނަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ދެވަނަ މެޗުގައި ލަންކާއިން ނޭޕާލް އާ ބައްދަލުކުރާ އިރު ތިންވަނަ މެޗުގައި އެގައުމު ވާދަ ކުރާނީ އިންޑިއާއާއެވެވެ. އެއަށް ފަހު 10 ވަނަ ދުވަހު ބާއްވާ ފަހު މެޗުގައި ލަންކާ ޓީމު ކުޅޭނީ ރާއްޖެއާ ދެކޮޅަށެވެ.