ރާއްޖޭގައި ބާއްވާން ތައްޔާރުވާ ސާފް ޗެމްޕިއަންޝިޕުގައި ހަވީރު ކުޅެން ހަމަޖައްސާފައިވާ ރާއްޖޭގެ ފުރަތަމަ މެޗު ރޭގަނޑު ކުޅޭ ގޮތަށް ހަމަޖައްސައި ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.
ސާފުން މިހާތަނަށް މިއީ ޝެޑިއުލަށް ބަދަލު ގެނައި ތިންވަނަ ފަހަރެވެ. ކުރިން ޝެޑިއުލްގައިވާ ގޮތުން ނޭޕާލާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޮންނާނީ އެއް ވަނަ ދުވަހު ހަވީރުއެވެ. އެހެން ނަމަވެސް މިއަދު ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު ނޭޕާލާއި ރާއްޖެ މެޗު މިހާރު ކުޅޭނީ އެއް ވަނަ ދުވަހުގެރޭގައެވެ.
އެހެން ކަމުން އެ ދުވަހު ހަވީރު މެޗުގައި ދެން ކުޅޭނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗެވެ. ކުރިން އެ މެޗު ކުޅޭ ގޮތަށް އޮތީ ހުޅުވާ ދުވަހުގެ ރޭގަނޑެވެ.
އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ މެޗު ރޭގަނޑަށް ބަދަލުކުރީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރޭގަނޑު ބާއްވާ ގޮތަށް ނިންމުމުން ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ތިބީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްއެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ)އެވެ.
ނޭޕާލް މެޗަށް ފަހު ރާއްޖެ ދެން ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި ސްރީލަންކާ އާ ދެކޮޅަށް ކުޅޭއިރު ފަހު މެޗުގައި ރާއްޖެ ނިކުންނަނީ އިންޑިއާ އާ ދެކޮޅަށެވެ.