ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕު ބަލަން ގަލޮޅު ދަނޑަށް ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމްއާއި ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމި ނަމަވެސް އެ ފުރުސަތު ލިބޭނީ ހަމައެކަނި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ގަލޮޅު ދަނޑުގެ ސަހަރާފަޅި ސިޑި ބަރިއާއި އިރުމަތީ ފަޅި (ބޮޑު ގޭޓު ފަޅި) ބަންދުކުރީ 2018 ވަނަ އަހަރު ޕްލޭނިން މިނިސްޓްރީއިންނެވެ. ސިޑި ބަރިތަށް ބަންދުކުރީ ސިޑި ބަރީގައި ރެނދުލުމުގެ ސަބަބުންނެވެ.
އެއަށްފަހު މި ވޭތުވެ ދިޔަ ތިން ވަރަކަށް އަހަރުގެ ތެރޭ ދަނޑުގައި ކުޅުނު ގިނަ މެޗުތަކަށް މާ ގިނަ ސަޕޯޓަރުންނަށް ވަނުމުގެ ފުރުސަތު ދީފައި ނުވާ އިރު، އެންމެ ފަހުން ދިވެހި ސަޕޯޓަރުންނަށް މެޗެއް ބަލާލުމުގެ ފުރުސަތު ދީފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ވޯލްޑް ކަޕް ކޮލިފައިންގްގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށެވެ. އެ މެޗު ބަލަން ދޫކޮށްފައިވަނީ ޖުމުލަކޮށް މަދު އަދަދެއްގެ ޓިކެޓްކޮޅެކެވެ.
މަރާމާތުގެ މަސައްކަތަށް ފަހު ބޮޑު ދަނޑުގެ ސަހަރާފަޅީގެ ސިޑި ބަރީގެ ތިރީ ބަޔަށް ސަޕޯޓަރުން ވައްދާނެކަން "ސަން"އަށް ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފައެވެ. އެގޮތުން އޮފިޝަލް ވިދާޅުވީ އެތަނުގައި ސަޕޯޓަރުން ވެއްދުމަށްޓަކައި އެންމެ ފުރަތަމަ އަޑިން ޖުންގު ޖަހަން ނިންމައިފައިވާ ކަމަށެވެ.
"އަޑިން ޖުންގު ޖަހާފަ ބެރި ވިއްދާފަ އެތަނަށް މީހުން ވައްދާނީ. އަދި އޭގެ ކުރިން އިންޖިނޭރުން އައިސް ދިރާސާ ކުރާނެ މީހުން ވެއްދޭތޯ. މީހުން ސަހަރާ ފަޅިއަށް ވައްދާނީ ވެސް ކޮންޓްރޯލް ކޮށްގެން ވަކި ވަރަކަށް" އޮފިޝަލް ވިދާޅުވިއެވެ.
މި މަސައްކަތާ އެކު ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ އުންމީދު އައުވެފައިވާ އިރު، އެފްއޭއެމްގެ ރައީސް ބައްސާމް ރޭ ސާފް ޗެމްޕިއަންޝިޕް ލޯންޗިންގް ކެމްޕޭނުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮވިޑް ވެކްސިން ދެ ޑޯޒު ޖެހި ކޮންމެ ދިވެހި ސަޕޯޓަރަކަށް ގަލޮޅު ދަނޑަށް ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ގަލޮޅު ދަނޑަށް ވަނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ދަނޑުގެ ސިޑިބަރިތަށް އެންމެ ފަހުން މަރާމާތުކޮށްފައިވަނީ 1980ގެ ފަހު ކޮޅުގައެވެ. ފަހުގެ ތާރީހެއްގައި ގަލޮޅު ދަނޑުގައި މަރާމާތުގެ އެންމެ ބޮޑު މަސައްކަތެއް ކުރިއަށް ގޮސްފައި ވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖު ކަޕަށެވެ. އެފަހަރުގެ މުބާރާތައް ދަނޑުގެ ވީއައިޕީ ފަޅި ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.