އިހުތިޖާޖުގައި ބައިވެރިވީ ސަރުކާރުގެ އަނިޔާއަށް ކެތް ނުކުރެވިގެން: ޖިހާދު

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ އިހުތިޖާޖެއްގައި މިއަދު ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަތީ ސަރުކާރުން އެމަނިކުފާނަށް ކުރާ އަނިޔާއަށް ކެތް ނުކުރެއްވިގެން ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދަން" ނަމުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވާހަކަދައްކަވަމުން ޖިހާދު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރެއްގެ ތެރެއިން ކުރިމަތި ނުވާ މިންވަރަށް މި ސަރުކާރުގެ ތެރެއިން އޭނާއަށް އަނިޔާއާއި އެކި އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑަށް އިހުސާސްވަނީ ކަރުގައި ހަންޖަރު ޖައްސާފައި ހުރިހެން. މިއަދު އަޅުގަނޑު މިތަނަށް އައިސް ހުއްޓެން ޖެހުނު ސަބަބަކީ އިބްރާހިމް މުހަައްމަދު ސޯލިހުގެ ސަރުކާރުން އަޅުގަނޑަށް ކުރާ އަނިޔާއަށް ކެތް ނުކުރެވިގެން. އަޅުގަނޑު މިކަން ނިންމާނީ އިންސާފު ހޯދައިފައި،" ޖިހާދު ވިދާޅުވިއެވެ.

ސެޕްޓެމްބަރު 10، 2021: އިދިކޮޅުން ބޭއްވި "އިންސާފު ހޯދަން" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު -- ފޮޓޯ/ ޕީޕީއެމް

ޖިހާދު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އޭނާ ކޯޓަށް އެއްވެސް މައްސަލައެއްގައި ހާޒިރުކޮށްފައިނުވާކަމަށެެވެ. ނަމަވެސް މި ސަރުކާރު އައިފަހުން 10 ފަހަރު އޭނާ ކޯޓަށް ހާޒިރުކޮށް އެކި ކަންކަމުގައި އޭނާއަށް ފުރައްސާރަކުރަމުން އަންނަކަމަށެވެ.

އަދި މިއީ ސަރުކާރުން އިސްވެ ކުރާ ކަމެއްގެ ގޮތުގައި ވެސް ޖިހާދު މިކަން ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޖިހާދު ވިދާޅުވީ ބޭސްފަރުވާގެ ހައްގާއި އޭނާގެ އާއިލާއާ ބައްދަލުކުރުމުގެ ހައްގު ވެސް އޭނާގެ ކިބައިން ނިގުޅައިގެންފައިވާކަމަށެވެ. އަދި ސަރުކާރުން އެފަދައިން އަމަލުކުރާނަމަ ދެން ފެނިވަޑައިގަންނަވާނީ މަގުމަތީ ހަރަކާތްތަކުން ކަމަށް ޖިހާދު ވިދާޅުވިއެވެ.

"އަޅުގަނޑު 10 ފަހަރު ކޯޓަށް ގެންގޮސްފި އެެއްވެސް ކަމަކާ ނުލާ. ބޭސްފަރުވާއިން އަޅުގަނޑު މަހުރޫމުކޮށްފި. އަޅުގަނޑު ބޭނުންވަނީ އިންސާފު. އެހެންވީމާ ދެން އަޅުގަނޑު އުޅޭނީ މަގުމަތީގައި،" ޖިހާދު ވިދާޅުވިއެވެ.

"އިންސާފު ހޯދަން" ނަމުގައި އިދިކޮޅުގެ އިހުތިޖާޖު ފަަށާފައިވަނީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.

ޖިހާދުގެ އިތުރުން އެ ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ އިހުތިޖާޖުގައި ވާހަކަދައްކަވާފައެވެ. އަދި ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް އިހުތިޖާޖުގެ ބައިވެރީންނަށް ވަނީ ފެނިލައްވައިފައެވެ.

މި އިހުތިޖާޖުގައި ޕީޕީއެމަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް