އައިއެސްގެ މަޖައްލާއަކަށް ރާއްޖެއިން ބަޔަކު ލިޔުން ފޮނުވާކަމުގެ ތުހުމަތު!

އައިސިސް ރަމްޒުކޮށްދޭ ފޮޓޯއެއް --ފޮޓޯ: އޭއެފްޕީ

ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައިސިސް ޖަމާއަތުގެ މަޖައްލާ "ވޮއިސް އޮފް ހިންދް" އަށް ރާއްޖެއިން ބަޔަކު ލިޔުން ފޮނުވާކަމުގެ ތުހުމަތު އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ)އިން ކޮށްފިއެވެ.

އެންއައިއޭއާ ހަވާލާދީ އިންޑިއާގެ ދަ ޕްރިންޓް ނޫހުގައި ބުނީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް އެ މަޖައްލާއަށް ލިޔުން ފޮނުވާކަމަށެވެ. އަދި އޭގެތެރޭގައި ބަންގްލަދޭޝް ވެސް ހިމެނޭކަމަށެވެ.

އެ ލިޔުންތައް ރާއްޖެ އާއި އެހެން ގައުމުތަކުން ފުރަތަމަ ފޮނުވަނީ އަފްޣާނިސްތާނަށެވެ. އަދި އެގައުމުގައި މަޖައްލާ ހިންގުމުގައި އިސްކޮށް ތިބޭ ބަޔަކު ކިޔުމަށް ފަހު، އެމީހުން ހުއްދަ ދޭ ލިޔުންތައް ޝާއިއު ކުރުމަށްޓަކައި ޕާކިސްތާނަށް ފޮނުވަނީއެވެ. އެއަށް ފަހު ހުރިހާ ލިޔުންތައް އެއްކޮށް، މަޖައްލާއެއްގެ ގޮތުގައި ނެރެނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ބަޔެކެވެ.

"ވޮއިސް އޮފް ހިންދް"ގެ ނަމުގައި ނެރެމުން އަންނަ މި މަޖައްލާއަކީ އައިސިސްގެ ވިސްނުމާއި ފިކުރު މި ސަރަހައްދުގެ ޒުވާނުންގެ ތެެރޭގައި، ހާއްސަކޮށް އިންޑިއާގެ ޒުވާނުންގެ މެދުގައި ފެތުރުމަށް ބޭނުން ކުރަމުން އަންނަ މަޖައްލާއެކެވެ.

އެގޮތުން އެންމެ ފުރަތަމަ އެންއައިއޭ އަށް މި މަޖައްލާ ހިންގާ ތަނެއްގެ ގޮތުގައި ފާހަގަކުރެވުނީ އަފްޣާނިސްތާނެވެ. ނަމަވެސް ދެކުނު ކަޝްމީރުގެ ލިިންކަކުން މި މަޖައްލާ ނެރެން ފެށި ހިސާބުން އެއީ ޕާކިސްތާނުގައި އޮޕަރޭޓްކުރާ މަޖައްލާއެއްކަން ހާމަވެފައިވާކަމަށް އެންއައިއޭއިން ބުނެއެވެ.

"މި ހުރިހާ ދުވަހަކާ ހަމައަށް އަހަރެމެން ގަބޫލްކޮށްގެން ތިބީ މިއީ އަފްޣާނިސްތާނުގެ ތެރޭގައި ކުރެވެމުން އައި ކަމެއްކަމަށް. އެކަމަކު މީގެ އަސްލު މި ފެށެނީ ދެކުނު ކަޝްމީރާ ހަމައިން. ގައުމުތަކުން އެކި ލިޔުންތައް އަފްޣާނިސްތާނަށް ވެސް ފޮނުވާ. އެކަމަކު މި އެއްކޮށް ހަދާ އެކައްޗަކަށް ހަދަނީ ޕާކިސްތާނުގައި،" އެންއައިއޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހަމައެއާއެކު ޕާކިސްތާނުގައި މި މަސައްކަތުގައި ހަރަކާތްތެރިވަނީ އިނގިރޭސި ބަސް ދަންނަ ޒުވާން އަންހެނުންނާއި ފިރިހެނުންކަމަށް ވެސް އެ އެޖެންސީއިން ބުނެއެވެ. އަދި ކޮންޓެންޓު ހޯދުމުގެ މަސައްކަތުގައި ވެސް އިސްކޮށް ހަރަކާތްތެރިވަނީ އިންޑިއާ އާއި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ މީހުންކަމަށް އެ އެޖެންސީން ބުންޏެވެ.

އެންއައީއޭ އިން ބުނާ ގޮތުގައި "ވޮއިސް އޮފް ހިންދް"ގެ ނަމުގައި ނެެރޭ މި މަޖައްލާގައި އިންޑިއާގެ އަސްކަރިއްޔާއަށް އަމާޒުކޮށް ހަމަލާ ދިނުމަށް ގޮވާލާ ވާހަކަތައް ވެސް ވަނީ ލިޔެފައެވެ. އަދި ހަރުކަށި ފިކުރަށް މަގުފަހިވާހެން ޖިހާދުކުރުމުގެ ވާހަކަތައް ވެސް ހިމެނޭކަމަށް ބުންޏެވެ.

comment ކޮމެންޓް