ޗެތުރީގެ ގޯލާ އެކު ފަހު މެޗުގައި ނޭޕާލް އަތުން އިންޑިއާ މޮޅުވެއްޖެ

އިންޑިއާއާއި ނޭޕާލް ބައްދަލު ކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން ---

އަންނަ މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާއާއި ނޭޕާލް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން އިންޑިއާ މޮޅުވެއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ 1-2 ގެ ނަތީޖާއަކުން އިންޑިއާ ކުރި ހޯދައިގެންނެވެ. މި ދެ ޓީމުން ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވި އިރު، އިންޑިއާއިން ވަނީ ކުރީ މެޗާ ޙިލާފަށް މިއަދުގެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ.

އަންނަ މަހުގެ އެކަކުން ސޯޅައަށް ރާއްޖޭގައި ބާއްވާ ސާފަށް ތައްޔާރުވުމަށް އިންޑިއާއިން އެ މީހުންގެ ސީނިއާ ޓީމު އެކުލަވާލައިފައިވާ އިރު، އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައި އެގައުމުން ބައިވެރި ކުރީ 23 އަހަރުން ދަށުގެ ޓީމެވެ.

މިއަދުގެ މެޗުފެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހެއެވެ. ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނަޓުގައި އިންޑިއާއަަށް ލީޑު ނަގައިދިނީ ފާރޫކް ޗޯދަރޫ އެވެ. އެއަށްފަހު 80 ވަނަ މިނަޓުގައި އިންޑިއާއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ކެޕްޓަން އަދި ރެކޯޑް ގޯލް ސްކޯރާ ސުނިލް ޗެތުރީ އެވެ.

އިންޑިއާއިން ދެވަނަ ގޯލު ޖަހާފައިވަނިކޮށް 87 ވަނަ މިނަޓުގައި ނޭޕާލަށް ފަރަގު ކުޑަކޮށްދިނީ ޓެޖް ތަމަންގްއެވެ.

އޮކްޓޯބަރު 1- 16 އަށް ރާއްޖޭގައި ބާއްވާ މުބާރާތުގައި ވާދަކުރާނީ ސާފުގެ ހަތް ގައުމުގެ ތެރެއިން ފަސް ގައުމެވެ. ބޫޓާންގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން އެ ގައުމުގެ ޓީމު ގައުމުން ބޭރަށް ފުރުމުގެ ހުއްދައެއް ނެތެވެ. އެހެންވެ ބޫޓާނުން ވަނީ މުބާރާތުގައި ވާދަނުކުރާނެކަން ރަސްމީކޮށް އަންގައިފަ އެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގައެވެ.

comment ކޮމެންޓް