އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ރައީސްގެ މެމްބަރުން އިންތިހާބުކޮށްފި

އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފިއެވެ.

އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ ތެރެއިން ޖުމްލަ 18 މެންބަރުން ވާދަކުރިއެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އެކުލެވިގެންވަނީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 18 މެންބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ނުވަ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށް ވަފާތެރި ނުވަ މެންބަރުންނެވެ.

އިންތިހާބުގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަކި ކޮޅަކަށް ތާއީދު އޮތް މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު ވެސް އަދި ރައީސް ސޯލިހުގެ ޅިޔަނެއް ކަމުގައިވާ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

https://sun.mv/156120

އެގޮތުން މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލައިފައެވެ. އެ އިންތިހާބު ކާމިޔާބު ކުރީ ރައީސް ސޯލިހަށް ތާއީދު އޮތް މެންބަރުންނެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހޮވުނު މެންބަރުން

ކެންޑިޑޭޓު ނަންބަރު 7. އަހުމަދު ރިޝްވާން (71 ވޯޓު)

ކެންޑިޑޭޓު ނަންބަރު 8. ފާތުމަތު އިނާޝާ (66 ވޯޓު)

ކެންޑިޑޭޓު ނަންބަރު 9. ހުސައިން ރަޝީދު (66 ވޯޓު)

ކެންޑިޑޭޓު ނަންބަރު 10. އިބްރާހީމް މުހައްމަދު ދީދީ (67 ވޯޓު)

ކެންޑިޑޭޓު ނަންބަރު 11.އަހުމަދު މައުރޫފް (67 ވޯޓު)

ކެންޑިޑޭޓު ނަންބަރު 12. ނައުޝާސް އަބްދުލްއަޒީޒް (63 ވޯޓު)

ކެންޑިޑޭޓު ނަންބަރު 14. އަހުމަދު ނިޝާދް (64 ވޯޓު)

ކެންޑިޑޭޓު ނަންބަރު 16. އާދަމް އާހިރު (65 ވޯޓު)

ކެންޑިޑޭޓު ނަންބަރު 18. އަނަސް އަބްދުއްސައްތާ (76 ވޯޓު)

"މި ނުވަ ބޭފުޅުން ވަނީ އެންމެ ގިނަ ވޯޓު ހޯއްދަވާފަ ދެންމެ ގައުމީ މަޖިލީހުގަ ނެގުނު ވޯޓުން. އެހެންކަމުން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ މެންބަރުން އެއީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ހޮވިއްޖެ،" ވޯޓުގެ ނަތީޖާ އިއްވުމަށްފަހު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިއެވެ.

މިރޭ ނެގި ވޯޓުގައި ޖުމްލަ 120 މެންބަރުން ބައިވެރިވެފައިވާއިރު، ޖުމްލަ ޖުމްލަ ވޯޓުގެ އަދަދަަކީ 1،036 އެވެ. އަދި ބާތިލު ވޯޓުގެ ގޮތުގައި ހަތަރު ވޯޓު ވަނީ ގުނާފައެވެ.

comment ކޮމެންޓް