ނަޝީދުގެ ބަހުގެ ހޫނު ހަމަލާތަކެއް ބިގޭއަށް

ރައީސް ނަޝީދު (ކ)އާއި މެންބަރު ރަޝީދު (ވ)

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

އެމަނިކުފާނު ބިގޭއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައި މިވަނީ އެޕާޓީގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

އެ އިންތިޚާބާ ގުޅިގެން ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި މެސެޖްތަކެއް ފޮނުއްވާފައެވެ. އެ މެސެޖުތައް ހިމެނޭ ސްކްރީންޝޮޓެއް "ސަން"އަށް ލިބިފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަނޑިޔާރުންގެ މަޖިލިސް ހޮވަނީ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ކަމެއް ކުރާން ކަމަށްބުނެ ބިގޭ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުން އެކަހަލަ ކަމެއް ނުވެސް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"އެފަދަ ފިތުނަވެރި ވާހަކަތަކަކީ މި ގުރޫޕުގައި އަޅުގަނޑާ ރައީސުލްޖުމްހޫރިއްޔާއާ ޖެއްސުމަށް ދައްކާ ވާހަކަ. މި ވާހަކަތައް ގަބޫލު ނުކުރުމަށް އެދެން،" ނަޝީދު އިތުރު މެސެޖެއްގައި ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އެ އިންތިޚާބުގައި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަކި މެންބަރުންތަކެއް ހޮއްވެވުމަށް ނަޝީދު ވެސް އަދި ބިގޭ ވެސް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެނގިފައިވާ ގޮތުގައި އެ މެންބަރުންގެ ލިސްޓެއް ބިގޭ ގެންގުޅުއްވައެވެ.

އެ ލިސްޓަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ބިގޭ ގެންގުޅުއްވާ ލިސްޓުގައި އެމްޑީޕީގެ ކަންކަމުގައި އުޅެފައިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ މެދު ގިނަ މައްސަލަތަކެއް ޖެހިފައިވާކަމަށް އެމްޑީޕީގެ އިސް އޮފިޝަލުން ވެސް އެއްބަސްވާއިރު ބެލެވޭ ގޮތުގައި ބިގޭގެ ލިސްޓަކީ ރައީސް ސޯލިހަށް ތާއީދު އޮތް ލިސްޓެކެވެ. ބިގޭއަކީ ރައީސް ސޯލިހުގެ ޅިޔަނެކެވެ.

comment ކޮމެންޓް