60 އިންސައްތަ ނޫސްވެރިންނަށް އޮންލައިން ފުރައްސާރަ ކުރިމަތިވޭ: އެމްޖޭއޭ

ނޫސްވެރިންނަށް ކުރާ ފުރައްސާރަޔާ އަނިޔާގެ މައްޗަށް ތަހުގީގުކޮށް އެމްޖޭއޭއިން އެކުލަވާލި ރިޕޯޓް "ޗޭސިންގް ޖަސްޓިސް" ނެރުމުގެ ހަފްލާގެ ތެރެއިން ނޫސްވެރިންތަކެއް. -- ފޮޓޯ/އެމްޖޭއޭ

ރާއްޖޭގެ 60 އިންސައްތަ ނޫސްވެރިންނަށް އޮންލައިން ފުރައްސާރަޔާ ކުރިމަތިލާން ޖެހޭކަމަށް މޯލްޑިވްސް ޖާނަލިޒަމް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

ނޫސްވެރިންނަށް ކުރާ ފުރައްސާރަޔާ އަނިޔާގެ މައްޗަށް ތަހުގީގުކޮށް އެ އެސޯސިއޭޝަންއިން އެކުލަވާލި ރިޕޯޓް "ޗޭސިންގް ޖަސްޓިސް" ގައި ބުނެފައިވަނީ ފަސް ނޫސްވެރިންގެ ތެރެއިން ކޮންމެ ތިން ނޫސްވެރިއަކީ އޮންލައިން ފުރައްސާރަޔާ ކުރިމަތިލާން ޖެހިަފައިތިބި މީހުން ކަމަށެވެ.

އަދި ފަސް ނޫސްވެރިންގެ ތެރެއިން ކޮންމެ ދެ ނޫސްވެރިއަކަށް ސޯޝަލް މީޑިއާ ނުވަތަ އޮންލައިން ނޫން ގޮތްގޮތަށް ފުރައްސަރަޔާ ކުރިމަތިލާންޖެހޭ ކަމަށް އެމްޖޭއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ރިޕޯޓަރުންގެ ތެރޭގައި ހިމެނޭ 60 އިންސައްތަ ރިޕޯޓަރުން އޮންލައިން ފުރައްސާރަޔާ ކުރިމަތިލާން ޖެހޭއިރު، 30 ޕަސަންޓު ރިޕޯޓަރުންނަށް އާންމު ދިރިއުޅުމުގައިވެސް ފުރައްސާރަޔާ ކުރިމަތިލާންޖެހޭކަމަށް އެމްޖޭއޭއިން ބުނެއެވެ.

އެމްޖޭއޭ އިން ބުނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އޮންލައިން ފުރައްސާރަޔާ ކުރިމަތިލާން ޖެހުނު ނޫސްވެރިންގެ ތެރެއިން 21 އިންސައްތަ ނޫސްވެރިންނަށް އެއްފަހަރު ނުވަތަ ދެފަހަރު އެގޮތަށް ފުރައްސާރަޔާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އަދި 39 ޕަސަންޓު ނޫސްވެރިންނަށް އޮންލައިންކޮށް ދެފަހަރަށް ވުރެ ގިނަ ފަހަރު ފުރައްސާރަޔާ ކުރިމަތި ލާން ޖެހުނު ކަން އެމްޖޭއޭގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި އެމްޖޭއޭއިން ވަނީ ނޫސްވެރިންނާ ދެކޮޅަށް ކޮށްފައިވާ އަދި ކުރަމުން އަންނަ ކުއްތަކުގެ ވާހަކަތަކަށްވެސް އަލި އަޅުވާލާފައެވެ.

އެގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ނޫސްވެރިންނަށް ކޮށްފައިވާ ފުރައްސާރައާއި ނޫސްވެރިން މަރާލުމަށް ކޮށްފައިވާ މަސަކަތްތަކާއި ވީނުވީއެއް ނޭނގި ނޫސްވެރިން ގެއްލުމުގެ މައްސަލަތަކުގެ އިތުރުންވެސް ނޫސްވެރިންނަށް ޖެހިފައިވާ ދަތިތަކުގެ ވާހަކަ ރިޕޯޓުގައި ހިމަނާފައިވެއެވެ.

comment ކޮމެންޓް