ސަރުކާރަށް ފާޑުކިޔައި، ރާއްޖެޓީވީން ދެއްކި ލަވައެއް މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިއްޔެ ބަލަން ފަށައިފިއެވެ.
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ހިނގާލުމާ ގުޅުވައި، ރާއްޖެ ޓީވީން ވަނީ 'ދިވެހީން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖޭ' ނަމުގައި ލަވައެއް ބްރޯޑްކާސްޓުކޮށްފައެވެ.
އެ މީޑިއާގެ އިސް ވެރިއެއްކަމަށްވާ އާމިރު ސަލީމްގެ ޅެމަކަށް ހަދާފައިވާ އެ ލަވައިގައި ވަނީ ސަރުކާރަށް ފާޑުކިޔައި، ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.
އެ މައްސަލައިގައި ބްރޯޑްކޮމްގެ ލީގަލް ޑިރެކްޓަރު ސޮއިކުރައްވައި، ރާއްޖެޓީވީއަށް އިއްޔެ ސިޓީއެއް ފޮނުވައި އެކަން ބަލަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންވެ، މައްސަލަ ބަލައި، ނިމެންދެން ލަވަ ނުދައްކަން އެ ކޮމިޝަނުން އެދިފައިވާއިރު، މައްސަލަ ބަލަނީ ކީއްވެ ކަމެއް ސިޓީގައި ބުނެފައެއް ނުވެއެވެ. ސިޓީއިން އެނގޭ ގޮތުގައި، އެ މައްސަލަ ބްރޯޑްކޮމްއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ސަރުކަރަށް ފާޑުކިޔައި ޕްރޮގްރާމްތައް ގެނެސްދޭ މީޑިއާތަކުގެ މައްސަލަ ބަލައިފައެވެ.
އެގޮތުން ކުރިން އެ ކޮމިޝަނުން ރާއްޖެ ޓީވީގެ މައްސަލަތަކެއް ބަަލައިފައިވެއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެ ސަރުކާރަށް ފާޑުކިޔައި ގެެނެސްދިން ޕްރޮގްރާމްތަކާ ގުޅިގެންނެވެ. އެފަދަ މައްސަލަތަކުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާއިން އެއިރު އެ ސްޓޭޝަން ޖޫރިމަނާކުރިއެވެ.
އެ ފަހުން އެމްޑީޕީގެ ވެރިކަމުގައި އެއިރު އެ ސަރުކާރަށް ފާޑުކިޔައި ޕްރޮގްރާމްތައް ގެނެސްދިން ޗެނަލް 13ގެ މައްސަލަތައް ވެސް ބެލިއެެވެ. އަދި ވަކި ޕްރޮގްރާމްތަކާއި، ލަވަތައް ވެސް ނުގެންނަން އަންގައިފައިވެއެވެ.
މިފަހުން ބްރޯޑްކޮމްއަށް ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އައްޔަންކޮށްފައެވެ.