މިދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑް އަދަދަކަށް ނޫސްވެރިން މަރާލާފައިވާކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފިއެވެ.
ސީޕީޖޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ 2024 ވަނަ އަހަރު 18 ގައުމެއްގެ ގާތްގަނޑަކަށް 124 ނޫސްވެރިން މަރުވެފައިވާއިރު، އެއީ މީގެ 30 އަހަރު ކުރިން އެ ޖަމިއްޔާއިން ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންނަށް އެންމެ ނުރައްކާތެރި އަހަރު ކަމަށެވެ.
ސީޕީޖޭއިން ބުނީ އިސްރާއީލާއި ޣައްޒާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލު އަސްކަރިއްޔާއިން 85 ނޫސްވެރިން މަރާލާފައިވާ ކަމަށެވެ. ހާދިސާތަކުގެ ތަހުގީގުތައް ފޮރުވައި، ނޫސްވެރިން ކުށްވެރިކޮށް، މަރުތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ވެސް އިސްރާއީލުގެ މައްޗަށް ސީޕީޖޭން ވަނީ ކޮށްފައެވެ.
އެކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ތުހުމަތު ކުރެވޭ ހާދިސާތަކާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށާއި އެހެންކަމުން އެ ކަންކަން ޗެކް ނުކުރެވޭ ކަމަށާއި ނޫސްވެރިންނާއި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ފިޔަވަޅެއް އަޅާ ކަމަށެވެ.
މިދިޔަ އަހަރު މަރުވި ނޫސްވެރިންނާއި މީޑިއާގެ މަސައްކަތްތެރިންގެ އަދަދު ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ސީޕީޖޭ އިން ބުނެއެވެ. މީގެ ކުރިން ރެކޯޑް އަދަދަކަށް މީހުން މަރުވެފައިވަނީ 2007 ވަނަ އަހަރެވެ. އެ އަހަރު 113 ނޫސްވެރިންގެ ފުރާނަ ގެއްލުނުއިރު، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނޫސްވެރިން މަރުވީ އިރާގު ހަނގުރާމައިގެ ސަބަބުން ކަމަށް ސީޕީޖޭއިން ހާމަކޮށްފައިވެއެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ނޫސްވެރިން މަރާލާފައިވަނީ ސޫދާނާއި ޕާކިސްތާނުގައެވެ.
ސީޕީޖޭން ބުނީ ގަސްދުގައި ނޫސްވެރިން މަރާލާފައިވާ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވެފައިވާ ކަމަށާއި، މިދިޔަ އަހަރު ހެއިޓީ، މެކްސިކޯ، މިޔަންމާ، ސޫދާން އަދި އެހެނިހެން ގައުމުތައް ހިމެނޭހެން ގާތްގަޑަކަށް 24 ނޫސްވެރިން އެ މީހުންގެ މަސައްކަތުގެ ސަބަބުން ގަސްތުގައި މަރާލާފައިވާ ކަމަށެވެ.
އެގޮތުން އިސްރާއީލުން ގަސްދުގައި މަރާލި 10 ނޫސްވެރިންގެ މައްސަލައިގައި ލިޔެކިޔުން ލިބިފައިވާކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.