ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އިންސާފު ނުލިބުމާ ގުޅޭ ރިޕޯޓެއް އެމްޖޭއޭއިން ނެރެފި

އެމްޖޭއޭގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރު މުހައްމަދު ޖުނެއިދެ -- ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އާ ގުޅިގެން ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކަށް އިންސާފު ނުލިބޭ މައްސަލައިގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ނެރެފިއެވެ.

އެމްޖޭއޭ އާއި އައިއެފްޖޭއިން އިއްޔެ ނެރުނު "ޗޭސިން ޖަސްޓިސް" ރިޕޯޓަކީ ބްރިޓިޝް ހައި ކޮމިޝަންގެ އެހީއާ އެކު އެ ދެ ޖަމިއްޔާއިން ކޮމިޝަންކޮށްގެން ތައްޔާރު ކުރި ރިޕޯޓެކެވެ. އެ ރިޕޯޓަށް ބޭނުންވާ ދިރާސާތައްކޮށް، ލިޔެ ތައްޔާރުކޮށްފައި ވަނީ ފަޒްލާ އަބްދުލްސަމަދެވެ.

އެ ރިޕޯޓުގެ ފުރަތަމަ ޗެޕްޓަރުގައި ރާއްޖޭގެ ސިޔާސީ ތާރީހާއި އެކި ސަރުކާރުތަކުގެ ސަބަބުން ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބުނު ގެއްލުންތައް ސިފަކޮށްދީފައިވެއެވެ. އެގޮތުން 2012 އާއި 2018އާ ދޭތެރޭ ނޫސްވެރިންނަށް ހަމަލާދީ، މީޑިއާ އައުޓްލެޓްތަކަށް އިންޒާރުދީ، ނޫސްވެރިން މަރައި، ގެއްލުވާ، ނުހައްގުން ހައްޔަރުކޮށް، އިންޒާރުދީ ބިރުގަންނުވާ، ޖިސްމަށް އަނިޔާކޮށް، އަބުރުގެ ގާނޫނެއް ތަސްދީގުކޮށް ޖޫރިމަނާކޮށް ހެދި ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެއަށް ފަހު ދެވަނަ ޗެޕްޓަރުގައި ފާހަގަކޮށްފައި ވަނީ ނޫސްވެރިންނާ ދެކޮޅަށް ކުރާ ކުށްތަކާއި އެފަދަ ކުށްތައް ހުއްޓުވުމަށް މިހާރު އޮތް ސަރުކާރުން ކުރާ މަސައްކަތްތަކެވެ. އަދި އެފަދަ ކުށްތަކާ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ކުށްކުރާ ގޭންގުތަކާ އޮތް ގުޅުމާއި، އޭގެ ސަބަބުން ގާނޫނީ ވެރިކަމާއި ނޫސްވެރިންނަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ގޮތްތައް ކިޔާދީފައިވެއެވެ.

އިނގިރޭސި ހައި ކޮމިޝަނަރު ކެރޮން ރޮސްލާ -- ފޮޓޯ: އެމްޖޭއޭ

މީގެ އިތުރުން، ނޫސްވެރިންނަށް ކުރާ ގަނާތަކުގެ ތާރީހާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ވާހަކައާއި ނޫސްވެރިންނަށް އޮތް ނުރައްކަލުގެ މިންވަރާ ބެހޭ ގޮތުން ހަދާފައިވާ ސާވޭއެއްގެ ނަތީޖާވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން ކުރާ މަަސައްކަތްތަކަށް އެ ރިޕޯޓުގެ ޒަރިއްޔާއިން އެހީ ފޯރުކޮށްދެވޭނެއެވެ.

"ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ބޮޑު އެހީއެއް ކަމަށް މި ރިޕޯޓު ވާނެ. މީޑިއާތަކުގެ ހައްގުތަކަށް އަރައިގަނެފައިވާ މިންވަރާއި ކުށްތައް ކުރާ މީހުންނަށް މިނިވަންކަން ދެވިފައިވާ ގޮތްތައްވެސް [ރިޕޯޓުގައި] ހިމަނައިފައި އެބައޮތް،" ހަމްދޫން ވިދާޅުވިއެވެ.

އެ ރިޕޯޓު ދައްކާލަމުން އައިއެފްޖޭއިން ރާއްޖޭގެ ސަރުކާރަށް ގޮވާލާފައި ވަނީ މީޑިއާ އާއި މުޖުތަމައާ ގުޅިގެން މީޑިއާގެ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް ކުށްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އޮތް ހުރަސްތަކަކީ ކޮބައިކަން އޮޅުންފިލުވުމަށެވެ.

comment ކޮމެންޓް