ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައިފި

ޖުލައި 5، 2020: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން އެކުލަވާލަންޖެހޭ ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު މިހާރު އެކުލަވާލަވާލާފައިވާ ކަމަށެވެ.

އަދި މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

.އެކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މަސައްކަތް މިއަދު ފެށިގެން ދިޔައީ ގާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަން މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް އެފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒް ކުރުމުގެ ގާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުން ދާނެކަމުގެ ޔަގީންކަން މިނިސްޓަރު އިމްރާން ވަނީ އަރުވާފައެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމަށްޓަކައި ޓެރަރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތު ބަދަލުކުރުމުގެ އޮނިގަނޑު ވީހާވެސް އަވަހަކަށް ގާއިމުކޮށް އަމަލުކުރަން ފެށުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ 241 ކޮމިޓީން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

އޭގެ އިތުރުން އިންޓެލިޖެންސް މައުލޫމާތާ ގުޅޭ ކަންކަން ބަޔާންކުރާ ގައުމީ އިންޓެލިޖެންސްގެ ގާނޫނެއް އެކުލަވާލުމަށްވެސް 241 ކޮމިޓީން ވަނީ ނިންމާފައެވެ.

https://sun.mv/154050

ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާކަމަށް އެ ހަމަލާއަށްފަހު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ. އަދި އެމްއެންޑީއެފްއަށްވެސް އެ ހަމަލާގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އެއާއެކު އިންޓެލިޖެންސް ފެއިލްވެފައިވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް