އެމްޑީޕީއަކަށް ދެން ވެރިކަމެއް ނުލިބޭނެ: އުމަރު

އުމަރު ނަސީރު---

މިހާރު ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދެން ރާއްޖޭގެ ވެރިކަން ނުލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ މައްޗަށް ވެރިވެގަންނަމުންދާ ކަމަށާއި އެކަން އެހެން ވަނީ ރާއްޖޭގެ ތިބި ވެރިންގެ "ވިސްނުން ތިލަވުމުން" ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައިފި ނަމަ ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަަމަށެވެ. އަދި އެމްޑީޕީއަށްވެސް ދެން ރާއްޖޭގެ ވެރިކަން ނުލިބޭނެކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އިބްރާހީމް މުހައްމަދު ސޯލިހު ދެން އަންނަ އިންތިހާބެއްގަ ބަލިވާނެކަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް އިނގޭތޯ ބަލިވާނެ ކަމާ ދޭތެރޭ. އެމްޑީޕީއަށް ދެން ވެރިކަން ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެކަން އެނގޭނެ އިންޑިއާއަށްވެސް." އުމަރު ވިދާޅުވިއެވެ.

އެމްޑީޕީ އޮތީ އިންޑިއާއަށް ވިކިފައި ކަމަށް ދޭހަވާ މޭރުމުން ވާހަކަދައްކަވަައި އުމަރު ވިދާޅުވީ، ދެން އަންނަ އިންތިހާބެއްގައި ރައްޔިތުން އެމްޑީޕީއަށް ވޯޓު ނުދޭނެކަން އިންޑިއާއަށް މިހާރު އެނގޭ ކަމަށެވެ. އެހެންވެ އިދިކޮޅު ޕާޓީގެ ތެރެއަށް އެ މީހުންގެ މީހުން ވެއްދުމަށް އިންޑިއާއިން މިހާރު މަސައްކަތް ކުރާ ކަމަށެވެ.

އެމްޑީޕީއަށް ދެން ވެރިކަން ނުލިބޭނެ ކަން ފާހަގަކުރައްވައި އުމަރު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ގިނިކަންޏާ ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި، އިންޑިއާ މީހުން ރާއްޖެއަށް އަތްގަދަ ކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވޭނީ ހަމައެކަނި އެބޭފުޅާއަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް އުމަރު އިތުރަށް ވިދާޅުވިއެވެ.

comment ކޮމެންޓް