ސަރުކާރުން އެމްޑީޕީގެ އުސޫލުތައް ބޮލާލާޖަހައިގެން ނުވާނެ: ޔޫތު ވިންގް

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، 2019 ގައި އޮތް އެމްޑީޕީގެ ޔޫތު ވިންގުގް ކޮންގްރެސްގައި -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ އަސާސުތަކަށް ސަރުކާރުން އިހުތިރާމުކުރަންޖެހޭނެކަމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފި, "ޒުވާނުންގެ ހިތްވަރު"އިން ބުނެފިއެވެ.

އެ ޕާޓީގެ އެ ގޮފިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އާންމުކުރެއްވި ބަޔާނުގައިވާ ކަންކަންކަމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެމްޑީޕީ އިން އަބަދުވެސް ވަކާލާތުކުރާނީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށެވެ.

ޒުވާނުންގެ ހިތްވަރުން ބުނީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިންތިހާބުގައިވެސް އެ ޕާޓީން ވި އެންމެ މުހިންމު އެއް ވައުދަކީ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރު ވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވައުދުތައް ކަމަށެވެ. އަދި މީގެ އިތުރުން އަނިޔާވެރި އަމަލުތައް ހުއްޓުވެން އޮތް ހަމައެކަނި މަގަކީ ނަފްރަތުގެ އަމަލުތައް ކަނޑައަޅާ ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހު ފާސްކޮށްގެންކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެހެންނަމަވެސް ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއުނުކޮށް މުޖުތަމައުގައި ނަފްރަތު އުފުދެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މި ޕާޓީގެ އަސާސްތަކާ ހިލާފަށް ނިންމި ނިންމުމެއްކަމުގައި މި ޕާޓީގެ ޒުވާނުންގެ ހިތްވަރުން ދެކެމެވެ." އެ ބާޔާނުގައި ބުންޏެވެ.

އަދި ޕާޓީގެ އަސާސްތަކަށް އިހްތިރާމްކުރުމަށްވެސް ސަރުކާރަށް ގޮވާލައިފައިވެއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުން މި ބަޔާން ނެރެފައި މިވަނީ އިއްޔެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަދާލަތަށް ފާޑުކިޔާ ބަޔާނެއް ނެރުއްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބަޔާން ކުށްވެރިކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް