އަދާލަތުގެ ފަރާތުން ކޯލިޝަނަށް ލިބުނު ފައިދާއެއް ނެތް: ނަޝީދު

ރައީސް ނަޝީދު އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއާ އެކު --- ސަން ފައިލް ފޮޓޯ

ވެރިކަން ކުރާ މައި ކޯލިޝަންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތަކާއެކު 2018 ގެ ރިޔާސީ އިންތިހާބު ރައްޔިތުން ކާމިޔާބުކޮށްދިނީ މިނިވަންކަމާއެކު ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.

އެހެންނަމަވެސް ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ކުޑަ ހިއްސާއެއް އޮންނަ އަދާލަތު ޕާޓީއާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު ރައީސް ސޯލިހު ހުންނެވީ ސާފުކޮށް ޖާގަދެއްވައިގެން، ކޯލިޝަނުގައި ކުޑަ ހިއްސާއެއް އޮތް އަދާލަތަށް، އެމްޑީޕީއާ ސަރުކާރުގެ ނިންމެވުންތަކަށް ފާޅުގައި ނުފޫޒު ފޯރުވަން. މިކަމުން ޔަގީންވޭ އެބަ މިހާރު ކޯލިޝަނުގެ ކަންކަން ހިނގާ ގޮތުން ޑިމަކުރަސީގެ ހަމަތަކާ ސީދާ ހިލާފުވާކަން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ކުރިއެރުމަށް ލޯބިކުރާ ބައެއްކަމަށެވެ. އަދި މިނިވަންކަމާއި، މިޔުޒިކާއި، ސަގާފަތަށް ލޯބިކުރާ، އިގްތިޞާދީ ކުރިއެރުން ހޯދުމަށް އެދޭ ބައެއް ކަމަށް ވިދާޅުވިއެވެ.

"ދިވެހީން ގާއިމުވެ ތިބީ މެދުމިނުގެ ދީނީ ވިސްނުމުގެ މަތީގައި. ހަމައެއާއެކު ދިވެހީން ވޯޓު ދިނީ މިކަންކަން ގަބޫލުކުރާ އަދި ކުރިއެރުން ގެނޭސްދޭނެ ކެންޑިޑޭޓުންނަށް. ދިވެހީން ވޯޓު ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ދިވެހީންގެ މިނިވަންކަމަށް ނޫނެކޭ ބުނާ ބަޔަކަށް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕުން އަދި އެ ޕާޓީންވެސް "ކުޑަކުޑަ" ޕާޓީއަކާ ހެދި ޑިމަކުރަސީގެ އުސޫލުތައް ތަންފީޒުކުރުމުގައި ބިރުންގޮސް ފަސް ޖެހިގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ވަކާލާތުކުރާ އެންމެ އަސާސީ ސިފަތައް ދިފާއުކުރުމުގައި ދެމިތިބުމަށް ވެސް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

"އަދާލަތަކީ އެއްވެސް ވޯޓެއް ކެރީ ކުރާ ޕާޓީއެއް ނޫން," ނަޝީދު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ބަސްފުޅުތައް ވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހާ އެ މަނިކުފާނުގެ ހިޔާލު ތަފާތުކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ޕާޓީ ކަމުގައިވާ ޕީޕީއެމް އާއެކު އިއްތިހާދު ހެދުމަކީ މިވަގުުތު އެމްޑީޕީ އާއި މުޅި ރާއްޖެއަށްވެސް އެންމެ ރަނގަޅުގޮތްމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެހީ ބޭނުންވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް ޕީޕީއެމުން ވަނީ ރައީސް ނަޝީދާއެކު މަސައްކަތްކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ބުނެފައެވެ.

comment ކޮމެންޓް