ގޮއިފުޅަފެހެންދޫއަކީ ޖޯގްރަފީގެ ގޮތުން މާޅޮސްމަޑުލު އަތޮޅާއި ވަކިން އޮންނަ އަތޮޅެކެވެ. ގޮއިފުޅަފެހެންދޫގެ ގޮއިދޫ, ފުޅަދޫ އަދި ފެހެންދޫގައި މީހުން ދިރިއުޅެމުންދާ އިރު, އެންމެ އާބާދީ މަދީ ފެހެންދޫގައެވެ. ކުޑަ އާބާދީއާ ހެދި އެރަށުގެ ސްކޫލު 2008 ވަނަ އަހަރު ބަންދުކުރަން ޖެހުނީވެސް ސްކޫލަށް ދާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުންނެވެ.
އޭގެ ފަހުން ފެހެންދޫގައި ދިރިއުޅޭ ގާތްގަނޑަކަށް 30 އެއްހާ ދަރިވަރުން ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާން ޖެހެނީ ޖެހިގެން އޮންނަ ގޮއިދޫ އަށެވެ. ކޮންމެ ދުވަހަކުވެސް ފަޅެއް ހުރަސްކޮށް ދަތުރުކުރަނީ އެވެ. ވެހޭ ވާރެއެއް އަތްވެއް ތަހައްމަލުކުރަމުން އެ ކުދިން މިވީހާ ދުވަހު ދަތުރުކުރަމުން ދިޔައީ ކުޑަ ޑިންގީއެއްގައެވެ.
މި ތަކުލީފަށް މިދިޔަ އަހަރު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔައީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއިން ފެހެންދޫއަށް ފެރީއެއް ހަދިޔާކުރުމުންނެވެ. އެކަމަކު އެ ފެރީއަކީ ދެ ރަށް ދޭތެރޭ އޮންނަ ތިލަ ފަޅު ހުރަސްކުރުމަށް އެކަށީގެންވާ ފެރީއެއްކަމާމެދު އޭރުވެސް އެރަށުގެ ރައްޔިތުން ދިޔައީ ވިސްނަމުންނެވެ.
އެހެންނަމަވެސް މި ހުރިހާ ދައްޗަކަށް ނިމުމެއް އައުމުގެ މަލަމަތި މިވަނީ ފެންނަން ފަށާފައެވެ. ފެހެންދޫ ސްކޫލް ކުދިން ފަޅު ހުރަސްކުރަން ޖެހޭ ކުރުން ނިމުމުގެ މަލަމަތި ފެންނަން މި ފެށީ ސަރުކާރުގެ ސެޓެލައިޓް ސްކޫލް ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ދަށުން ފެހެންދޫ ސްކޫލްގައި އިމާރާތް އަޕްގްރޭޑް ކުރުމުގެ ގެ މަސައްކަތް ހަވާލު ކުރުމާއެކުގައެވެ.
މިއާއެކު އުފެދޭ އަނެއް ސުވާލަކީ ސެޓެލައިޓް ސްކޫލަކީ ކޮބާތޯއެވެ. ސެޓެލައިޓް ސްކޫލް ކޮންސެޕްޓްއަކީ މައި ބޮޑު ސްކޫލަކާއި ގުޅިފައިވާ އެހެން ކުދި ސްކޫލުތަކެވެ. މައި ސްކޫލު އެހެން ތަނެއްގައި ހުރިނަމަވެސް އެ ސްކޫލުގެ ދަށުން ހިންގާ ކުދި އެހެން ސްކޫލުތައް އެހެން ސަރަހައްދުތަކުގައި އޮޕަރޭޓްކުރަމުންދާނެއެވެ. ބަލާނީ މައި ސްކޫލުގެ ބައެއްގެ ގޮތުގައެވެ. މިއީ ރާއްޖެ ފަދަ ގުދުރަތީ ގޮތުން ކަނޑުގެ ސަރަހައްދު ބޮޑު އަދި ރަށްތަކަކަށް ބަހާލެވިފައިވާފަދަ ގައުމަކާއި ވަރަށް ގުޅޭ ކޮންސެޕްޓެއްކަމަށްވެސް ބެލެވިދާނެއެވެ.
ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ފެހެންދޫ ސްކޫލްގެ 02 ކްލާސްރޫމް އަދި އޮފީސް އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓްގައި ސޮއި ކުރީ އިއްޔެއެވެ. ޖުމްލަ 1.3 މިިލިއަން ރުފިޔާގެ މި މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީއިން ހަވާލުކުރީ 30 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަސައްކަތް ހަވާލުކުރީ ކޭޑީ އެންޓަޕްރައިސަސްއާއެވެ. ކޭޑީ އެންޓަޕްރައިސަސްގެ ފަރާތުން ސެޓެލައިޓް ސްކޫލު އިމާރަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޓެންޑާ އޮފިސަރު އަބްދުﷲ މާހިރެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

ފެހެންދޫގައި ސެޓެލައިޓް ސްކޫލެއް އިމާރާތްކުރަން ކޭޑީ އެންޓަޕްރައިސަސްއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ/އެޑިއުކޭޝަން މިނިސްޓްރީ
މިއީ 12 ވަރަކަށް އަހަރު ކުރިން ފެހެންދޫގެ ސްކޫލް ބަންދުކުރިފަހުން އެ ރަށުގެ ކުދިން ތަހަައްމަލުކުރާ އެކި ކަހަލަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއްކަމަށް ބެލެވެއެވެ. މި ހުރިހަ ދުވަހު މަޖުބޫރުވެފައިވަނީ ތައުލީމު ހާސިލުކުރުމަށްޓަކައި ހަފުތާއަކު ފަހެއް ނުވަތަ ހަ ދުވަހު ބޮޑު ބޮޑު ފަޅެއް ހުރަސްކޮށް ޖެހިގެން އޮންނަ ގޮއިދޫ ސްކޫލަށް ދަތުރުކުރާށެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ފެހެންދޫ ކުދިންނަށް އާ އުންމީދުތަކެއް ލިބިގެންދާނޭއިރު އެކުދިންގެ ތައުލީމަށްވެސް މިކަމުން ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. އަމިއްލަ ރަށުގައި ކިޔެވުމުގެ ފުރުސަތު އަނެއްކާވެސް ލިބުމުގެ މަލަމަތި ފެންނަން ފަށާފައިވާތީވެއެވެ.