"ކިޔެވުމަށްވެސް އަސަރުކުރޭ، ވިއްސާރަ ދުވަސް ދުވަހު އަންނަން ޖެހެނީ ތެމިފޯވެގެން. އަވިދޭއިރު ދަތުރުކުރަން ވަރަށް ހޫނު." މިއީ ބ. ފެހެންދޫއިން އެ އަތޮޅު ގޮއިދޫއަށް ތައުލީމު ހޯދަން ކޮންމެ ދުވަހަކުހެންމެ ދަތުރުކުރާ ކުއްޖެއްގެ ޝަކުވާތަކެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން ފެހެންދޫގެ ސްކޫލް ބަންދުކުރިފަހުން އެ ރަށުގެ ކުދިންނަށް މަޖުބޫރުވެފައިވަނީ ތައުލީމު ހާސިލުކުރުމަށްޓަކައި ހަފުތާއަކު ފަހެއް ނުވަތަ ހަ ދުވަހު ބޮޑު ފަޅެއް ހުރަސްކޮށް ޖެހިގެން އޮންނަ ގޮއިދޫ ސްކޫލަށް ދަތުރުކުރުމަށެވެ.
"ކޮންމެ ދުވަހަކު ހޭލަނީ ހަޔެއް ޖަހާކަންހާއިރު، ދެން 7:30 ގައި ދަތުރު އޮންނާނީ. ދެން ކިޔަވައި ނިމިގެން 12:00 ހާއިރު އަނެއްކާވެސް އަންނާނީ،" ފެހެންދޫއިން "ސަން" އާ ވާހަކަ ދެއްކި ސްކޫލު ދަރިވަރު ކިޔައިދިނެވެ.
"އިންޓަވަލް ގަޑިޔަށް ދަނީ އެ ރަށުގަ އުޅޭ ރައްޓެއްސެއްގެ ގެޔަށް ކާން. ވަރަށް ކަނޑުގަދަވޭ ބައެއް ދުވަސް ދުވަހު."
ފެހެންދޫގެ ރައްޔިތުން 2008 ވަނަ އަހަރުން ފެށިގެން ތަހައްމަލުކުރަމުންދާ މި ވޭނަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބުނީ ޖުލައި 8 ވަނަ ދުވަހު ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއިއެކު އަވަށްޓެރި އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ ދަށުން ހަދިޔާކުރި ފެރީ ލޯންޗަކާއިއެކުގަ އެވެ.
އެހެންނަމަވެސް ފެހެންދޫގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ދާއިމީ ހައްލެއް ނޫނެވެ. ތައުލީމަށްޓަކައި ކޮންމެ ދުވަހަކުހެން ގޮއިދޫ އާއި ފެހެންދޫއާ ދޭތެރޭ އޮންނަ ފަޅު ހުރަސްކުރަން ޖެހުމަކީ އެކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ.
"އެންމެ ފުރަތަމަ ސުކޫލު ބަންދުކުރީ 2008 ހާ ތާނގައި. އެއީ ދެން ކިޔެވުމުގެ ފެންވަރުވެސް ދަށް، ދެން ސްކޫލަށްދާ ކުދިންވެސް ވަރަށް މަދު ދޯ. ދެން އޭރު ސަރުކާރުންވެސް ބުނި ފެރީ ހަމަޖައްސައިދޭނަމޭ، އެކަމަކު ނުކޮށްދޭ." ފެހެންދޫގެ އެހެން ދަރިވަރެއްގެ ބެލެނިވެރިއަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ސުކޫލު ބަންދުކުރުމުން އެންމެ ފުރަތަމަ އޭރުގެ ސަރުކާރުން ވައުދުވީ ފުރަތަމަ އަހަރު 1،000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ. ޖެހިގެން އަންނަ އަހަރު 2،000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ. މި އެލަވަންސް ލިބެނީ ގޮއިދޫގެ ސްކޫލަށްކަމަށް ބެލެނިވެރިން ބުނާއިރު މިއީވެސް ބެލެނިވެރިންގެ ހިތްހަމަނުޖެހުން އަމާޒުވާ ކަމެކެވެ.
ފެހެންދޫގެ ބެލެނިވެރިޔާ ބުނިގޮތުގައި ގޮއިދޫ އާއި ފެހެންދޫއާ ދެމެދުގައި ދަތުރުކުރަން ހަތް މިނެޓް ވަރު ވިޔަސް ދަތުރުމަތީ ބައެއް ފަހަރު ހޮޑުލެވި ވަރުބަލިވުމުގެ ސަބަބުން ކުދިން ތިބެނީ ކިޔަވާ ހިތްކެނޑިފަ އެވެ.
"އެންމެ ފުރަތަމަ ދަތުރުކުރަން ފެށީވެސް ބޮއްކުރައެއްގައި. ދެން ކުދިންނަށް ހުންނާނީ އިންޓަވަލް ދީފަ. ވަރަށް ދަތި ދޯ އެހެން އުޅެން ޖެހޭތީ އަސްލު. އިރުއޮއްސޭ އިރުވެސް ބައެއް ފަހަރު އާދެވޭ. ވިއްސާރަ ވިއްޔާ ސަތަރިގަނޑު ބޯމަތީ އަޅައިގެން ކުދިން އަންނާނީ. އެގޮތަށް އުޅޭނެ 30 ކަށް ކުދިން." އޭނާ ކިޔައިދިނެވެ.
ފެހެންދޫގެ އެހެން ބެލެނިވެރިއެއް ކިޔައިދިން ގޮތުގައި 2008 ގައި އެ ރަށު ސުކޫލު ބަންދުކުރުމުގައި އެތައް ސަބަބުތަކެއް ވާއިރު އެތަން ބަންދުކުރި މައިގަނޑު އެއް ސަބަބަކީ ރަށުން އެއްވެސް ކަހަލަ އަސާސީ ޙިދުމަތްތަކެއް ނެތުމެވެ.
"އެހެންވެ ގިނަ ބައެއްގެ ވިސްނުން އޮތީ ރަށް ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން." ބެލެނިވެރިޔަކު ކިޔައިދިނެވެ.
އެހެންނަމަވެސް މިހާރު ސްކޫލަށް ދާ ކުދިންގެ އަދަދު 26 ނުވަތަ 30 ކުދިންނަށް އިތުރު ވުމަކީ ރަށުގައި ތިބެގެންވެސް ކިޔަވައިދެވޭނޭކަމުގެ ހެއްކެއް ކަމަށް ބުނަމުން އެ ބެލެނިވެރިޔާ ބުނީ ކުރިޔަށް އޮތް އަހަރުތަކުގައި މި އަދަދު އިތުރުވާނެކަމަށެވެ.
"މިކަމަށްޓަކައި އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ ފެހެންދޫއަށް ވަޑައިގަތް އިރު ރަށުގެ 80 އެއްހާ ބެލެނިވެރިން ވާނީ ޕެޓިޝަނެއްވެސް ހުށަހަޅާފަ. އެކަމަކު އަދި އެޔަށް ޖަވާބެއް ނުލިބޭ." އޭނާ ކިޔައިދިނެވެ.
ބެލެނިވެރިން ބުނިގޮތުގައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިޔާއިން ދިން ފެރީގެ ސަބަބުން އެމީހުން ތަހައްމަލުކުރަންޖެހޭ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުޔެއް ވަނީ ލިބިފަ އެވެ.
އެހެން ނަމަވެސް އެ ރަށުގެ ރައްޔިތުން ތިބީ ކުދިން އަހަރަކަށް ފަހު އަހަރެއް އިތުރުވާތީވެ އަނެއްކާވެސް އެ ރަށުގެ ސްކޫލު ހުޅުވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
"ބަންދުކުރިއިރު ތިބީ ތިނެއް ނުވަތަ ހަތަރު ކުދިން. ދެން ގޮއިދޫއިން ޓީޗަރަކު އައިސްގެންވެސް ކިޔަވައިދިން. އެކަމަކު މިހާރު އެބަ ތިބި 26-30 ކުދިން. އަހަރަކަށްވުރެ އަހަރެއް މިދަނީ އިތުރުވަމުންތާ." ފެހެންދޫގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.
ފެރީ ހިދުމަތަކީ ދާއިމީ ހައްލެއް ނޫން ކަމުގައިވާއިރު ގޮއިދޫ އާއި ފެހެންދޫއާ ދޭތެރޭ ކޯޒްވޭއެއް އެޅުމުގެ ވިސްނުން އޮތަސް އެއީ ރަށުގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި "ޖަޒީރާ" ވަންތަ ދިރިއުޅުމެއް ނޫނެވެ.
ގާތްގަނޑަކަށް 300 އެއްހާ މީހުންގެ އާބާދީއެއް މިވަގުތު ފެހެންދޫގައި އޮތް ނަމަވެސް އެހެން ރަށްތަކުގައި އުޅެމުންދާ އެރަށުގެ ރައްޔިތުން ތިބީ ރަށް ތަރައްގީވަމުންދާ ވަރަކަށް އެރަށަށް އެނބުރި އައުމަށް ބޭނުންވެފަ އެވެ. ރަށުގައި ސްކޫލެއް ހުރުމަކީ އެ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެކެވެ.
"ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ މި ރަށުގައި އަނެއްކާވެސް ސްކޫލު ހިންގާތަން،" ފޮނި އުންމީދުތަކެއް ކުރަމުންދާ ރަށުގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.
ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއިއެކު ފެހެންދޫ ދަރިވަރުންނަށް ލިބުނު ފެރީއަށް ބެލެނިވެރިންގެ ޝުކުރު އޮތަސް، އެ ފަރާތްތަކުން ތިބީ އަދިވެސް ދާއިމީ ހައްލެއްގެ އިންތިޒާރުގަ އެވެ.