އިންޑިއާގައި މާސްޓާކާޑު ދޫކުރުން މަނާ ކުރަނީ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އިންޑިއާގެ ރައްޔިތުންނަށް މާސްޓާކާޑު ދޫކުރުން މަނާ ކުރަން އެގައުމުން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

ދިއްލީ (ޖުލައި 15): އިންޑިއާގައި މާސްޓާކާޑުގެ ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑުތައް އާ ކަސްޓަމަރުންނަށް ދޫކުރުން މަނާ ކުރަން އެގައުމުގެ ސެންޓްރަލް ބޭންކް, ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނިންމައިފި އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެގައުމުން އާ މާސްޓާކާޑު ދޫކުރުން މަނާ ވާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމަވެސް އެ ގަވާއިދުގެ ސަބަބުން މާސްޓާކާޑު މިހާރު ބޭނުން ކުރާ ފަރާތްތަކުގެ ހިދުމަތަށް ބުރުލެއް ނާރާނެ އެވެ.

އާރުބީއައި އިން ބުނި ގޮތުގައި އެ ފިޔަވަޅު އަޅަން ޖެހުނީ މާސްޓާކާޑު ކުންފުނިން އެގައުމުގެ ޑޭޓާ ސްޓޯރޭޖް ގާނޫނާ ހިލާފުވުމުންނެވެ. އެއީ އިންޑިއާގައި ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކާ ބެހޭ މައުލޫމާތު އެގައުމުގައި ހުންނަ ސާވާތަކުގައި ރައްކާކުރަން އަންގާ ގާނޫނެކެވެ.

އެ ގާނޫނާ ހިލާފުވުމުގެ ސަބަބުން މިދިޔަ އޭޕްރިލް މަހު އާރުބީއައި އިން ވަނީ އެމެރިކަން އެކްސްޕްރެސް އާއި ޑައިނާސް ކްލަބުންވެސް އާ ކަސްޓަމަރުންނަށް ކާޑު ދޫކުރުން މަނާކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން މާސްޓާކާޑުން ވަނީ އެ ކުންފުނީގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އަދި 2018 ވަނަ އަހަރު އިންޑިއާއިން ޑޭޓާ ސްޓޯރޭޖު ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން އެ ގާނޫނާ އެއްގޮތަށް އަމަލުކޮށް، އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރަމުން އައި ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ޑޭޓާ ސްޓޯރޭޖް ގާނޫނަށް އިސްލާހުތައް ގެނައުމަށް މާސްޓާކާޑް، ވިސާ އަދި އެމެރިކާގެ ސަރުކާރުން ވެސް ވަނީ އެދިފަ އެވެ. އަދި އެ ގާނޫނުގެ ސަބަބުން އެ ކުންފުނިތަކުން އިންޑިއާގައި ވިޔަފާރި ކުރުމަށް ހަރަދު ކުރަން ޖެހޭ މިންވަރު އިތުރުވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް